އެމްޑީޕީގެ ޗެއަޕާސަން ކަމުގެ މަގާމަށް މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ ވާދަކުރައްވަން ނިންމަވައިފި އެވެ.
އެކަން އިއުލާން ކުރައްވައިފައިވަނީ ރޭ އިންތި ކުރެއްވި ޓްވީޓެއްގައެވެ. އަދި އެޓްވީޓް ރިޓްވީޓް ކުރައްވައި މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އީވާ އަބްދުﷲ ވަނީ އިންތިއަށް ހިތުގެ ފުންފިނުން ތާއީދު ކުރާކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން އިންތިއަށް ތާއީދުކޮށް ގިިނަ ބަޔަކު ވަނީ އެކަމަށް މަރުހަބާ ދަންނަވާފައެވެ.
އިންތި މިކަން އިއުލާން ކުރައްވާފައި ވަނީ އެމްޑީޕީގެ ބަައެއް އިސްވެރިންނާއި އާންމު މެމްބަރުން، ޕާޓީގެ ޗެއަޕާސަންގެ މަގާމަށް އިންތި ގެނައުމަށް ކެމްޕޭން ކުރަމުން ދަނިކޮށެވެ.
އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު ކަމާއި ސްޕޯކްސްޕާސަން ކަން ވެސް ކުރައްވާ އިންތި އަކީ އެމްޑީޕީ އަށް ނުހަނު ގިނަ ހިދުމަތްތަކެއް ކުރެއްވި އަދި ކޮށްދެއްވަމުން އަންނަ ބޭފުޅެއްގެ ގޮތުގައި ފާހަގަކޮށްލެވެއެވެ.
ޗެއަރޕާސަނެއް ހޮވުމަށް އެޕާޓީގެ ފަރާތުން ފުރުސަތު ހުޅުވާލައިފައި މިވަނީ އެޕާޓީގެ ޗެއަރޕާސަންގެ ދައުރު ހަމަވެ އާދައުރަކަށް ޗެއަޕާސަންއެއް އިންތިހާބު ކުރުމުގެ ގޮތުންނެވެ. ޗެެއަޕާސަންގެ ދައުރުގެ މުއްދަތަކީ ފަސް އަހަރެވެ.
މި އަހަރު އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 16 އޭޕްރިލް ގައެވެ.
އިންތިއަށް ކެމްޕޭން ކުރާ ގިނަބަޔަކު އަންނަނީ އިންތި އަކީ ޕާޓީ އެންމެ ދަތި ދުވަސްވަރުގައި ވެސް ޕާޓީގެ ދިފާއުގައި މަސައްކަތް ކުރެއްވި ހީވާގި ބޭފުޅެއްކަން ފާހަގަކުރައްވާފައެވެ.
ޕާޓީގެ ޗެއަޕާސަން ކަމަށް މިހާތަނަށް އިންތި އާއި އެކު ޖުމްލަ ތިން ބޭފުޅުން ވާދަކުރައްވާއިރު ބާކީ ތިއްބެވި ދެބޭފުޅުންގެ ތެރޭގައި ހިމެނެނީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު އާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް އެވެ.