އިންޑިއާގެ ތިންވަނައަށް އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާއަކީ ޔޫއޭއީއެވެ. ނަމަވެސް މިދިޔަ އަހަރުގެ މާލީ އަހަރު އެމެރިކާއަށްފަހު އިންޑިއާއިން ދެވަނައަށް އެންމެ ގިނައިން އެކްސްޕޯޓް ކޮށްފައި ވަނީ ޔޫއޭއީއަށެވެ.
ޔޫއޭއިއާއި އިންޑިއާއާ ދެމެދުގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު އިންޑިއާއިން ޔޫއޭއީއަށް ޑިއުޓީއާ ނުލައި މަދުވެގެން %80 މުދާ އެކްސްޕޯޓްކުރާނެކަމަށް ބެލެވެއެވެ.
ދެ ގައުމު ދެމެދު އިތުރު ވަމުންދާ ވިޔަފާރިއާއެކު، ދެ އަހަރުގެ ތެރޭގައި އިތުރު ދެ ބިލިއަން ޑޮލަރުގެ ފޭރާމުގެ ބާވަތްތައް އެކްސްޕޯޓް ކުރާނެއެވެ.
އިންޑިއާއާއި ޔޫއޭއީއާ ދެމެދުގެ ކޮމްޕްރިހެންސިވް އިކޮނޮމިކް ޕާޓްނާޝިޕް އެގްރީމަންޓްގެ ދަށުން ޔޫއޭއީއަށް ޕްލާސްޓިކްގެ ބާވަތްތައް އެކްސްޕޯޓް ކުރާ މިންވަރު ތިން ގުނަ އަށް އިތުރު ކުރެވޭނެއެވެ.
މިނިވަން ވިޔަފާރީގެ މި އެއްބަސްވުމުގެ މަގުސަދަކީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ދެގައުމުގެ ދެމެދުގެ ވިޔަފާރި 100 ބިލިއަން ޑޮލަރަށް އިތުރުކުރުމެވެ. މިހާރު ދެގައުމުގެ ވިޔަފާރި އުޅެނީ 60 ބިލިއަން ޑޮލަރުގައެވެ.
އިންޑިއާގެ ސިނާއީ ދާއިރާއިން ލަފާ ކޮށްފައިވާ ގޮތުގައި އިންޑިއާގެ އަލިމަސް ޖަވާހިރާއި ގަހަނާއާއި ފޭރާމާއި އިންޖިނިއަރިންގެ އުފެއްދުންތަކާއި ބޭސްފަރުވާގެ އުފެއްދުންތަކާއި އާލާތްތަކާއި އުޅަނދުތަކާއި ހަމުން އުފައްދާފައި ހުންނަ ބާވަތްތަކާއި ކުޅިވަރުގެ ސާމާނުތަކާއި ފަރުނީޗަރު ފަދަ ސިނާއީ ދާއިރާތަކުން 500،000 އަށް ވުރެ ގިނަ ވަޒީފާ އުފެދިގެންދާނެއެވެ.
އިންޑިއާއިން އެގައުމުގެ ތާޒާ އަދި ފިނިކުރި މަހުގެ ބާވަތްތަކާއި ޗީޒާއި ހަވާދުގެ ބާވަތްތަކާއި ބައެއް އޯގަނިކް ކެމިކަލްސް އަދި ކަރުދާހުގެ ބާވަތްތަކަށް ޑިއުޓީ ފްރީކޮށް މާކެޓަށް ވަދެގަތުމަށް ފުރުސަތު ހޯދަން ބޭނުން ވެއެވެ. ޔޫއޭއީއަށް ކުޅިވަރު މުދަލާއި ފަރުނީޗަރު އެކްސްޕޯޓްކުރާ ފަރާތްތަކަށްވެސް ޒީރޯ ޑިއުޓީ ގެ ގޮތުގައި އެކްސެސް ވެވިދާނެ ކަމަށްވެއެވެ. އަދި އިންޑިއާއިން ޕްލާސްޓިކް އެކްސްޕޯޓް ކުރާ މިންވަރު މިހާރު ހުރި 418 މިލިއަން ޑޮލަރުން 1.3 ބިލިއަން ޑޮލަރަށް އިތުރު ވެގެން ދާނެކަމަށް އިންޑިއާގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.
ވޮޝިން މެޝިނާއި އޭސީއާއި ރެފްރިޖަރޭޓަރާއި ހަވާދާއި ދުންފަތާއި ކަފައިން އުފައްދާފައި ހުންނަ ހެދުމާއި ފޭރާން އަދި ހަމުން އުފައްދާފައި ހުންނަ މުދާ ފަދަ 1100 އެއްހާ އުފެއްދުން އެކްސްޕޯޓް ކުރުމަށް ވަނީ ފާހަގަ ކުރެވިފައެވެ.
ސިނާއީ ފަރާތްތަކުން ލަފާކުރާ ގޮތުގައި 2023 ވަނަ އަހަރު އަންނަންވާއިރަށް އަލިމަހާއި އާއި ގަހަނާ އެކްސްޕޯޓް ކުރާ މިންވަރު 10 ބިލިއަން ޑޮލަރަށް އިތުރުވާނެއެވެ. އޭގެ ފަހުން އަންނަ ފަސް އަހަރު ތެރޭގައި މި އެކްސްޕޯޓް ދެގުނަ އަށް އިތުރުވާނެއެވެ.
އިންޑިއާއިން ޔޫއޭއީއަށް ރަނާއި، ރިހި އަދި ހުދު ރަނާއި ގަހަނާ އަށް ނަގާ %5 އިމްޕޯޓް ޑިއުޓީ އުވާލުމަށް އިންޑިއާގެ ސިނާއީ ފަރާތްތަކިން އެދެއެވެ. 2020-21 ވަނަ އަހަރު މި ބާވަތްތަކުގެ އެކްސްޕޯޓް ވަނީ 1.18 ބިލިއަން ޑޮލަރަށް ދަށްވެފައެވެ. ޔޫއޭއީއިން ވަނީ އިންޑިއާއިން ބިހާއި ކުކުޅު މަހުގެ ބާވަތްތައް އެތެރެކުރުން މަނާކޮށްފައި އޮތް އޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އުވާލާފައެވެ.
އިންޑިއާއާއި ޔޫއޭއީގެ މިނިވަން ވިޔަފާރީގެ މަޝްވަރާތައް ފަށާފައިވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މިއީ ގަލްފް ސަރަހައްދުގެ ގައުމަކާއެކު އިންޑިއާއިން އެކުލަވާލި މިފަދަ ފުރަތަމަ ވިޔަފާރީގެ އެއްބަސްވުމެވެ.