ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ރަންވޭގައި ތާރުއެޅުމަށް ބޭނުންވާ ތާރު ސައިޓަށް ގެނެސް އެ ބޭލުމުގެ މަސައްކަތް ފަށައިފިއެވެ. ސާމާނު ސައިޓަށް ބޭލުމަށްފަހު ކެމިކަލް އަންނަންދެން މަޑުކުރަން ޖެހެއެެ. ކެމިކަލް ލިބުނުހާ އަވަހަކަށް ތާރު އެޅުމުގެ މަސައްކަަތް ފަށާނެ ކަމަށް އެނގިފައިވެއެވެ.

މިހާރު އެންމެ ބާރަށް ކުރިއަށްދަނީ އެއާޕޯޓުގެ ޓާމިނަލް ބިނާކުރުމުގެ މަސައްކަތެވެ. އެއާޕޯޓުގެ އޭބީސީ ފަށަލައިގެ މަސައްކަތް ވެސް މިހާރު ވަނީ މުޅިން ނިމިފައެވެ.

އެމްޓީސީސީން މިހާރު މަަސައްކަތް ކުރައްވަނީ މިއަހަރުގެ ޖުލައި 26 އަށް އެއާޕޯޓުގެ މަސައްކަތް ނިންމައި ސަރުކާރާ ހަވާލު ކުރުމަށެވެ. އެ ހިސާބަށް ދިއުމަށްޓަކައި އެކުންފުނީން ގެންދަނީ ވަރަށް އަވަސް ސްޕީޑުގައި މަސައްކަތް ކުރަމުންނެވެ.

މިއީ 144.88 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އަޅަމުން ގެންދާ އެއާޕޯޓެކެވެ. މިތަނަކީ ފަރެސްމާތޮޑާގެ ރައްޔިތުންގެ އިތުރުން އެރަށާ ކައިރި ރަށްރަށު މީހުންގެ އުންމީދާ ގުޅިފައިވާ ޚާއްސަ މަޝްރޫއެކެވެ. އެއާޕޯޓުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ފަސޭހަތަކެއް ލިބުމުގެ އިތުރުން އެސަރަހައްދަށް އިގްތިސާދީ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އެރަށްރަށުގެ ރައްޔިތުން އުންމީދު ކުރެއެވެ. މީތަނުގެ ޚިދުމަތް ދޭން ފެށުމުން އެހިސާބުގެ ރަށްރަށުގެ މީހުން ރަށު ބަންދުން ފިލައި އެހެންތަންތަނަށް ދަތުރު ކުރުމުގެ މަގު ވަރަށް ބޮޑަށް ތަަނަވަސްވެގެންދާނެއެވެ.

ފަރެސްމާތޮޑާގެ އާބާދީއަކީ 1786 އެވެ. އޭގެތެރެއިން ރަށުގައި އުޅެނީ ގާތްގަނޑަކަށް 1300 އެއްހައި މީހުން ކަމަށް އެރަށުގެ ކައުންސިލުން މައުލޫމާތު ދެއްވިއެވެ.

ފަރެސްމާތޮޑާގައި އެއާޕޯޓެއް ހަދަނީ ފަސް ފަޅުރަށެއް ގުޅުވައިގެންނެވެ. އެމަސައްކަތް ކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ.