މިއަދު ޅ. އަތޮޅުގައި ރަސްމީކޮށް ހުޅުވި މަޑިވަރު އެއާޕޯޓު މިވަގުތު ޑޮމެސްޓިކް ތަނެއްގެ ގޮތުގައި އޮތަސް އެތަން ތަރައްގީ ކުރި ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ ޗަންޕާ މުޙައްމަދު މޫސާ (އުއްޗު) ގެ ވިސްނެވުމަކީ އެތަން އިންޓަރނޭޝަނަލް އެއާޕޯޓަކަށް ބަދަލު ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
މަޑިވަރު އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ "މިއަދު މި އެއާޕޯޓް ޑޮމެސްޓިކް އެއާޕޯޓެއްގައި އޮތް ނަމަވެސް، އުއްޗުގެ ވިސްނުމުގައި އޮތީ، މިތަން ބޮޑުކޮށް، އިންޓަރނޭޝަނަލް އެއަރޕޯޓަކަށް މިތަން ބަދަލުކުރުން،" ރައީސް ވިދާޅުވިއެވެ.
އުއްޗުވަނީ އެކަމާ ރައީސާ މަޝްވަރާ ވެސް ކުރައްވާފައި ކަމަށް ވެސް ރައީސް ސާލިހު ވިދާޅުވިއެވެ. "އަޅުގަނޑާ މަޝްވަރާވެސް ކުރެވިފައި އެބައޮތް. އެކަމުގެ މަޝްވަރާތައް، އެމް.ޓީ.ސީ.ސީ.އާއެކީ ކުރެވި، އެހެންނަމަވެސް، އަދި އެމް.ޓީ.ސީ.ސީ.ގެ މަސައްކަތްތައް ގިނަކަމުން، ކުޑަކޮށް އެކަމަށް ފަސްޖެހިފައި އޮތީ. އެހެން ނޫންނަމަ، މިއަދު މިއީ އެ މަސައްކަތް މިތަނުގައި ފަށަން ނިންމާފައި އޮތް ދުވަސް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ، ރާއްޖޭގައި ވިޔަފާރި ކުރަން ބޭނުންވާ ދިވެހި ވިޔަފާރިވެރިންނަށް ވީހާވެސް ފަސޭހަ ގޮތްތައް ހޯއްދަވައިދެއްވުން ކަމަށެވެ. ރާއްޖެ ތަރައްގީ ކުރެވޭނީ ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން އެކުގައި މަސައްކަތް ކޮށްގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން "ސަރުކާރުގެ ސިޔާސަތުތައް މިއަދު ބައްޓަން ކުރަމުން މިގެންދަނީ، އަމިއްލަ ވިޔަފާރިވެރިންނަށް ކުރިމަތިވެފައި ހުރި ދަތިތައް ނައްތާލައި، ފަސޭހަގޮތްތައް ގާނޫނާއި ގަވާއިދުގެ ތެރެއިން ހޯދައިދިނުމަށް. މިކަމުގައި އަޅުގަނޑުމެން ކުރިއަށްދާނެކަމުގެ ޔަޤީންކަން، މިތާ މިތިއްބެވި ވިޔަފާރިވެރިންނަށް އަޅުގަނޑު މިއަދުވެސް އަރުވަން،" ރައީސް ވިދާޅުވިއެވެ.