އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ސްޕަރ ޔުނައިޓެޑް ސްޕޯޓްސް 1-0 އިން ބަލިކޮށް އެންމެފަހުގެ ޗެމްޕިއަން މާޒިޔާއިން މިސީޒަނުގެ ލީގް ފެށުން މޮޅަކުން ފަށައިފިއެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި 78 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކޯނޭލިއަސް ސްޓެވާޓެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށްވެސް ހޮވުނީ އޭނާއެވެ.

މެޗުގެ ހަމައެކަނި ލަނޑު ޖެހި އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ކޯނޭ. ފޮޓޯ: އެފްއޭއެމް

މިމެޗުގައި މާޒިޔާއަށް އިރުޝާދު ދިނީ ސީއެސްކޭ ސޯފިޔާ ގޮވައިގެން ޔުއެފާ ޗެމްޕިއަންސް ލީގް ކޮލިފައިން ޕްލޭއޯފްގައި މަޝްހޫރު ލިވަޕޫލްގެ އެންފީލްޑުގައި ލިވަޕޫލް ބަލިކުރި ސާބިއާގެ މަޝްހޫރު ކޯޗް މިއޮޑްރޭގް ޖެސިކެވެ. މީގެ އިތުރުން ދިވެހި ލީގަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އެކްލަބަށް ގެނައި ސްޕެއިނުގެ ތަޖުރިބާކާރު މިޑްފީލްޑަރު ޓާނާ ވަނީ ކުޅެފައެވެ. ޓާނާއަކީ ކުރިން ސްޕެނިޝް ލީގުގައި ކުޅެ މަޝްހޫރު ރެއާލް މެޑްރިޑް ކޮޅަށް ލަނޑު ޖަހާފައިވާ ކުޅުންތެރިއެކެވެ.

މާޒިޔާގެ ކޯޗް ޖެސިކް (ވ). ފޮޓޯ: އެފްއޭއެމް

ރާއްޖޭ ގައުމީ ޓީމުގައިވެސް ހިމެނޭ ގިނަ ކުޅުންތެރިތަކެއް ކުޅެމުން އަންނަ މާޒިޔާގެ ގޯލަށް އަމާޒުކޮށް ސަސްއަށް އެންމެ ހަމަލާއެއްވެސް މިއަދު ފޮނުވާލެވިފައެއް ނުވެއެވެ. މާޒިޔާއިން ވަނީ ސަތާރަ ހަމަލާ އުފައްދާފައެވެ. އެކަމަކު ސަސްގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވުނި 6 ހަމަލާއެވެ.

ދިވެހި ޕްރިމިއަރ ލީގުގައި މިރޭ 21:00 ގައި ކުޅޭ މެޗުގައި ބައްދަލު ކުރާނީ އީގަލްސް އާއި ޓީސީ ސްޕޯޓްސްއެވެ.