ގދ. ފަރެސްމާތޮޑާ އެއާޕޯޓާއި މ. މުލީ އެއާޕޯޓު މިއަަހަރު ހުޅުވޭނޭ ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޅ. މަޑިވަރު އެއާޕޯޓު ހުޅުވުމަށް އިއްޔެ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ މަޑިވަރު އެއާޕޯޓު ހުޅުވުމާއެކު، މާލެއިން އުތުރުގެ ކޮންމެ އަތޮޅެއްގައި ވަނީ އެއަރޕޯޓެއް ހުޅުވިފައި ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ، މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް، 30 މިނިޓުން ދެވޭ ހިސާބުގައި، އެއާޕޯޓުތައް އެޅުން ކަމަށެވެ. އެއީ މި ސަރުކާރުގެ ވައުދުތަކުގެ ތެރެއިން ވައުދެކެވެ. އެވާހަކަ މެނިފެސްޓޯގައި ވެސް ވަނީ ހިމަނާފައެވެ. "އެގޮތުން، އިރާދަކުރެއްވިއްޔާ، މި އަހަރުގެ ތެރޭގައި އަދި އިތުރު ދެ އެއަރޕޯޓް ހުޅުވިގެންދާނެ. އެއީ ގދ. ފަރެސްމާތޮޑާ އެއާޕޯޓާއި، މ. މުލީ އެއަރޕޯޓް،" ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އޭގެ އިތުރުން 6 އެއާޕޯޓެއްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

ފަރެސްމާތޮޑާ އެއާޕޯޓު މަސައްކަތް މިއަހަރު ޖުލައި 26 އަށް ނިންމުމަށް އެމަސައްކަތް ކުރާ ކުންފުނި އެމްޓީސީސީން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިއަހަރުގެ މިނިވަން ދުވަހަށް މަސައްކަތް އެއްކޮށް ނިންމުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ކަމަށެވެ.

ފަރެސްމާތޮޑާ އެއާޕޯޓު ރަންވޭގައި ތާރު އެޅުމަށް ބޭނުންވާ ކެމިކަލް ފިޔަވައި އެހެންސާމާނު މިހާރުވަނީ ސައިޓަށް ގެންގޮސްފައެވެ. ކެމިކަލް ލިބުނުހާ އަވަހަކަށް ތާރު އެޅުމުގެ މަސަައްކަތް ވެސް ފެށިގެންދާނެއެވެ. އެންމެބާރަށް މިހާރު އެތަނުގައި ހިނގާ އެއް މަސައްކަތަކީ ޓަރމިނަލް ބިލްޑިންގެެ މަސައްކަތެވެ.