ޕްރިޒަން އޮފިސަރުން ކުރިއެރުވުމުގެ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ކުރިއަށް ގެންދިޔަ ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް ކޯހުގެ ތިން ވަނަ ބެޗް ނިންމައި ދަސްވެނިވުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފި އެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ގެންދިޔަ ކޯހުގައި 28 އޮފިސަރަކު ބައިވެރިވި އިރު، ކޯސް ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ 10 ގައެވެ. އެކަމަކު އެކި ޖަލުތަކުން އޮފިސަރުން ބައިވެރިވި ކޯސް މި ފުރިހަމަކުރީ 14 އޮފިސަރެކެވެ.

ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރިކޮށް ދެއްވީ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އެވެ.

އެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުޙައްމަދުފުޅާއި ޑެޕިއުޓީ ކޮމިޝަނަ އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދު ދީދީ އާއި އެސިސްޓަންޓް ކޮމިޝަނަ އޮފް ޕްރިޒަންސް އާއި ޖަލުތަކުގެ ޑައިރެކްޓަރުންނާއި އައިކޯސްޓްގެ ޑައިރެކްޓަ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މޫސާ އަންވަރު ބައިވެރިވެވަޑައިގެންނެވި އެވެ.

ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް ކޯސް ފަރުމާކޮށްފައި ވަނީ އެމްސީއެސްގެ މަސައްކަތްތަކަށް ހާއްސަކޮށެވެ. ކޯހުގެ މައިގަނޑު މަގުސަދަކީ ޕްރިޒަން އޮފިސަރުންނަކީ ތަޢުލީމީ ގޮތުންނާއި ހުނަރުގެ ގޮތުން ގާބިލް ބަޔަކަށް ހެދުމާއި، މެނޭޖްމަންޓް ލެވަލްގައި ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތްތައް ދަސްކޮށްދިނުމެވެ.

މިއީ ރާއްޖޭގައި ހިންގާ މިޒާތުގެ ފުރަތަމަ ކޯހެވެ.