ރާއްޖޭގައި ކޮވިޑް 19 ފެތުރެމުންދާ ނިސްބަތް މަޑުމަޑުން ދަށްވާން ފަށައިފިއެވެ.

ފާއިތުވި 24 ގަޑިއިރުގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ 1015 މީހެކެވެ. މިއަދަދަށް ޕޮޒިޓިވްވެފައިވަނީ ޓެސްޓްކުރި 1661 ސާމްޕަލްގެ ތެރެއިންނެވެ.

ޕޮޒިޓިވްވި މީހުންގެ ތެރެއިން މާލޭ ސަރަހައްދުން ވެފައިވަނީ 182 މީހެކެވެ. ރަށްރަށުން ޕޮޒިޓިވްވެފައިވަނީ 728 މީހެވެ. ރިސޯޓުތަކުން ޕޮޒިޓިވްވެފައިވަނީ 44 މީހެކެވެ.

އެންމެފަހުގެ ހިސާބުތައް ދައްކާ ގޮތުން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންގެންދާ މީހުންގެ އަދަދު ވެސް ވަނީ ދަށްވެފައެވެ. އެ އަދަދުމިހާރު ވަނީ 29 އަށް މަދުވެފައެވެ. ފާއިތުވި ހަފްތާގެ ހޯމަދުވަހު އެ އަދަދު ހުރީ 60 ގައެވެ.

ރާއްޖެއިން މިހާތަނަށްވަނީ 160،076 މީހަކަށް މިބަލިޖެހިފައެވެ. އޭގެތެރެއިން 143،956 މީހަކު ވަނީ ބަލީން ފަސޭހަވެފައެވެ. 289 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވިޔަސް އެއީ މި ވަބާ ފިލައިގެންދިޔައީ ކަމަށް ނުބުނެވޭނޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ވިދާޅުވެފައެވެ. އިތުރު ވޭރިއަންޓުތައް ފެނީ އިތުރު މީހުންނަށް ބަލިޖެހުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް އެޖަމިއްޔާއިން ވިދާޅުވެފައިވެއެވެ. އެހެންކަމުން އަދިވެސް އެންމެ ބުއްދިވެރި ގޮތަކީ ބަލީން ރައްކާތެރިވުމަށް ދީފައިވާ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރުމެވެ.