"އިންޑިޔާ އައުޓް" ގެެ ނަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައައްޔޫމް އިސްވެ ހުންނަވައި ކުރިޔަށް ގެންދާ ކެމްޕެނަކީ، ދިވެހިރާއްޖޭގެ ސަލާމަތާއި ރާއްޖޭގައި ދިރިއުޅޭ ބޭރު ޤައުމުތަކުގެ ރައްޔިތުންނާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށް ގެއްލުންވާގޮތަށް މިފަހުގެ ތާރީޚުގައި ހިންގާތީ ފެނުނު އެންމެ ނުރައްކާތެރި ކެމްޕޭން ކަމަށް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ރޭ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ (241) ގައި އިންޑިއާ އައުޓް ގެ މައުލޫމާތު ކޮމިޓީއާ ހިއްސާކުރައްވަމުންނެވެ.

މާރިޔާ ވިދާޅުވި ގޮތުގައި އިންޑިއާ އައުޓް ގެ ސަބަބުން ދިވެހިރާއްޖޭގެ އެތެރޭގެ ހަމަޖެހުން ގެއްލި، ސަރަހައްދީ ގައުމުތަކާއި އޮތް ގާތްގުޅުމަތާ އޮތް ގުޅުން ހީނަރުވުމުގެ އިތުރުން ދިވެހިރާއްޖޭގެ ސަލާމަތާއި ދިފާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް ދަނީ ހުރަސްއެޅެމުންނެވެ.

މީގެ އިތުރުން އިންޑިއާ އައުޓް ކެމްޕޭނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީގެ މެމްބަރުންގެ އިތުރުން އެމްއެންޑީއެފްގެ ލަފާދޭ މަޖިލީހުގެ އިތުރުން ސީނިއާ ޖެނެރަލް އޮފިސަރުންނާއި ކޮމާންޑް އެންޑް ސްޓާފް ލެވެލްގައި މަސައްކަތް ކުރައްވާ ބޭފުޅުން ގެ އިތުރުން ރާއްޖޭން ބޭރުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ދިވެހި އަސްކަރިއްޔާގެ ޑިފެންސް އެޑްވައިޒަރުން ވެސް އެއްބަސްވެ ވަޑައިގަންނަވާ ކަމުގައި މާރިޔާ ފާހަގަ ކުރެއްވި އެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ސަރަހައްދުގެ ހަމަޖެހުމަށްޓަކައި ސަލާމަތީ ކަންކަން އަބަދުވެސް ބަލަހައްޓަނީ ހުރިހާ ގައުމަކާ ގުޅިގެން ކަމަށެވެ.

އިންޑިއާއިން އަމިއްލައަށް ރާއްޖޭގައި ހިންގާ މައިގަނޑު އޮޕަރޭޝަންތަކަކީ ބަލި މީހުން އުފުލުމާއި ސާޗް އެންޑް ރެސްކިއުގެ އޮޕަރޭޝަންތައް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭގެއިތުރުން ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއުކޮށް ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލު ނަގަހައްޓާނީ ދިވެހި ސިފައިން ކަމަށާއި އެކަމުގެ ޔަގީންކަން ދެއްވާ ކަމުގައިވެސް ޝަމާލް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ކުރައްވާފައި ނުވާނެ ކަމަށާއި އެފަދަ އެއްވެސް ކަމެއް ނުކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން، ދިފާޢީ ވަޒީރުގެ ޙައިސިއްޔަތުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށާއި ދިވެހި ރައްޔިތުންނަށް ދެއްވާކަމުގައި މާރިޔާ ވިދާޅުވިއެވެ.

އިންޑިއާ އަކީ އެންމެ ގިނައިން ދިވެހިން ބޭސްފަރުވާއަށް ދާ ގައުމު ކަމަށް ވެފައި އަދި ގިނަ ކާބޯތަކެތި އެ ގައުމުން ރާއްޖެ އެތެރެކުރާ ގައުމަށް ވީއިރު އެ ގައުމާ ދެކޮޅަށް ޔާމީން ދައްކަވާ ވާހަކަތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ އާންމު ރައްޔިތުންނަށް ކަމުގައި މާރިޔާ ވިދާޅުވިއެވެ.

އިންޑިއާ އައުޓް ކެމްޕެއިންގެ ސަބަބުން، ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ މީހުންނަށް އެކި ކަހަލަ ނުރައްކާތައް ކުރިމަތިވެ، އެ މީހުން ވެސް ތިބީ ބިރުވެރިކަމެއްގައި ކަމަށް ވެސް މާރިޔާ އިތުރަށް ހާމަކުރެއްވިއެވެ.

އޭގެ އިތުރުން އިންޑިއާ އައުޓް ހަރަކާތުގައި ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބައެއް އިންޑިއާ މީހުންނަށް ބިރުދައްކާފައިވާ ކަން ފުލުހުންގެ ސަމާލުކަމަށް އައިސްފާވަކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

އިދިކޮޅު ފަރާތްތަކުން އިންޑިއާ އައުޓްގެ ނަމުގައި މިދިޔަ އަހަރު ފަށާފައިވާ މި ކެމްޕޭނަކީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ކަމަށް ބުނެ އެމީހުން ރާއްޖެއިން ފޮނުވާލުމަށް ސަރުކާރަށް ގޮވާލާ ކުރިއަށްގެންދާ ކެމްޕޭެނެއްކަންވެސް ފާހަގަކޮށްލެވެއެވެ.