ކްރައުން އެންޑް ޗަމްޕާ ކުންފުންޏަކީ، ރާއްޖޭގެ ތަރައްޤީގައި ވަރަށް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ބައިވެރިއެއް ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މަޑިވަރު އެއާޕޯޓު ރަސްމީކޮށް ހުޅުވުމުގެ ރަަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ އެކުންފުންޏަކީ ހަމައެކަނި ޓޫރިޒަމް ދާއިރާ ތަަރައްގީ ކުރުމަށް މަސައްކަތްކުރާ ކުންފުންޏެއް ނޫންކަމަށެވެ. "ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވެފައިވާ އެހެން ކިތަންމެ ދާއިރާއެއްގައި ވަރަށް ދީލަތި އެހީތަކެއް ވެދެމުން އަންނަ ބައިވެރިއެއް. ޞިއްޙީ ދާއިރާ ކަމަށް ބެލިނަމަވެސް، ދުނިޔޭގެ ފެންވަރުގެ ޚިދުމަތް ލިބޭވަރުގެ ހޮސްޕިޓަލެއް އެގެންދަނީ އެބޭފުޅުން ހިންގަވަމުން. ތަޢުލީމީ ދާއިރާއަށް ކިޔަވައިގެން ތިބި ކުދިން ނެރުމަށްޓަކައި، އަމިއްލަ ޖީބުން ޚަރަދުކުރައްވައި، އެތައް މަސައްކަތެއް ކުރައްވައިގެން، އެތައް ދަރިންތަކެއް ނެރުއްވަމުން އެބަ ގެންދަވާ. މިއަދު މިއީ އަނެއްކާވެސް އެ ޚިދުމަތަށް އިތުރު ބޮޅެއް އިތުރުވެގެންދިޔަ ދުވަހެއް،" އެކަނިކުފާނު ވިދާޅުވިއެވެ.

މަޑިވަރު އެއާޕޯޓު އިންވެސްޓްމެންޓަކީ ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ އިންވެސްޓްމެންޓެކެވެ. އެހެން ކަމުން ރައީސް ވަނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު މޫސާ ޗަމްޕާ، އުއްޗުއަށާއި، ޙަސަން ޢަފީފަށް ވަރަށް އެމަނިކުފާނާއި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވައިފައެވެ.

މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެއްރަށް އަނެއްރަށާ ގުޅައި، އެއް އަތޮޅު އަނެއް އަތޮޅާ ގުޅިގެން ދިޔުމަކީ، ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްޤީ ކުރުމުގައި، އެންމެ ބޮޑަށް ބޭނުންވެފައި އޮތް އެއްކަންތައް ކަމަށެވެ. "މިއަދު ކުރެއްދޫ ހޯލްޑިންގްސްގެ ފަރާތުން މިކޮށްދެއްވި ކަމަކީ އަޅުގަނޑުމެން ރާއްޖެ ތަރައްޤީ ކުރުމުގައި މިގެންގުޅޭ ސިޔާސަތުގައި ކުރިއަށްދިޔުމަށްޓަކައި އަނެއްކާވެސް ކުރިއަށް އެޅުނު އިތުރު ފިޔަވަޅެއް. އަދިވެސް އެއްފަހަރު، އެކަމަށްޓަކައި މިކަމަށް އިންވެސްޓްކޮށްދެއްވި ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކުގައި ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަޑިވަރުގައި އެއަރޕޯޓެއް އެޅުމަކީ، މީގެ ގާތްގަނޑަކަށް 16 އަހަރު ކުރިން، ދިވެހި ސަރުކާރުން ނިންމާފައި އޮތް ނިންމުމެއް ކަމަށެވެ. އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި، 2006 ވަނަ އަހަރު "މަޑިވަރު ހޯލްޑިންގްސް"ގެ ނަމުގައި ކޮންސޯޓިއަމެއް، ކުންފުންޏެއް އުފައްދައި، އެރަށުގައި އެއަރޕޯޓެއް އެޅުމަށް ސަރުކާރުން ނިންމެވި ކަމަށް ރައީސް ވިދާޅުވިއެވެ. އެ ކުންފުނީގެވެސް ޙިއްޞާދާރުންގެ ގޮތުގައި، މަޑިވަރު އެއަރޕޯޓް ތަރައްޤީ ކުރެއްވި ފަރާތްތައް ހިމެނޭ ކަމަށް ވިދާޅުވިއެވެ. "ޗަމްޕާ ހޯލްޑިންގްސް، ޗަމްޕާ ބްރަދަރސް، އެ ކުންފުނީގައިވެސް ހިމެނޭ. އެހެންނަމަވެސް، ސަރުކާރުގެ ސިޔާސަތަށް އޭރު ގެނެވުނު ބަދަލުތަކެއްގެ ސަބަބުން ދިގުދެމިގެންގޮސް އެތައް ދުވަހެއް ވޭތުވެގެންދިޔައީ. އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގައި އުޅުނުއިރުގައި، އަޅުގަނޑާ އަލްއުސްތާޛު އަޙްމަދު މުޙައްމަދާއި، އަޙްމަދު މޫސާ، މަޖިލީހުގައި އޭރު މަސައްކަތްކުރިއިރުގައި، ބަޖެޓް ހުށަހަޅާ ކޮންމެ ދުވަހަކު، އަޅުގަނޑުމެން މި ސުވާލުތައް ކުރަމުންގެންދަން. އެދިޔަ 16 އަހަރުވެސް. މިތާ އަޅުގަނޑާ އެކުގައި އެބޭފުޅުން އެބަ ތިއްބެވި. މިއަދު އެކަން ޙަޤީޤަތަކަށް ވެގެން މިއައީ ގިނަދުވަސްތަކެއް ވޭތުވުމަށްފަހުގައި،" ރައީސް ވިދާޅުވިއެވެ.

މިއަދު ހުޅުވުނު އެއަރޕޯޓް ހެދުމަށް ކުރެއްދޫ ހޯލްޑިންގްސްއާ ސަރުކާރުން ޙަވާލުކޮށްފައިވަނީ 2018 ވަނަ އަހަރުގެ މެދުތެރޭގައެވެ. އެއީ އެއަހަރު ރިޔާސީ އިންތިޚާބުގެ ކެމްޕެއިނެއްގެ މެދުތެރެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެއާޕޯޓުގެ މަސައްކަތް އެ އަހަރުގެ ފަހުކޮޅުގައި، ފަށްޓަވާފައިވާ ކަމަށް ވިދާޅުވިއެވެ. އޭރު މަސައްކަތް ފަށައި މިހާރުވަނީ ވަރަށް ފުރިހަމައަށް އެއަރޕޯޓް ނިންމާފައިކަމަށް އުފަލާއެކު ރައީސް ވިދާޅުވިއެވެ. "ކޯވިޑުގެ ދަތި އުނދަގުލުގައި މުޅި ރާއްޖެ ތަޙައްމަލު ކުރަމުންދިޔައިރުވެސް މިކަމަށް އިސްކަންދެއްވައި، ކުރެއްދޫ ހޯލްޑިންގްސްގެ ފަރާތުން މި މަސައްކަތް ކޮށްދެއްވިކަމީ، މި އަތޮޅަށާއި، މި އަތޮޅުގެ ރައްޔިތުންނަށް ދޭން ބޭނުންވެފައިވާ ޚިދުމަތްތަކަށް، އެކުންފުނިން ދީފައިވާ އިސްކަމެއް ކަމުގައި އަޅުގަނޑު ދެކެން،" ރައީސް ވިދާޅުވިއެވެ.

އެއަރޕޯޓް ނިމިފައިވަނީ އެންމެ ފުރިހަމަ އެއަރޕޯޓެއްގައި ހުންނަންވާނެ ވަސީލަތްތަކާ އެކުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މަޑިވަރު އެއާޕޯޓަށް ރޭގަނޑާއި ދުވާލު ފްލައިޓް ޖެއްސެއެވެ. އެތަނުން އެންމެ ފުރިހަމަ ވަސީލަތްތައް ފުރިހަމަޔަށް ލިބެންހުންނަކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެއަރޕޯޓްގެ މަސައްކަތް ނިމި އެތަން ހިންގަން މިހާރު ހަވާލުކޮށްފައިވަނީ އައިލެންޑް އޭވިއޭޝަނާ އެވެ. "އަޅުގަނޑު އުންމީދު ކުރަނީ، ރައްޔިތުން އެދޭވަރުގެ އަދި ރިޒޯޓުތަކުން ބޭނުންވާވަރުގެ ޚިދުމަތެއް، އައިލެންޑް އޭވިއޭޝަނުން މި އެއަރޕޯޓް މެދުވެރިކޮށް، ރައްޔިތުންނަށާއި ރިޒޯޓުތަކަށް ފޯރުކޮށްދޭނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.