ވީލް ޗެއާގައި އިނދެގެން ކުޅޭ ކަޝްމީރުގެ ފުރަތަމަ ބާސްކެޓްބޯޅަ ކުޅުންތެރިޔާ އިންޝާ ބަޝީރު، ވަނީ 2019 ވަނަ އަހަރު އެމެރިކާގައި އިންޑިއާ ތަމްސީލުކޮށްފައެވެ. 2019 ވަނަ އަހަރު ޖޭކޭ ވީލްޗެއާ ބާސްކެޓްބޯލް ވިމެންސް ޓީމުގެ ކެޕްޓަންގެ ގޮތުގައި ގައުމީ ޗެމްޕިއަންޝިޕްގައި ބައިވެރިވިއެވެ. ކަޝްމީރުގެ ފުރަތަމަ ވީލް ޗެއާ ބާސްކެޓް ބޯޅަ ކުޅުންތެރިޔާ އިންޝާހް ބަޝީރަށް ކުރިމަގުގައި އޭނާ ކަން ކުރަންވީ ގޮތް ވަރަށް ސާފުކަމަށް ބުނެއެވެ. އޭނާ މަސައްކަތް ކުރަނީ އިންޑިއާގައި ތަފާތުގޮތަކަށް ކުޅެދޭ މީސްމީހުންގެ އަމިއްލަ ދިރިއުޅުމުގައި އެމީހުންނަކީވެސް އިޚުތިޔާރާއި ބާރުލިބިގެންވާ ބައެއްކަން އެމީހުންނަށް ކިޔައިދޭށެވެ.

ސްޕައިނަލް އިންޖަރީއެއްގެ ސަބަބުން އުމުރުން 15 އަހަރުން ފެށިގެން އިންޝާ ދަނީ ވީލްޗެއަރ ބޭނުން ކުރަމުންނެވެ. އެނާ ކިޔައިދިން ގޮތުގައި އެކްސިޑެންޓަށްފަހު އޭނާ މާޔޫސްވިއެވެ. އެކަމަކު ބާސްކެޓް ބޯޅައާއެކު މުޅި ދިރިއުޅުން ބަދަލުވެފައިވާ ކަމަށް ބުނެއެވެ.

ކަޝްމީރުގެ ޝަފްކަތު ރިހެބިލިޓޭޝަން ސެންޓަރުގައި ފިޒިއޮތެރަޕީއަށް ދިޔަ ދުވަސްވަރު އެއް ފަހަރު ޖައްމޫ ކަޝްމީރުގެ ފިރިހެން ވީލްޗެއާ ކުޅުންތެރިންގެ ބާސްކެޓް ބޯޅަ ކުޅޭ މަންޒަރު އޭނާ އަށް ފެނުނެވެ. އެއަށްފަހު އެކަމަށް އަޒުމު ކަނޑައަޅައިގެން ތަމްރީން ކޮށް އެމައިދާނަށް ނިކުތީކަމުގައި އޭނާ ކިޔައި ދެއެވެ.

އިންޑިއާގެ މިނިސްޓަރ ކިރަން ރީޖޫ އިންޝާއާ ސެޓިފިކެޓް ހަވާލު ކުރައްވަނީ

2019 ވަނަ އަހަރު އެމެރިކާގެ ކޮންސިއުލޭޓުން ސްޕޯޓްސް ވިޒިޓަރ ޕްރޮގްރާމްގައި ބައިވެރިވުމަށް އޭނާއަށް ދައުވަތު ދިނެވެ. އުމުރުން 27 އަހަރުގެ މި ޒުވާނާ ބުނާ ގޮތުން އޭނާއަށް އައު ދިރުމެއް ލިބުނީ ބާސްކެޓު ކުޅިވަރުންނެވެ.

އިންޝާ މަޝްހޫރުވެފައި ވަނީ ހަމައެކަނި ކުޅިވަރުގެ ރޮނގުންނެއް ނޫނެވެ. އޭނާއަކީ ޓެޑް އެކްސްގައި ވާހަކަ ދައްކައި އުޅޭ ބަސްމޮށުންތެރިއެއްވެސް މެއެވެ.

އޭނާގެ މައިންބަފައިންގެ ފަރާތުން އޭނާއަށް ހިތްވަރު ލިބުނު ނަމަވެސް އެދުވަސްވަރު ކަޝްމީރުގައި ޚާއްސަގޮތަކަށް ކުޅެދިފައިވާ މީހުންނަށް ކުޅިވަރުގެ ފުރުސަތެއް ނޯވެއެވެ.

އޭނާ ބުނާ ގޮތުގައި އަބަދުވެސް އޭނާ އުޅެނީ ހިޖާބު އަޅައިގެންނެވެ. އޭނާ ދިއްލީ ޓީމާ ގުޅުމުން މީހުން ހީކުރީ ހިޖާބު އަޅާތީ އޭނާ ޓީމުން ބަލައި ނުގަންނާނެ ކަމަށެވެ. އެކަމަކު ކަން ހިނގީ މުޅިން އެއާ ޚިލާފަށެވެ. އޭނާ ވެގެން ދިޔައީ މަގްބޫލު މީހަކަށެވެ.

އޮފިޝަލުން ފެށިގެން ޓީމުގެ އެހެން މެމްބަރުންނާ ހަމައަށް ވެސް ހުރިހާ އެންމެންގެ އެހީތެރިކަން ލިބުނުކަމަށް އޭނާ ބުނެއެވެ. އަދި ހިޖާބު އަޅައިގެން ކުޅޭތީ އެކަން ވެސް އެއްވެސް މީހަކަށް މައްސަލައަކަށް ނުވިއެވެ.

އިންޝާއަކީ ދިއްލީ ޔުނިވާސިޓީން މާސްޓާސް އިން ސޯޝަލް ވޯކް ހާސިލް ކުރަމުން ގެންދާ ޒުވާނެކެވެ.