ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) ރާއްޖޭގައި ނެތް ކަމަށް ފުލުހުންގެ އިދާރާއިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް އަންގައިފި އެވެ.

އަސްހަދު 15 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މި މަހުގެ ދެވަނަ ދުވަހު ހުކުމްކުރީ އަލީ ވަހީދު ހާޒިރުކޮށް ނުދީގެންނެވެ. ޣައިރު ހާޒިރުގައި އަސްހަދަށް ހުކުމްކުރިއިރު އޭނާ ވަނީ އޭގެ ކުރިން ރާއްޖެ އިން ފުރައިފަ އެވެ. އެހެންވެ، ކަރެކްޝަނަލް ސާވިސް އިން ފުލުސް އޮފީހުގައި އެދުނީ ހުކުމް ތަންފީޒުކުރަން އޭނާ ހާޒިރުކޮށްދޭށެވެ.

ފުލުހުން މިއަދު ބުނީ އަސްއަދު ރާއްޖޭގައި ނެތް ކަމަށް ކަރެކްޝަނަށް މިހާރު އަންގާފައިވާނެ ކަމަށެވެ. ފުލުހުން އެގޮތަށް އަންގާފައި މިވަނީ އަސްއަދު 15 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް ތަންފީޒުކުރަން ފުލުހުންގެ އެހީތެރިކަމަށް އެދުމުންނެވެ. ކަރެކްޝަނުން ފުލުހުންގެ އެހީތެރިކަމަށް އެދުނީ ހުކުމް ތަންފީޒު ކުރަން ބެލިއިރު އަސްއަދު ހުރި ތަނެއް އެ އިދާރާ އަށް ނޭނގުމުންނެވެ.

އައްސަދަށް އިއްވި ހުކުމުގައި ވަނީ އަލީ ވަހީދާއި ގުޅިފައިނުވާކަމަށް އައްސަދު ވިދާޅުވި ނަމަވެސް އެކަން ސާބިތުކޮށް ދެވިފައި ނުވާ ކަމަށެވެ. އަދި އަލީ ވަހީދު ރައްޖެ ގެންނަން އައްސަދު ކުރި މަަސައްކަތެއް ފެންނަން ނެތްކަމަށާއި، އަލީ ވަހީދު ރާއްޖެ ނުގެނައުމަކީ ކޯޓުގެ އެންގުމަކާ ޚިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ގާޒީ ހަސަން ސައީދު އިއްވި ހުކުމުގައި ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައި ވާގޮތުން ދައުލަތުން އަލީ ވަހީދާއި ދެކޮޅަށް ހުށަހަޅާފައިވާ އެހެން ބައެއް މައްސަލަތައް ވެސް ކުރިޔަށް ނުގެންދެވި އޮތީ އޭނާ ރާއްޖޭގައި މިވަގުތު ނެތުމުންނެވެ. އަދި އެކަމުގައި އައްސަދު އިހުމާލުންކަމަށާއި، އަލީ ވަހީދު ރާއްޖެއިން ބޭރުގައި ހުރީ އޭނާގެ އެހީތެރިކަމާއި އެކުކަމަށް ގަބޫލު ކުރެވޭކަމަށެވެ. އެހެންވެ ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމުގެ ގަވައިދާއި ހަވާލާދީ، ކޯޓުގެ ހުރުމަތް ކަނޑާލިކަމުގެ ކުށުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން 15 ދުވަހުގެ ހުކުމެއް އިއްވީ އެވެ.

މައްސަލައިގައި ދައުލަތުން އެދުނީ އައްސަދަށް އެއް އަހަރުގެ ހުކުމެއް އިއްވައިދިނުމަށެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޖާމިނު އިގުރާރާއި ހިލާފުވެއްޖެ ނަމަ އެއް އަހަރުގެ ޖަލު ހުކުމެއް އިއްވިދާނެކަމަށް ބުނެފައިވާތީ އެވެ. އައްސަދަށް 15 ދުވަހުގެ ހުކުމެއް އައީ ކޯޓުގެ ހުރުމަތް ކަނޑާލިކަމުގެ ކުށުގެ އަދަބު ދިނުމުންނެވެ. ގާނޫނު ބުނާ ގޮތުން އެ ކުށުގެ އަދަބަކީ 15 ދުވަހުގެ ޖަލު ހުކުމެއް ނުވަތަ އެއް މަހުގެ މުއްދަތަކަށް ގޭގައި ބަންދު ކުރުމެވެ.

އަލީ ވަހީދު ވެސް މިވަގުތު ރާއްޖެއިން ބޭރުގައި ހުރިއިރު ފުލުހުން ބުނީ، އޭނާގެ މައްޗަށް އިއްވާފައިވާ ކޯޓުގެ ހުރުމަތް ކަނޑާލިކަމުގެ ހުކުމް ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަލީ ވަހީދު ދަނީ ރާއްޖެއިން ބޭރުގައި ހުންނަވައި، ސަރުކާރާއި ދެކޮޅަށް ޓްވީޓުކޮށް އިދިކޮޅުގެ ހަރަކާތްތަކަށް ތާއީދު ކުރަމުންނެވެ.