މުލަކަތޮޅު މުލީގައި އިމާރާތްކުރާ ގައިދޭ އަޢުޒަމް މުޙައްމަދު ޢަލީ ޖިނާހު މެމޯރިއަލް ޕާކިސްތާން މާލްޑިވްސް ކޮމިޔުނިޓީ ސެންޓަރުގެ ބިންގާ އަޅައިފިއެވެ. މި ސެންޓަރ ގެ ބިންގާ އަޅުއްވައިދެއްވީ ޕާކިސްތާންގެ ހައިކޮމިޝަނަރ އާއި މުލަކަތޮޅު ކައުންސިލުގެ ރައީސެވެ. މިއަދު ހަވީރު ބިންގާ އެޅުއްވި މި ޢިމާރާތަކީ ޕާކިސްތާން ހައިކޮމިޝަން އާއި މުލަކަތޮޅު ކައުންސިލު ގުޅިގެން ކުރިއަށްދާނެ މަޝްރޫޢެއް ކަމަށް އެ ކައުންސިލުން މައުލޫމާތު ދެއްވިއެވެ. އެގޮތުން މި މަސްރޫޢަށް ޕާކިސްތާން ހައިކޮމިޝަނުން 170000 އެމެރިކާ ޑޮލަރު ދެއްވުމަށް ހަމަޖެހިފައި ވެއެވެ.

މިއީ ތިން ބުރިއަށް ޢިމާރާތްކުރާ 2500 އަކަފޫޓުގެ ޢިމާރާތެކެވެ. މި ސެންޓަރުގައި ހަފުލާތައް ބާވާނެ ބޮޑު ހޯލަކާއި މ. ރީޖަނަލް ހޮސްޕިޓަލަށް އަންނަ މީހުންނަށް ތިބެވޭނެ "އެޕާޓްމަންޓް" ތައް ހުންނާނެއެވެ. ދެ ކޮޓަރި އަދި އެއް ކޮޓަރީގެ މި އެޕާޓުމަންޓްތަކަކީ ގިނަ ދުވަހު ތިބެންޖެހޭ ބަލިމީހުނަށް ކައްކާ ކެވޭނެ އިންތިޒާމު ތައް ހަމަޖެހިފައި ހުންނާނެ ތަންތަނެވެ.

މި ސެންޓަރުގެ ހޯލު ތައްޔާރުކުރަނީ ކުރު ކޯސްތަކާއި ދީނީ ދަރުސުތައްވެސް ދެވޭނެ ގޮތަށެވެ.

މިއަދު ހަވީރު މުލީގައި ބޭއްވި މިރަސްމިއްޔާތުގައި ޕާކިސްތާން ހަކއިކޮމިޝަނަރ ގެ އިތުރުން ޕާކިސްތާން އެންބަސީގެ އިސް ބޭފުޅުންނާއި ދިއްގަރުދާއިރާގެ މެންބަރު ބައިވެރި ވަޑައިގަތެވެ. އަދި މުލަކައަތޮޅު ކައުންސިލްގެ މެންބަރުންނާއި މުލީ މުވައްސަސާތަކުގެ އިސް ބޭފުޅުން ވެސް ރަސްމިއްޔާތުގައި ބައިވެރިވަޑައިގަތެވެ.