މިއަދަކީ ބަޣުދާދުގައި އޮތް ހީނަރުވަމުން ދިޔަ، އިސްލާމީ ޚިލާފަތާ ދެކޮޅަށް މޮގޮލް ހަނގުރާމަވެރިން ހަމަލަ ދިން ދުވަހެވެ. އެއީ މީގެ 764 އަހަރު ކުރިއެވެ.

މޮޣޮލް ހަނގުރާމަވެރިޔާ ހޮލާކޯ އިސްވެ ހުރެގެން މޮޣޮލް ލަޝްކަރު ބަޣުދާދަށް ވަދެ ހިންގި ގަތުލުއާންމަކީ، އިންސާނީ ތާރީޚުގައިވެސް މިއަދާހަމައަށް ހިނގާފައި ނުވާވަރުގެ ނާތަހުޒީބު އަމަލެކެވެ. ބަޣްދާދުގެ މަގުތަކުގައި ލޭގެ ކޯރުތައް ބަހާލިއެވެ.

14 ފެބްރުއަރީ 1258 ވީ ބުދަ ދުވަހު މޮޣޮލް ލަޝްކަރު ބަޣުދާދަށް ވަދެ، އިސްލާމީ ޙަޟާރާގެ ސިފަތައް ނެތިކޮށްލި މި ހާދިސާއަކީ މުސްލިމުންގެ ތާރީޚުގައި ވެސް ކުރިމަތިވި މިވަރުގެ އެންމެ ބޮޑު އެއް ކާރިސާއެވެ. މި ހާދިސާގައި ޢައްބާސީ ޚާންދާންގެ ދައުލަތުގެ ވެރިކަން ނިމުމަކަށް ގެނެވުނެވެ. އައްބާސީ ޚާންދާންގެ ނަމުގައި އުފެދުނު ޚިލާފަތު އުފެދި އާރާސްތުވީ، ލޭ އޮހޮރުވާލުމަށް ކުޅަދާނަ މަޝްހޫރު އަބުލްޢައްބާސް އައްސަފާހުގެ ކަނޑިން، އުމަވީ ޚާންދާންގެ ކުދި ބޮޑު އެންމެން ގަތުލުއާންމެއްގައި ނެތިކޮށްލުމަށް ފަހުއެވެ. މި ގަތުލުއާންމުން ސަލާމަތްވި މަދުމީހުންގެ ތެރޭން އެއް ބޭކަލަކީ ސްޕެއިންގައި އިސްލާމީ ޚިލާފަތު ގާއިމު ކުރެއްވި ޤުރެއިޝްގެ ބާޒުގެ ނަމުން މަޝްހޫރުވި ޢަބްދުއްރަޙުމާން އައްދާޚިލުއެވެ.

އަނިޔާވެރިކަމަކުން އުފެދުނު އައްބާސީ ޚިލާފަތު އުވި ދިޔައީ، އެތެރޭގެ ފިތުނަވެރިކަމުން ބައިބައިވެ، ބިކަވެފައިވާ ރައްޔިތެއްގެ މައްޗަށް އައްޔާޝީ ޚަލީފާއިން ކުރި ވެރިކަން ނިންމާލި މޮޢޮލް ލަޝްކަރުންނެވެ. ފަހުން މި ލަޝްކަރުގެ އިސްކޮމާންޑަރު ހޮލާކޯގެ އައުލާދު ވެގެން ދިޔައީ އިސްލާމްދީނަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދިން އިޚުލާސްތެރި އެއް ޚާންދާނަށެވެ.

ބަޣުދާދުގައި އިންނެވި ޚަލީފާ އަލްމުސްންތަސިރު ބިﷲއަށް ޚަލީފާކަން ލިބިވަޑައިގަތް ގޮތަކީވެސް ސުއާލު އުފެދިފައި އޮތް މައްސަލައެކެވެ. އޭނާގެ ބާރުތައް ކުޑަވެފައި އޮތް އިރު، މިސްރުގައި ވެރިކަން ކުރަމުން ދިޔައީ އައްޔޫބީ ޚާންދާނުންނެވެ. މޮޣޮލް ލަޝްކަރު ބަޣުދާދަށް ހަމަލަދޭނެ ކަން ޔަގީންވެފައި އޮތް އިރުވެސް ޚަލީފާ އެކަމަކާ މާބޮޑު ސަމާލުކަމެއް ނުދެއްވިއެވެ.

ޚަލީފާ ހީފުޅު ކުރެއްވީ ބޭރުން އަރާ ޣެއިރު މުސްލިމުންގެ ހަމަލާއެއް ބަޣުދާދަށް އަމާޒު ކުރުމުން މުސްލިމު ސުލްތާނުން މިސްރާއި ޝާމުކަރައިން އޭނާއަށް ވާގިވެރިވުމަށް ވަޑައިގަންނަވާނެ ކަމަށެވެ.

މޮގޮލް ލަޝްކަރުގެ ހަމަލާގައި ބޭނުން ކުރި ހަނގުރާމައިގެ އުކުޅަކީ ކުރިން މުސްލިމުން ދެކެފައި ނުވާ އަދި އެމީހުން ފަރިތަ އުކުޅު ތަކެއް ނޫނެވެ. މޮޣޮލް ލަޝްކަރުން އިރުމަތީ ބަޣުދާދުގައި ފެންބޮޑު ކޮށްލިއެވެ. އަދި މުޅި ސިޓީ ވަށައިގެން ހިސާރުކޮށްލިއެވެ. މުސްލިމުންނާއެކު ސުލްހައިގެ ވާހަކަދައްކަން އުޅޭ ކަމަށް ހަދައި އޮޅުވާލައިގެން މުސްލިމު ލީޑަރުން މަރަން ފެށިއެވެ.

ޚަލީފާ މުޢުތަސިމްވެސް މޮޣޮލް ކޮމާންޑަރުންނާ އެކު ބަދަލުކުރެއްވި މެސެޖުތަކުގައި ވިދާޅުވީ ޚަލީފާގެ ލޭފޮދު އޮހެރިގެން ދިއުމަކީ މުސްލިމުން ބަލަން ތިބޭނެ ކަމެއް ނޫން ކަމަށެވެ. އެހެންވެ، މޮޣޮލް ހަނގުރާމަވެރިން ސުލްހައިގެ ވާހަކަތަކުގެ ބަހަނާގައި ޚަލީފާ އަތުޖެހުމުން ގޯންޏަކަށް ލައިގެން ނޭވާ ހާސްކޮށްގެން އަލްމުންތަސިރު އަވަހާރަ ކޮށްލީއެވެ. ޚަލީފާ ވިދާޅުވި ގޮތަށް އެންމެ ލޭފޮދެއްވެސް އޮހޮރުވައި ލުމަކާ ނުލައެވެ.

މުއައްރިޚުން ބުނާ ގޮތުން ބަޣުދާދުގައި ލޭ އޮހޮރުވާލުމާއި އިއްފަތް ފޭރިގަތުމާއި މުދާ ފޭރުން 40 ދުވަސްވަންދެން ދެމިއޮތެވެ. މޮޣޮލް ވަންނަ ކޮންމެ ސިޓިއަކާ މެދު ކަން ކުރާ ގޮތަށް މިސްކިތްތަކާއި ގެތަކުގައި ހުޅުޖެއްސެވެ. ކޯރަށް ފޮތްތައް އަޅައިލިއެވެ. މީހުންގެ ހަށިތައް ކޯރަށް އަޅައި ކޯރުގެ ކުލަތައް ރަތްވެގެން ދިޔައެވެ.

މޮގޮލް ލަޝްކަރުން ބަޣުދާދުގައި މަރާލި މީހުންގެ އަދަދު މިލިއަނަކަށް ވުރެ މައްޗަށް އަރާ ކަމަށް ތާރީޚް އިލްމު ވެރިން ބުނެއެވެ. އަދި މޮޣަލް ތާރީޚު އިލްމުވެރިޔާ ރަޝީދު އަލްހަމްދާނީވެސް ބަޔާންކުރައްވާ ގޮތުގައި މި ހަމަލާގައި ބަޣުދާދުގެ މޮޅު އިލްމުވެރިންނާއި އަންހެނުންނާއި އިސް މީހުންގެ އިތުރުން ލިޔުންތެރިންގެ ތެރެއިން 800،000 މީހުން މަރާލި ކަމަށް ބުނެވެއެވެ. ބަޣުދާދުގެ ހުރިހައި ލައިބްރަރީތަކެއްވެސް އަންދާލެވުނެވެ. ފޮތްތައް ދިޖުލާ ކޯރަށްވެސް އަޅާލެވުނެވެ.

މީގެ އިތުރުން މޮޣޮލް ހަމަލާތަކުން ސަލާމަތްވާން ވަޅުތަކަށް ފޭބިމީހުންވެސް އެތަންތާނގައި މަރުވެ ދިޔައެވެ. މި ހަމަލާގައި ކުޑަކުއްޖެއް މުސްކުޅިއެއް ނުކުޅެދޭމީހެއް ތަފާތެއް ނުކުރެވެއެވެ.

މި ހަމަލާއާ ގުޅިގެން ހައިރާން ކުރަނިވި ވާހަކައެއްކަމަށް ބުނާ އެއް ވާހަކައަކީ އަންހެނަކު މޮޣޮލް ހަނގުރާމަވެރިއަކަށް ފޮރުވަން އޭނާގެ ކަރުގައި އޮތް ޖަވާހިރު ދިރުވާލި ވާހަކައެވެ. މޮޣޮލް މީހާ އަންހެން މީހާގެ ބަނޑު ފަޅާލައިގެން ޖަވާހިރު އަތުލައިގަތެވެ. އެއަށްފަހު ބަޣުދާދުގެ މާބަނޑު އަންހެނުންގެ ބަނޑުތައް ފަޅާލެވުނީ އެމީހުން ބަނޑުގައި ޖަވާހިރު ފޮރުވާފައި ހުރިކަމަށް ހީކޮށްކަމަށްވެސް ތާރީޚް އިލްމުވެރިން ބުނެތެވެ. މުއައްރިޚް އިބުނުލް އަސީރު ވިދާޅުވަނީ މާތްﷲ އިންސާނުން އުފެއްދެވި ދުވަހުން ފެށިގެން އެހާތަނަށް ބަޔަކަށް އެވަރުގެ މުސީބާތެއް ނުޖައްސަވާކަމަށެވެ. ދުވަސްތަކުގެ ބިރުވެރިކަމުގައި ބަޣުދާދުގައި މީހުންނަށް ހީވީ ގިޔާމަތް އައިސް ޖެހުނީ ހެންނެވެ.

މޮޣޮލްގެ މި ހަމަލާއަށް ފަހު ބަޣްދާދު ސުންނާފަތިކޮށްލިއެވެ. އެކަމަކު ބަޣުދާދު އެނަމުގައި އޮތެވެ. ދިރުމެއް ނެތް ސިޓިއެއްގެ ގޮތުގައެވެ. އަބަދަށްޓަކައި އައްބާސީ ޚާންދާންގެ ޒަމާން މާޒީވެ ދިޔައީއެވެ.

ފަހުން ޝާމުކަރައާއި މިސްރުން ދަންނަބޭކަލުން ބަޣުދާދަށް ވަޑައިގެން އަލުން މީހުންނަށް އުގަންނަވައި ދެއްވައި އިލްމީ މާހައުލެއް އުފެއްދެވުމަށް މަސައްކަތް ފެއްޓެވިއެވެ.

ބަޣުދާދުގައި މޮޣޮލް ލަޝްކަރުން މުސްލިމުންނަށް ދިން ގެއްލުމުގެ ބަދަލު މަމްލޫކީ ސުލްތާނުން ހިފީ ޢައިން ޖާލޫތު ހަނގުރާމައިގައެވެ. އެއަށްފަހު މޮޣޮލް ހަނގުރާމަވެރިންގެ ބޮޑާކަމާއި ބޮޑުކަން އަބަދަށްޓަކައި ދުނިޔޭގެ މެދުއިރުމަތީ ބިތުގައި ނިމިގެން ދިޔައީއެވެ.