ލޯކަލް ޓޫރިމަށް ހާއްސަކޮށްފައިވާ އައްޑޫގެ ބިންތަކުގެ ތެރެއިން މިނިސްޓްރީއާ އެކު ހެދި އެއްބަސްވުންތަކެއް ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ކައުންސިލްގެ ނަމަށް ބަދަލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ކައުންސިލްގެ ފަރާތުން އިއްޔެ އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މޭޔަރު އަލީ ނިޒާރެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތުމަތު ނިލްފާ އެވެ.

މިކަމާ ގުޅޭ ގޮތުން ކައުންސިލުން ރޭ ނެރުނު ބަޔާނެއްގައި ބުނީ މީގެ ކުރިން އައްޑޫން ގެސްޓް ހައުސްތަކަށާއި ޓޫރިސްޓް ހޮޓާ ތަރައްގީކުރަން ކަނޑައަޅާފައިވާ ކުލީ ބިންތަކުގެ ތެރެއިން 31 ބިމެއްގެ އެއްބަސްވުންތައް ހަދާފައި ވަނީ ބިން ލިބުނު ފަރާތްތަކާއި މިނިސްޓްރީއާ ދެމެދު ކަމަށެވެ.

އެ ބިންތައް ފޭދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ހަވާލުކޮށް ދެއްވީ މާޗް 18، 2021 ގަ އެވެ.

ކައުންސިލުން ބުނީ އިއްޔެ ކައުންސިލްގެ ނަމަށް ރަސްމީކޮށް ބަދަލުކުރި ބިންތަކުގެ ތެރޭގައި ހިމެނެނީ ހިތަދޫ ޓޫރިޒަމް ޒޯންގެ 7 ބިމަކާއި މަރަދޫ ޒޯނުން ބިމަކާއި ފޭދޫން 12 ބިމާއި ހުޅުދޫން 9 ބިމެއްގެ އިތުރުން މީދޫ ޓޫރިޒަމް ޒޯނުން 2 ބިމެކެވެ.