ހއ. ހޯރަފުށި އެއަރޕޯޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ފަސްވަނަ ޝިޕްމަންޓް މަސައްކަތް ހިނގަމުންދާ ސަރަހައްދަށް ގެނެސްފައިވާ ކަަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ. އެކުންފުނީން ވިދާޅުވެފައިވަަނީ އެ ޝިޕްމެންޓް އެ ސަރަހައްދަށް ގެނެސްފައިވަނީ ފެބުރުއަރީ 19 ވަނަ ދުވަހު ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، ހޯރަފުށީގެ އެއަރޕޯރޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ކޯޒްވޭގެ ދެފަރާތުން އޮއިދެމޭ ނިޒާމެއް ޤާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ 90.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ މިދިޔައަހަރު ޖުލައި އެއްވަނަ ދުވަހުއެވެ. މި މަސައްކަތް އަހަރުދުވަސްތެރޭގައި ނިންމާ ގޮތަށް ވަނީ އެއްބަސްވެފައެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފައިވަނީ މިދިޔަ އަހަރު ޖުލައި 26 ގައެވެ.