އޭވިއޭޝަން ސެކިއުރިޓީ ގެ މައްސަލައަކާ ގުޅިގެން އިޒްރޭލްގެ މަތިންދާބޯޓުތަކުން ޔޫއޭއީއަށް ކުރާ ދަތުރުތައް މަޑުޖައްސާލާފަން ޖެހިދާނެ ކަމުގެ އިންޒާރު އިޒްރޭލުން ދީފިއެވެ.

އިޒްރޭލުގެ އެލްއާލް އާއި އިސްއެއަރ އަދި އަރްކިއާ އިން ޑުބާއީއަށް ސީދާ ދަތުރުތައް ބާއްވައެވެ. ޑުބާއީން އިޒްރޭލަށް ދަނީ ފްލައި ޑުބާއީ އެކްނަޏެވެ. އެމިރޭޓްސްއާއި އިއްތިހާދު ދަތުރުކުރަނީ ޔޫއޭއީގެ ވެރިރަށް އަބޫދާބީންނެވެ.

އިޒްރޭލުން އޭވިއޭޝަން ސެކިއުރިޓިއާ ގުޅިގެން ޑުބާއީއަށް ދީފައިވާ އިންޒާރުގެ މުއްދަތު މިއަދު ހަމަވާނެއެވެ. ނަމަވެސް ސަރުކާރުން މި އިންޒާރުގެ މުއްދަތު އިތުރު ކުރާނެ ކަމަށް ބެލެވެއެވެ.

އޭވިއޭޝަން ސެކިއުރިޓީއަށް ބާރުއަޅަނީ އިޒްރޭލުގެ ޖާސޫސީ އިދާރާ ޝިންބެޓުންނެވެ. ޝިންބެޓުން މިކަންކަމުގެ ތަފްސީލެއް ހާމައެއް ނުކުރާނެއެވެ. ޔޫއޭއީގެ ފޮރިން މިނިސްޓްރީންވެސް މީޑިއާއަށް މިކަމުގެ ތަފްސީލު ދީފައެއް ނުވެއެވެ.

ލަފާ ކުރެވޭ ގޮތުގައި އިޒްރޭލުން ބޭނުން ވަނީ އިޒްރޭލްގެ ބޯޓުތަކުގައި އެއަރ މާޝަލްއިން ބޭތިއްބުމަށާއި އިޒްރޭލުގެ އެއރަލައިންތައް ޕާކް ކުރަން ވަކި ސަރަހައްދެއް ކަނޑައަޅައިދިނުމަށާއި އެތަންތާނގައި އިޒްރޭލުގެ ސަލާމަތީ ފަރާތްތައް ބޭތިއްބުމަށާއި ފަސިންޖަރުންނަށް ވަކި ސަރަހައްދެއް ކަނޑައަޅައި ދިނުމަށާއި ނުވަތަ އިޒްރޭލު ފްލައިޓްތަކަށް ވަކި ޓާމިނަލެއް ހަމަޖައްސައި ދިނުން ފަދަ ކަންތައްތަކެވެ.

ޝިންބެޓުން ބުނެފައި ވަނީ އެވިއޭޝަން ސެކިއުރިޓީގައި އިޒްރޭލުން ދެކޭ ގޮތް ވަރަށް ސީރިއަސް ކަމަށެވެ. އަދި މިކަންކަން ހަމަ ނުޖެހިއްޖެނަމަ ޔޫއޭއީއަށް ދަތުރުތައް ހުއްޓާލާނެ ކަމަށާއި އަދި އެހެން ވެއްޖެ ހާލަތެއްގައި ޔޫއޭއީގެ ފްލައިޓްތަކަށްވެސް އިޒްރޭލަށް ނުވަދެވޭނެ ކަމަށެވެ.

މީގެ އިތުރުން މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އޭގެ އަސަރު މުޅި މެދުއިރުމައްޗަށް ކުރާނެ ކަމަށްވެސް އިންޒާރު ދީފައި ވެއެވެ. ޔޫއޭއީއާ އިޒްރޭލުގެ ގުޅުމަކީ ޓްރަމްޕްގެ އިބާރާހީމީ މުއާހަދާގެ ތެރޭން ކަމަށްވެފައި މިކަންކަން ވެގެންދާނީ އެ މުއާހަދާގައި ތިބުމަށް އެޅޭ ހުރަހަކަށް ކަމަށެވެ.