ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ކޮންމެވެސް މިންވަރަކަށް ސިޔާސީ ނުފޫޒު ފޯރުވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޖޭއެސްސީގައި އިންނަންޖެހޭކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ވަނީ އަނެއްކާވެސް ޖޭއެސްސީ އިސްލާހުކުރުމުގެ ބިލު ހުށައަޅުއްވާފައެވެ. ބިލު ހުށައަޅުއްވައި ތޯރިގް ވާހަކަފުޅު ދައްކަވާ ނިންމުމާއެކު ރައީސް ނަޝީދު ވަނީ ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމާއިމެދު އެމަނިކުފާނުގެ ޚިޔާލުފުޅު ހިއްސާކުރައްވާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ ޖޭއެސްސީގައި މަޖިލީހުގެ ރައީސް އިންނަން ޖެހޭ ގޮތަށް އޮތުމަކީ އުނިކަމެއް ކަމަށެވެ. އެހެންނަމަވެސް މަޖިލީހުގެ މެމްބަރަކު ޖޭއެސްސީގައި އިންނަންޖެހޭ ކަމަށާއި ޖޭއެސްސީއަށް ސިޔާސީ ބާރުވެރިކަން ފޯރަންޖެހޭ މިންވަރަށް ފޯރުވުމަށް މަޖިލިސް މެމްބަރުން ތިބުމަކީ ބޭނުންތެރިކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިކަމުގެ ހުއްޖަތެއްގެ ގޮތުގައި ރައީސް ނަޝީދު ވިދާޅުވީ އޭރެއްގައި ރައްޔިތުންގެ ވިންދު ހުރި ގޮތް ހާމަަކުރުމަށް އަދިވެސް ތިބެންޖެހެނީ މަޖިލިސް މެމްބަރުންކަމަށެވެ.
"ފޯރަންޖެހޭ މިންވަރަށް ސިޔާސީ ނުފޫޒު ފޯރުވުމަށް މަޖިލީހުގެ މެމްބަރަކު ޖޭއެސްސީގައި އިންނަންޖެހޭ" ރައީސް ނަޝިދު
ޖޭއެސްސީއަކީ ފަނޑިޔާރުންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް ގާނޫނު އަސާސިއިން އުފައްދާފައިވާ މިނިވަން މުސްތަގިއްލު ކޮމިޝަނެއްކަން ފާހަގަކުރައްވާ މިވަގުތު އެކަމަށް ފުށުއަރާ ކަންތައްތަކެއް ހުރިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެގޮތުން ޖޭއެސްސީގައި ގިނަ ފަނޑިޔާރުން ތަމްސީލްކުރުމަކީ މަސްލަހަތު ފުށުއަރާ ކަމެއްކަމަށާއި ގިނަ އަދަދެއްގެ ފަނޑިޔާރުން ތިބުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ހަމައެއާއެކު ބަންޑާރަނައިބާއި ރައީސުލްޖުމްހޫރިއްޔާ ވަކިން އައްޔަންކުރައްވާ މެމްބަރަކާއެކު ރައީސް އައްޔަން ކުރައްވާ ދެ މެމްބަރުން ޖޭއެސްްސީގައި ތިއްބަވާ ކަމަށާއި އެއީވެސް އިންސާފުވެރި ގޮތެއްކަމަށް ދެކިނުލައްވާކަަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝިދު ވިދާޅުވީ ބަންޑާރަނައިބު އިނުމަކީ މުހިންމުކަމެއް ކަމަށާއި އެހެންނަމަވެސް ރައީސް އައްޔަންކުރައްވާ އިތުރު މެމްބަރެއް އިނުމުގެ ބޭނުންތެރިކަމެއް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ޖޭއެސްސީއިން ސިޔާސީ މީހުންނާއި ފަނޑިޔާރުން މަދުކޮށް އިތުރަށް އިތުރުކުރާނެ ބަޔަކު ގޮތްތަކެއް ހޯދަންޖެހޭކަމަށެވެ. އެކަމަށް މެމްބަރު ތޯރިގު ހުށައަޅުއްވާފައިވާ ގޮތްތައް ހިއްސާކުރައްވާ ރައީސް ނަޝިދު ވިދާޅުވީ ތެދުވެރި ރަނގަޅު މީހެއްކަމަށް ނިތްކުރީގައި ޖަހާފައި ނުހުންނާނެ ކަމަށެވެ. އެހެންކަމުން ގިނަ ބައެއްގެ ރުހުން ލިިބިފައިވާ މީހަކު ވޯޓުން ހޮވުމަކީ އެންމެ އިންސާފުވެރި ގޮތަށްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ޖޭއެސްސީ ސިޔާސީ ނުފޫޒުން މިނިވަންކޮށް، ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެވައުދު ފުއްދުމަށް އެއްވެސް މަސައްކަތެއް ނުކުރާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
މިކަމަށް އެމްޑީޕީ މެމްބަރުންގެ ރައްދަކީ އެވާހަކަ އެންމެ ފުރަތަމަ ދެއްކެވީވެސް ހަމައެކަނި އެމްޑީޕީއިން ކަމަށް ބުނެ ދައްކަވާ ވާހަކަތަކަކެވެ. އެކަން ކުރުމަށް ވަގުތު އައިސް ޖެހުމުން އެކަން ކުރާނެކަމަށް އެމްޑީޕީއިން އަންނަނީ ބުނަމުންނެވެ.