ދިވެހީންނަކީ ދަނޑުވެރިކަމަށް ލޯބިކުރާ ބައެކެވެ. ލިބިފައިވާ ކިތަންމެ ކުނޑަ ބިންކޮޅުގައި ނަމަވެސް ދަނޑުވެރިކަން ކޮންމެެވެސް ވަރަކަށް ނުކުރާ ރަށެއް ރާއްޖޭގައި ނެތެވެ. އެހެންނަމަވެސް ފަތުރުވެރިކަން ފުޅާވުމާ ގުޅިގެން ދަނޑުވެރިކަމަށް ކޮންމެސްވަރެއްގެ ހީނަރުކަމެއް އައެވެ. އެހެނަސް މިހާރު ދަނޑުވެރިންނަށް ލިބުނު ލުއިފަސޭހަ ކަމާއެކު އަނެއްކާވެސް ރާއްޖޭގައި ދަނޑުވެރިކަން ފުޅާވެ ކުރިއަރަން ފަށައިފިއެވެ. މިކަމުގެ މުގުލުގައި ހިފީ 100 ޕަސަންޓު ސަރުކާރު ހިއްސާވާ ކުންފުނި އެގްރޯ ނެޝަނަކް ކޯޕަރޭޝަން ލިިމިޓެޑް (އެގްރޯނެޓް) އެވެ.
21 އެޕްރީލް 2020 ގައި ސަރުކާރުން އުފެއްދެވި އެގްރޯނެޓް ކުންފުނީގެ މަގުޞަދަކީ ދަނޑުވެރިކަމަށް ބޭނުންވާ އިދާރީ އަދި ފަންނީ މީހުން އުފައްދައި މި މަސައްކަތް ތަރަށްޤީކޮށް އާ ހަރުފަތަކަށް ދިވެހި ދަނޑުވެރިކަން ވާސިލްކޮށްދިނުމެވެ. ދިވެހި ދަނޑުވެރިކަމުގެ ސިނާއަތް ތަރަށްޤީ ކުރުމެވެ.
ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތަކީ މިހާދުވަސްވީއިރުވެސް ޒަމާނީ ތަރަށްޤީއެއް އައިސްފައިނުވާ ސިނާޢަތެކެވެ. އެހެންނަމަވެސް މިހާރުގެ ސަރުކާރުން ދަނޑުވެރިކަމަކީވެސް ރާއްޖޭގެ އިޤުތިޞާދުގެ މުހިންމު ސިނާޢަތެއްކަމަށް ދެކެވަޑައިގެން ދަނޑުވެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައި ދަނޑުވެރިކަން ކުރިއަރުވަން މަސައްކަތް ފެއްޓެވުމުގެ ނަތީޖާ އަކީ ދަނޑުވެރިކަމުގެ މަސައްކަތް ފަސޭހަވެ ދަނޑުވެރިން އިތުރު ވުމެވެ.
ރާއްޖޭގައިވެސް ބައިނަލްއަޤުވާމީ ފެންވަރުގައި ދަނޑުވެރިކަން ފުޅާކޮށް ދަނޑުވެރިކަމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަކީ އެގްރޯނެޓްގެ އަމާޒެވެ. ކޮންޓްރެކްޓް ދަނޑުވެރިކަމުގެ ދަށުން މީހުން ތަމްރީނުކޮށް ދަނޑުވެރިކަމުގެ އުފެއްދުންތައް މާރުކޭޓަށް ނެރެދީ އަދި ދަނޑުވެރިކަމުގައި ބޭނުންކުރާނެ ރަނގަޅު އާލަތްތައް ހޯދައި ދިނުމުގައިވެސް އެގްރޯނެޓުކްގެ އެހީތެރިކަން ލިބޭނެއެވެ.
އެގްރޯނެޓްގެ މެނޭޖިން ޑިރެކްޓަރ ހާރޫނު ރަޝީދު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ބާވަތްތައް އިތުރުކޮށް، އިންޕޯޓަށް ބަރޯސާވާ މިންވަރު ދައްކުރުން ކަމަށެވެ. ފަތުރުވެރިކަމަށް ބަރޯސާވުމުގެ ބަދަލުގައި ދަނޑުވެރިކަމުގެ ސިނާއަތްވަރުގަދަކޮށް އިގުތިޞާދުގެ މުހިއްމުބައެއްކަމުގައި ހެދުމެވެ. އަދި ރާއްޖޭގެ ފްޑް ސްކިއުރިޓީއެއް ގާއިމު ކުރުމެވެ.
އެގްރޯނެޓްގެ ކޮންޓްރެކްޓް ދަނޑުވެރިކަމުގެ މަސައްކަތުގެ ދަށުން މިހާރު 45 ރަށެއްގައި ދަނޑުވެރިކަމުގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށް އެބަދެއެވެ.
މަޝްރޫޢަށް ޝައުގުވެރިވާ ފަރާތްތައް އިތުރުވާކަމަށް އެގްރޯނެޓް އިން ފާހަގަކުރެއެވެ. އެގޮތުން އެ ކުންފުންޏާއެކު އެއްބަސްވުމުގައި 400 މީހަކު ސޮކޮށްފިއެވެ. އަދި 1500 އަށްވުރެ ގިނަމީހުން މިކަމަށް ޝައުގުވެރިކަން ފައުޅުކޮށްފައިވާކަމަށް އެގްރޯނެޓް އިން މައުލުމާތު ދެއެވެ. އެގްރޯނެޓްގެ އަމާޒަކީ މިއަހަރު ނިމެންވާއިރަށް 2000 އަށް ވުރެ ގިނަ ދަނޑުވެރިންނާއެކު ކޮންޓްރެކްޓް ދަނޑުވެރިކަން ފެށުމެވެ.