އިންޑިއާގެ ނިއުދިއްލީއަށް ކުރެއްވި ދަތުރުފުޅުގައި ސްރީލަންކާގެ ޚާރިޖީ ވަޒީރު ޖީއެލް ޕީރިސް ވިދާޅުވީ، އިންޑިއާ ސްރީލަންކާގެ ގުޅުން ސްޓްރެޓީޖިކް މަރުހަލާއަކަށް ބަދަލުވަމުންދާ ކަމަށެވެ. އިންޑިއާގައި ހުންނަވާ ސްރީލަންކާގެ ހައިކޮމިޝަނަރ ވެސް މަގާމާ ހަވާލު ވެވަޑައިގަތުމަށްފަހު ތަކުރާރުކޮށް ބާރުއަޅުއްވަނީ އިންޑިއާ ލަންކާގެ ގުޅުން މިހާރު ސްޓްރެޓިޖިކް މަރުހަލާއަކަށް ބަދަލުވަމުން އަންނަ ކަމަށެވެ.

ލަންކާއާއި އިންޑިއާގެ ގުޅުން ވަޅޯވި ޒަމާނެއްވެސް ދިޔައެވެ. ކޮލަމްބޯ ޕޯޓުގެ ވެސްޓް ކޮންޓެއިނަރ ޓަރމިނަލް މެނޭޖުކުރުމުގެ މަޝްރޫއު އިންޑިއާގެ އަދަނީ ގްރޫޕަށް ލިބުނު ފަހުން ދެ ގައުމުގެ ގުޅުން ވަނީ އައު ހަރުފަތަކަށް ކުރިއަށް ޖެހި، ފިނިކަން ކެނޑިގެން ގޮސްފައެވެ. ކުރިން އިންޑިއާއާއެކު މިކަމުގައި ހަދާފައިވާ އެމްއޯޔޫ ކެންސަލް ކުރީވެސް ސްރީލަންކާގެ މިހާރުގެ ސަރުކާރުންނެވެ.

ސްރީލަންކާއަށް ދިމާވި ބޭރު ފައިސާގެ ދަތިކަމާއި އިގުތިސާދީ ކާރިސާތަކުގެ ސަބަބުން އިންޑިއާއިން ސްރީލަންކާއަށް ދެމުންދާ އެހީތަކުން، ދެގައުމުގެ ގުޅުން ވަނީ މީގެ ކުރިން ދުވަހަކުވެސް ނުދެކޭ ވަރަށް ވަރުގަދަ ވެފައެވެ.

2019 ވަނަ އަހަރުގެ އީސްޓަރ ސަންޑޭގައި ކްރިސްޓިއަން ފައްޅިއަށް ދިން ބޮމުގެ ހަމަލާތަކާ އެކު ފަތުރުވެރިކަން ދަށަށް ދިޔަފަހުން، ކޮވިޑާ ގުޅިގެން ބޭރުގައި މަސައްކަތް ކުރާ ސްރީލަންކާ މީހުންގެ އަތުން ލިބެންވާ ފައިސާވެސް ނުލިބި ބޭރު ފައިސާގެ ތަދުމަޑުކަމެއް ކޮޅުނބަށް އިހުސާސް ކުރަން ޖެހުނީއެވެ.

އިންޑިއާގެ އެހީތެރިކަން މި ދަތި ދަނޑިވަޅުގައި ލިބުނު އިރު ސްރީލަންކާއަށް ޗައިނާގެ ފުށުން އެހެން ކަމެއްވެސް ތަޖުރިބާ ކުރަން ޖެހުނީއެވެ. ސްރީލަންކާއިން އެތެރެ ކުރި ޗައިނާގެ ގަސްކާނާއަށް ލަންކާ ސައިންޓިސްޓުން ނޫނެކޭ ބުނުމުން، ޗައިނާއިން ވަނީ ބަދަލުގެ ގޮތުގައި 6.4 މިލިއަން ޑޮލަރު ހޯދަން އެދިފައެވެ. ބޭރު ފައިސާއަށް ޖެހިފައި އޮތް ދުވަސްވަރެއްގައި ޗައިނާއިން މިފަދަ ޑިމާންޑެއް ކުރުމުން ރިހޭ ފައި މައްޗަށް ފޮއެ ވެއްޓުނު ފަދައެވެ.

ޗައިނާގެ މި އަމަލުން ލަންކާގެ ރަށްފުށު ހިސާބުގައި ދަނޑުވެރިންގެ މެދުގައި ޗައިނާގެ މަގްބޫލުކަން އިތުރަށް ވެއްޓިގެން ދިޔައީއެވެ.

ލަންކާއަށް ދިމާވި ގަސްކާނާގެ މައްސަލަވެސް ހައްލުކޮށް ދިނީ އިންޑިއާއެވެ. މިކަމުގެ ސަބަބުން އިންޑިއާގެ ތަސަވުރު މީހުންގެ މެދުގައި މަގްބޫލު ވެގެން ދިޔައީއެވެ.

ސްރީލަންކާގެ ކާރިސާގެ ހާލަތުގައިވެސް އެނގިގެން ދިޔައީ އިންޑިއާއަކީ އުނދަގޫ ހާލަތްތަކުގައި ބަރޯސާ ކުރެވިދާނެ އަވަށްޓެރިއެއް ކަމެވެ. އަދި އިންޑިއާއިން ވަނީ ސްރީލަންކާއަށް ސުނާމީ ކާރިސާއާއި މަލި ބަޑުކަމުގެ ތެރޭގައި އަމަލީގޮތުން މިސާލު ދައްކާފައެވެ.

ކޮވިޑްގެ ވަބާގައި، އިންޑިއާއިން 2.5 ބިލިއަން ޑޮލަރުގެ އެހީ، ހުރިހާ އަވަށްޓެރި ޤައުމުތަކަށް ދިނުމަށް ވޮލަންޓިއަރ ކުރުމުންވެސް ސަރަހައްދުގެ ސަރުކާރުތަކަށް އިންޑިއާގެ އެހީ އިހުސާސް ކުރެވިގެން ދިޔައެވެ.

އިންޑިއާއިން ވަނީ ސްރީލަންކާއަށް ކޮވިޑްގެ ބޭހާއި ވެކްސިންއާއި އަދި ފަހުން އޮކްސިޖަންއަށް ޖެހުނު އިރު އޮކްްސިޖަންވެސް ފޯރުވައި ދީފައެވެ.

މިހާރުގެ ހާލަތުގައިވެސް އިންޑިއާއިން ވަނީ ކާބޯތަކެއްޗާއި ބޭސް ފަދަ ޒަރޫރީ ތަކެތި އެތެރެކުރުމަށް އެއް ބިލިއަން ޑޮލަރުގެ ލޯނާއި، ސްރީލަންކާގެ ހަކަތައިގެ ދާއިރާ ހުއްޓިޔަ ނުދިނުމަށް ތެޔޮ އެތެރެކުރުމަށް 500 މިލިއަން ޑޮލަރުވެސް ދީފައެވެ.

އިންޑިއާއާއި ލަންކާގެ ގުޅުމުގެ އެންމެ ބޮޑު ސަމާލުކަމެއް ލިބިގެން ދިޔައީ އިނގިރޭސިންގެ ޒަމާނުގައި ޓްރިންކޮމަލީގައި ހަދާފައިވާ އޮއިލް ޓޭންކް ފާމްތައް އިންޑިއާއާ ގުޅިގެން މެނޭޖުކުރަން ނިންމުމުންނެވެ. އެއީ އެއްމިލިއަން ޓަނުގެ ކެޕޭސިޓީގެ ޖުމުލަ 99 ޓޭންކެވެ. ދެފަރާތް ގުޅިގެން ތަރައްގީ ކުރުމަށް ހެދި އެއްބަސްވުން ލަންކާއިން އަވަހަށް ސޮއިކޮށްދިނެވެ. މި އެއްބަސްވުމުގައި ސޮއިކުރުންވެސް އޮތީ ކުރިން ދިދު ދެމިގެން ގޮސްފައެވެ.

އޭގެ ފަހުން ސްރީލަންކާގެ މިނިސްޓަރު އުދަޔާ ގަމަންޕިއްލާ ލަންކާގެ ޕާލަމެންޓަށް ވިދާޅުވެފައި ވަނީ، ލަންކާ ކަނޑުގެ ސަރަހައްދުން ތެލާއި ގޭސް ހޯދުމުގައި އިންޑިއާއިން ބައިވެރިވާން ބޭނުންވާކަން ހާމަކޮށްފައިވާ ކަމަށެވެ.

ނޯވޭއިން ވަނީ މީގެ ވިއްސަކަށް އަހަރު ކުރިން ސްރީލަންކާގެ ސަރަހައްދު ދިރާސާކޮށްފައވެ. އަދި އިންޑިއާއިން ގުޅިގެން ސްރީލަންކާ ސަރަހައްދުން ތެޔޮ ނަގައިފިނަމަ، ދެ ގައުމުގެ ގުޅުން އިތުރު ސްޓްރެޓެޖިކް މަރުހަލާއަކަށް ދިޔައީކަމަށް ބެލެވޭނެއެވެ.

ސްރީލަންކާއާއި އިންޑިއާގެ މަޝްވަރާތައް މިހާރު ގޮސްފައިވާ ހިސާބަށް ގޮސްފައި ވަނީ 2020ގައި އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު އަޖިތު ޑޮވަލް ކޮޅުބަށް ކުރެއްވި ދަތުރުފުޅަށް ފަހުއެވެ.

އެއަށްފަހު ދެފަރާތުގެ މަސްއޫލުވެރިން އެކި ފެންވަރުގައި މަޝްވަރާތައް ބާއްވަވަމުން ގޮސްފައި ވެއެވެ.

ސްރީލަންކާއިން އެދިފައި ވަނީ ކޯސްޓަލް ސަރަހައްދު ބެލެހެއްޓުމަށް ޑޯނިއާ މަތިންދާ ބޯޓްގެ ދެ ބޯޓް އިންޑިއާއިން ލަންކާއަށް ވިއްކާށެވެ. މިކަންވެސް އިންޑިއާއިން ވަނީ ފުރިހަމަ ކޮށްދީފައެވެ.

މިއިން ދޭހަވަމުން ދަނީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި އިންޑިއާއާއެކު ގައުމުތައް ގުޅިގެން މަސައްކަތް ކުރަމުން ދިއުމުގެ ރޫހެވެ.

އިންޑިއާއިން ދެކޭ ގޮތުގައި އިންޑިއާގެ ކަނޑުގެ ސިފައިންގެ އަންޑަމަން ކޮމާންޑާއި އަދި އަލަށް އުފެއްދުމަށް މަސައްކަތް ކުރާ ލަކްޝަދީޕްގެ ކަނޑުގެ ސިފައިންގެ ކޮމާންޑާއި ފަރަންސޭސި ރިއުނިއަންގެ ދިފާއާއި ފޯޅަވަހީގައި ތިބި އެމެރިކާ ސިފައިން ގުޅިގެން މަސައްކަތް ކުރާ ހާލަތެއްގައި އިންޑިއާ ކަނޑުގެ ސަރަހައްދަށް ދުޝްމަން ނޭވީއަށް ހަނގުރާމައިގެ ހާލަތުގައި ވަނުން ފަސޭހައެއް ނުވާނެއެވެ.

މިކަންކަމަކީ އިންޑިއާގެ ދުރުރާސްތާގެ ވިސްނުމުގެވެސް ބައެކެވެ. އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒުން ވަނީ މީގެ އަހަރުތަކެއް ކުރިން އިންޑިޔާ ކަނޑުގެ ސަރަޙައްދާ ގުޅޭ އާ ޑިވިޜަނެއް އުފައްދައި، ރާއްޖެއާއި ސްރީލަންކާއާއި މޮރިޝަސްއާއި ސީޝެލްސްއާއެކު ކަންކަން ވިލަރެސް ކުރަން ފަށާފައެވެ.