ޅ. މަޑިވަރު އެއާޕޯޓު ރަސްމީކޮށް ހުޅުވައިފިއެވެ.

މަޑިވަރު އެއާޕޯޓު ހުޅުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު މޯލްޑިވިއަންގެ ފްލައިޓެއްގައި މަޑިވަރަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް)ގެ އިސްވެރިންނާއި ކުރެއްދޫ ހޯލްޑިންގްސްގެ ވެރިންނާ މަޑިވަރު އެއާޕޯޓްގެ އިސްވެރިންނެވެ.

މަޑިވަރު އެއާޕޯޓުގައި 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި، އެކޮމޮޑޭޝަން ބްލޮކެއް ވަނީ ގާއިމްކޮށްފައެވެ. މޯލްޑިވިއަން އިން ބުނިގޮތުގައި އެ އެއާޕޯޓަކީ ފަތުރުވެރިންނަށް ވެސް ޚިދުމަތް ދިނުމަށް އެންމެ އެކަށީގެންވާ ގޮތަށް ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ.

އަންނަ ހަފްތާގައި މަޑިވަރަށް ޝެޑިއުލްދަތުރުތައް ފަށާއިރު އެއް ކޮޅު ދަތުރުގެ އަގަކީ 1029 ރުފިޔާއެވެ. މި ދަތުރަކީ ގާތްގަނޑަކަށް 20 މިނެޓުގެ ކުރު ދަތުރެކެވެ.

އެއާޕޯޓަށް ދަތުރުތައް ފެށުމުގެ ހުއްދަ އައިލެންޑް އޭވިއޭޝަނާ މިއަދު ހަވާލުކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާ އެވެ. އަދި އެއާޕޯޓުގެ ފުރަތަމަ ބޯޑިން ފާސް ރައީސް ސޯލިހާ ހަވާލުކޮށްދެއްވީ އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިއާދު އެވެ. ރައީސް އަށް ހަނދާނީ ފިލައެއް ހަދިޔާކުރެއްވީ ކުރެއްދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މޫސާ (އުއްޗު) އެވެ.