ޅ. އޮޅުވެލިފުށި ރައްޔިތުންނަށް ޕިކްނިކް އައިލެންޑެއް ހައްދަވައިދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންފި އެވެ.
ރައީސް ސޯލިހް އެކަމަށް ވައުދުވެވަޑައިގަތީ އެމަނިކުފާނު މިއަދު އޮޅުވެލިފުށްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.އޮޅުވެލިފުށީގެ ބަނދަރުގެ މަސައްކަތް ކުރިއަށްދާތީ އެކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ބަނދަރު ފުންކުރުމުގެ ތެރެއިން ލިބޭ ވެލި ބޭނުންކޮށްގެން އޮޅުވެލިފުށި ރައްޔިތުން ދަތުރުދިއުމަށް ދެ ހެކްޓަރުގެ ރަށެއް ހެދިދާނެ ކަމަށެވެ. އެކަމަކު އެ މަސައްކަތް ފަށައިގަނެވޭނެ ވަކި ދުވަހެއް ރައީސް ވިދާޅުވެފައެއް ނުވެ އެވެ. އެމަނިކުފާނު ވިދާޅުވީ ޕިކްނިކް އައިލެންޑާ އެކު އޮޅުވެލިފުށްޓަށް ބަދަލުތަކެއް އައުމަކީ ވެދާނެ ކަމެއް ކަމަށްވާތީ ޕިކްނިކް އައިލެންޑް ހެދުމުގެ ކުރިން ކަމާ ގުޅޭ ދިރާސާތަކެއް ހަދަންޖެހޭނެ ކަމަށެވެ. ރައީސް ވަނީ އޮޅުވެލިފުށްޓަކީ 100 ޕަސަންޓް އަވިން އުފައްދާ ކަރަންޓު ބޭނުންކުރާ ރަށަކަށް ހެދުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވެފަ އެވެ. އޮޅުވެލިފުށި ރައްޔިތުން އެންމެ ބޭނުންވާ ކަންކަން ފުރިހަމަ ކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.މިބައްދަލުވުމުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ވަނީ ދެ ހެކްޓަރުގެ ރަށެއް ނަމަ އޮޅުވެލިފުށި ރައްޔިތުންނަށް ޕިކްނިކް އައިލެންޑެއް ހަދައިދެވިދާނެ ކަމަށް ވިދާޅުވެފަ އެވެ.