ގާނޫނުއަސާސީ އަށް ހުށަހަޅަން އެމްޑީޕީން ގަސްދުކުރާ އިސްލާހުތަކާއި ގުޅޭ ޕާޓީތަކާ އެކު މަޝްވަރާކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާގޮތް ބަދަލުކުރުމަސް ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ވަނީ ޤާނޫނުއަސާސީ އިސްލާހު ކުރުމާ ގުޅޭގޮތުން ހުރިހާ ޕާޓިއެއް އެކުލެވޭ މަޝްވަރާތަކެއް ބޭއްވުމަށް މަޖިލީހުގެ ރައީސްއަށް ގޮވާލައްވާފައެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، ޤާނޫނުއަސާސީ އިސްލާހު ކުރުމާގުޅޭ ގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުން މަސައްކަތްތަކެއް ކުރަމުން އަންނަކަން އެނގިފައިވާކަމަށެވެ.

ޤާނޫނުއަސާސީއަށް ގެނެވޭ އިސްލާހުތައް ހަމައެކަނި އެމްޑީޕީން ބޭނުންވާގޮތަށް ގެނައުމަކީ ރަނގަޅުގޮތެއް ނޫންކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ ހުރިހާ ޕާޓީތަކަށް އެއްބަސްވެވޭ ގޮތަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އަދި އެކަން ކުރާއިރު ޕާޓީތަކާ މަޝްވަރާކުރައްވާނެކަމަށެވެ.

ޤާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް، އެމްޑީޕީން އެންމެ ފަހުން ބޭއްވި ގައުމީ މަޖިލިސްގައި ރައީސް ނަޝީދު ހުށަހެޅުއްވިއެވެ. އަދި އެކަންކަމާ މެދު ގޮތެއް ނިންމުމަށް އެމްޑީޕީގެ ކޮންގްރެސްއެއް ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ.