ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބިލް ފާހަގަކުރުމުގެ ގޮތުންބާއްވާ ހަރަކާތެއްކަމަށްވާ " ނޭވާ 2 " ދުނިޔޭގެ ރެކޯޑެއްހޯދުމަށް މަސައްކަތް ފަށައިފިއެވެ. އަންނަ ސެޕްޓެމްބަރު މަހު 27 ވަނަ ދުވަހު އޮންނަ މިޙަރަކާތަކީ ދުނިޔޭގައި އެންމެ ގިނަމީހުން އެއްފަހަރާ މޫދުއަޑީގައި ނޭވާ ހިފަހައްޓައިގެން ތިބޭ ވަގުތު ކަމަށް ވެދާނެއެވެ.
" ނޭވާ 2 " މިއީ ދިވެހިރާއްޖޭގެ ފުރަތަމަ " ދިވެހި " ޑައިވިން ސްކޫލް ކަމުގައިވާ ފްރީޑައިވް މާލްޑިވްސްގެ ފަރާތުން ބާއްވާ ޙަރަކާތެކެވެ.ޓްވަރިޒަމް މިނިސްޓްރީއާއި މޯލްޑޮވްސް އެސޯސިއޭޝަން އޮފް ޓްވަރިޒަމް (އެމްއޭޓީއައި) އާއި ގުޅިގެން ހިންގާ މި ޙަރަކާތުގައި ރާއްޖޭގެ ހުރިހާ ރިސޯޓަކަށް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައި ވެއެވެ. "ސްޓެޓިކް އެޕީނިޔާ" ނުވަތަ މޫދު އަޑީގައި ނޭފަތާއި އަނގަ ބަންދުކޮށްގެން (ނޭވާ ނުލާ ) އެންމެ ގިނައިރު އޮންނަ މިޙަރަކާތުގައި ރާއްޖޭގެ ހުރިހާ ފަތުރުވެރިންނާއި ރިޒޯޓު ތަކުގެ މުވައްޒަފުންނަށްވެސް ބައިވެރިވެވޭނެއެވެ. މިއީ އެއްގަޑިއެއްގައި ރާއްޖޭގެ އެކި ސަރަޙައްދުގައި ބާއްވާ ޙަރަކާތެކެވެ.
"ނޭވާ 2 " ގައި ބައިވެރިވާ ރިސޯޓުތަކަށް ގޮސް 4 ހަތަރުދުވަހުގެ ޓްރޭނިންގް ޕްރޮގްރާމްތައް ހިންގާނެކަމަށް ފްރީޑަވް މާލްޑިވްސް އިން މައުލޫމާތު ދެއެވެ. މި ދަސްކޮށްދިނުމުގައި މޫދުގައި ނޭވާ ހިފަހައްޓައިގެން އޮންނާނެ ގޮތާއި ރައްކާތެރި ގޮތުގައި މޫދު އަޑީގައި އޮވެވޭނެ އުކުޅުތައް ދަސްކޮށްދޭނެއެވެ. މިކަމުގައި ފުރުޞަތު ދިނުމަށް އެންމެ އިސްކަމެއްދޭނީ 2 މިނެޓް ނޭވާ ހިފަހައްޓައިލައިގެން މޫދުގައި އޮތުމަށް ކަމުގައި ފްރީޑައިވް މާލްޑިވްސް އިން ބުންޏެވެ. އަދި މިގޮތަށް އޮތުމަކަށް ފެތުމާއި ފީނުން ފަދަ ހުނަރެއް ކޮންމެހެން ބޭނުމެއް ނުވެއެވެ.
ފްރީޑައިވް މޯލްޑިއިވްސްއިން ބުނީ "ނޭވާ 2" ގެ ޙަރަކާތް ޑޮކިޔުމެންޓްރީ އެއްގެ ގޮތުގައި އެމޭޒަން / ނެޓްފިކްސް އަދި ޔޫޓިޔުބުން ދެއްކޭނެގޮތް ހަމަޖެހޭތޯ މަސައްކަތްކުރަމުންދާކަމަށެވެ.