ފުވައްމުލަކު ސިޓީގެ ވީދަނޑުގައި އަނެއްކާވެސް އަލިފާން ރޯވެއްޖެއެވެ. މިއަދު އަލިފާން ރޯވެފައިވަނީ ފުނާޑު އަވަށުން މާލެމަގަށް ދާން އޮންނަ މަގުގެ ކުޅިޔާވީ ފަރާތުގައެވެ.

އެ ސަރަހައްދުގައި ރޯވެ ވަރަށްބޮޑަށް އަނދަމުންދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. "އެންމެފަހުން ރޯވި ދުވަހަށްވުރެ ބޮޑަށް ރޯވެފައި މިވަނީ މިއަދު. ވައިވެެސް ވަރަށްބާރު. އެހެންކަމުން އަލިފާން ކޮންޓްރޯލް ކުރަން ވަރަށް ބޮޑަށް ދަތިވެގެން މިއުޅެނީ. ސިފައިންނާއި ފުލުހުންނާއި އާންމުންނާއި ކައުންސިލް މެމްބަރުން ވެސް މިސަރަހައްދުގައި ހަރަކާތްތެރިއެބަވޭ. އެއާޕޯޓު ފަޔަރުން ވެސް އަންނާނެ ކަމަށް މިބަލަނީ،" އެސިޓީގެ ކައުންސިލް އިދާރާގެ ބޭފުޅަކު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދިހަ ވަަރަކަށް އޭކަރުގެ ސަރަހައްދެއްގައި މިހާރުވެސް ވަނީ ރޯވެފައި ކަމަށެވެ. އަލިފާންގަނޑު ރޯވެ މިހާރުދަނީ ނޭޗަރ ޕާކާ ދިމާއަށް ދަތުރު ކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ ސިޓީގެ ވީދަނޑުގައި ޖެނުއަރީ 30 ވަނަ ދުވަހު ވެސް ވަނީ ވަރަށް ބޮޑަށް ރޯވެފައެވެ. އެދުވަހުގެ އަލިފާންގަނޑުވަނީ ސިފައިންނާއި ފުލުހުންނާއި އަންމުންނާއި ކައުންސިލައި އެއާޕޯޓު ފަޔަރު ގުޅިގެން މަސައްކަތްކޮށް ނިއްވާލައިފައެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެސަރަހައްދުގައި ރޯވި އަލިފާން ނިއްވާލުމަށްޓަކައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑު، ފުވައްމުލަކު ފަޔަރ ސްޓޭޝަނުން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ. މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 6:00 ގައި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ރޯވިއަލިފާން މިރޭ 8:00 އެހައިކަންހާއިރު ވަނީ ނިއްވާލެވިފައެވެ.

ފާއިތުވި ތިންމަސްތެރޭގައި މިއިީ އެސަރަހައްދުގައި ރޯވި 4 ވަނަ ފަހަރެވެ.