ހއ. އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ސަސްޕެންޑުކޮށްފިއެވެ.
ޕީޕީއެމަށް ނިސްބަތްވާ އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދަށް އެލްޖީއޭ އިން ފޮނުވި ސިޓީގައި ވަނީ އެ އޮތޯރިޓީއަށް ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެން މި މަހުގެ އަށް ވަނަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި އެ މައްސަލަތައް ބެލުމަށާއި އަދި މައްސަލަތައް ބަލައި ނިމެންދެން އޭނާ ސަސްޕެންޑުކުރުމަށް ނިންމާފައިވާ ކަމަށެވެ.
އަބްދުﷲ ރަޝީދާ ގުޅޭގޮތުން ބަލާ މައްސަލަތަކަކީ:
- ކޭބަލް ޓީވީ ހިދުމަތްދިނުމާ ގުޅޭ މައުލޫމާތު ޝީޓުގައި ފަސް އަހަރަށް ކުއްޔަށް ދިނުމަށް ޖަހާފައިވީ އިރު 10 އަހަރަށް އެގްރިމަންޓު ކުރުން
- ޖެނުއަރީ 2020 އިން ފެށިގެން އޮކްޓޯބަރު 2020 ގެ ނިޔަލަށް ކޭބަލް ޓީވީ އޮޕަރޭޓާ ކުރާ ފަރާތުން ކުލި ދައްކާފައި ނުވާއިރު އެކަމާ ގުޅިގެން ރަސްމީކޮށް އެއްވެސް އެންގުމެއް އަންގާފައި ނުވުން
- ކޭބަލްޓީވީ ހިދުމަތް ދޭ ފަރާތުން ގަންނަން ޖެހޭ ޑިކޯޑަރު ގަތުމަށް ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްފައި ވުން
- ރަށް ކުނި ކަހާ ސާފުކުރުމަށް ކޮންޓްރެކްޓް އުސޫލުން ހަތަރު މީހުން ނެގި އިރު އެކަމަށް އެދި ހުށަހެޅި މީހުންނާ އިންޓަވިއުކޮށްފައި ނުވުން
- މަސައްކަތު މީހެއް މަގާމުން ވަކިވުމުން އެ މަގާމަށް އިއުލާންކުރުމަށް ފަހު ކައުންސިލަރު ބޭނުން މީހަކު މަގާމަށް ނެގުން
- ކައުންސިލަށް ހޯދާ ތަކެތި ގަތުމަށް ބިޒްޓްރެކްސް އިންޓަނޭޝަނަލް ކިޔާ ކުންފުންޏަކުން އެތަކެތި އެކި ފަހަރުމަތިން ހޯދާފައިވުމާއި އިތުރަށް ހޯދަން ޖެހޭ ދެ ކޯޓޭޝަން ވެސް އެ ކުންފުނިން ހޯދާފައިވުން
- ވައްކަމުގެ މައްސަލައެއްގައި ސިވިލް ސާވިސް ވަޒީފާއިން ވަކިކޮށްފައިވާ މީހަކު އުތީމު އިމާމުންގެ ޕޫލަށް ވޭޖް އެމްޕްލޮއިމަންޓުގެ ދަށުން ނެގުން
- ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގަ މާލިއްޔަތު ގަވާއިދުގައި ޕްރޮކިއުމަންޓް އުސޫލުތަކާ އެއްގޮތަށް ލިޔެކިޔުންތައް ފުރިހަމަކޮށްފައި ނުވުން
- ކައުންސިލަށް ލިބޭ ފައިސާގެ އެހީތަކުގެ ރިކޯޑެއް ބަލަހައްޓާފައި ނެތުން
- ކައުންސިލް އޮފީސް ގޯތީގައި ހުރި ނިކަގަސް ކެނޑުމުގައި އިދާރީގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ނުކޮށް ހުރުން
އެ މައްސަތަކާ ގުޅިގެން މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ޖަވާބުދާރީވާން އަބްދުﷲ ރަޝީދަށް ވަނީ އަންގާފައެވެ.