މިހާރު ކުރިއަށްދާ އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ސްޕަރ ޔުނައިޓެޑް ސްޕޯޓްސް ކްލަބް (ސަސް) އިން ލަނޑެއް ޖަހައި ލީޑް ނަގާފައި ވަނިކޮށް ފަހަތުން އަރައި ދެލަނޑު ޖަހައި 2-1 އިން ޓީސީ ސްޕޯޓްސް ކްލަބު މޮޅުވެއްޖެއެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މިމެޗުގައި ސަސްއިން ލީޑް ނެގީ މެޗް ފަށައިގެން ފުރަތަމަ މިނެޓުގައި ލަނޑު ޖަހައިގެންނެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ އަލީ ނަސޫހް ރަޝީދެވެ. މެޗް ކޮންޓްރޯލް ކޮށްގެން ކުޅެމުންދިޔަ ޓީސީއިން ނަތީޖާ ހަމަހަމަ ކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އަހްމަދު ސާމިއުއެވެ. މިއީ ޓީސީއަށް ލިބުނު ކޯނަރެއް ސަސް ކުޅުންތެރިން ދިފާއު ކުރަން އުޅުމުގެ ތެރޭގައި ގޯލު ކުރިމަތީގައި އޭނާ ހުއްޓައި ލިބުނު21 ފުރުސަތަކުން އުއްޑައެއްހެން ގޯލުގެ އަރިމަތީ ކަނަށް ފޮނުވާލައިގެން ކާމިޔާބު ކުރި ލަނޑެކެވެ. ޓީސީ މެޗުން މޮޅުކޮށްދިން ލަނޑު 87 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މުހައްމަދު މުސްލިހްއެވެ.

މިއީ ޓީސީ އާއި ސަސް ލީގުގައި މިފަހަރު ކުޅުނު ދެވަނަ މެޗެވެ. ޓީސީ ކުޅުނު ފުރަތަމަ މެޗުގައި އީގަލްސް އަތުން ބަލިވެފައިވާއިރު ފުރަތަމަ މެޗުގައި ސަސް ބަލިވީ ވަރުގަދަ މާޒިޔާ އަތުންނެވެ.

ލީގުގައި މިރޭ 21:00 ގައި ބައްދަކުރާނީ އެންމެފަހުގެ ޗެމްޕިއަން މާޒިޔާ އާއި އީގަލްސްއެވެ.