ޕާކިސްތާނާއި އިންޑިއާ ދެމެދު ކަޝްމީރު ބައިކުރާ ސަރަހައްދީ އިން ހުރަސްކޮށް ދެފަރާތުން ބަދަލުކުރި ވަރުގަދަ ހަމަލާތެއްގައި 15 މީހުން މަރުވެއްޖެއެވެ.

ހުކުރު ދުވަހު ބަދަލުކުރި ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އާންމުންގެ 10 މީހުންނާއި، ސިފައިންގެ 5 މީހުންނެވެ.

މިއީ، މިފަހުން ދެފަރާތުން މިހާ ވަރުގަދަ ހަމަލާތަކެއް ބަދަލުކުރި ފުރަތަމަ ފަހަރުކަމަށް މީޑިއާއިން ބުނެއެވެ. ހަމަލާތައް ދިނުމުގައި ޕާކިސްތާނުންވެސް އަދި އިންޑިއާއިންވެސް ބޭނުންކޮށްފައިވަނީ ބޮޑުބަޑިއެވެ.

އިންޑިއާގެ އޮފިޝަލަކު ވިދާޅުވީ، ހަމަލާތައް ބަދަލުކުރަން ފެށުނީ، ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް ޕާކިސްތާނުގެ ފަޅިން އިންޑިއާ ފަޅިއަށް މީހަކު ވަގަށް ވަންނަން އުޅެނިކޮށް އިންޑިއާ ސިފައިން އެކަން ނާކާމިޔާބު ކޮށްލުމުން ކަމަށެވެ.

ޕާކިސްތާނު އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިންޑިއާ ސިފައިން ކަޝްމީރުގެ ޕާކިސްތާނު ފަޅިއަށް ގޮތެއްފޮތެއް ނުބަލައި ހަމަލާތައް ދޭންފެށުމުން ޕާކިސްތާނު ސިފައިން ރައްދުގައި ހަމަލާ ދީފައިވާނޭ ކަމަށެވެ.

ޕާކިސްތާނު ސިފައިން ދިން ހަމަލާތަކުގައި އިންޑިއާ ފަޅިން އާންމުންގެ ހަމީހުންނާއި، ސިފައިންގެ ތިން މީހުންނާއި ބޯޑަރ ގާޑަކު މަރުވި ކަމަށް އިންޑިއާއިން ބުނެފައި ވެއެވެ.

ޕާކިސްތާނު އަސްކަރިއްޔާއިން ބުނެފައިވަނީ، އެގައުމުގެ ފަޅިން އާންމުންގެ ހަތަރު މީހުންނާއި، ސިފައިންގެ އެކަކު މަރުވި ކަމަށެވެ.

ޕާކިސްތާނާއި އިންޑިއާއިންވެސް މުޅި ކަޝްމީރުގެ މިލްކުވެރިކަމަށް ދައުވާ ކުރެއެވެ.

ކަޝްމީރުގެ އެއްބައި ޕާކިސްތާނުގެ ދަށުގައި އޮތްއިރު، އަނެއްބައި އޮންނަނީ އިންޑިއާގެ ބާރުގެ ދަށުގައެވެ.

އިނގިރޭސީންގެ ކިބައިން މިނިވަންކަން ލިބުނުފަހުން އިންޑިއާއާއި ޕާކިސްތާނުން މިހާތަނަށް 3 ހަނގުރާމަ ކޮށްފައިވާއިރު، އޭގެ ތެރެއިން ދެ ހަނގުރާމަ ކޮށްފައިވަނީ ކަޝްމީރުގެ މައްސަލައިގައެވެ.

ނިއުކްލިއަރ ހަތިޔާރުގެ ގާބިލްކަން ލިބިފައިވާ އިންޑިއާއާއި ޕާކިސްތާނާ ދެމެދު އިތުރު ހަނގުރާމައެއް ހިނގިޔަ ނުދިނުމަށް އދއިން ލައިން އޮފް ކޮންޓްރޯލް ގާއިމްކޮށް، ހަމަލާތައް ނުދިނުމަށް ދެފަރާތް އެއްބަސް ކުރުވާފައި އޮތްނަމަވެސް، ސަރަހައްދީ އިން ހުރަސްކޮށް ދޭތެރެ ދޭތެރެއިން ހަމަލާތައް ބަދަލުކުރުމަކީ އާންމު ކަމެކެވެ.