ޕާކިސްތާނުން ހައްޔަރުކޮށްފައިވާ އިނގިރޭސިވިލާތުގެ ރައްޔިތެއްގެ ރައްކާތެރިކަމާ ބެހޭ ގޮތުން އިނގިރޭސި ސަރުކާރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އާއިލާއިން ބުނާ ގޮތުގައި އޭނާގެ ވާނުވާއެއް ނޭގި ދިއުމަށްފަހު، މިހާރު އޭނާ ހައްޔަރުކޮށްފައިވާ ކަން ކަށަވަރު ވެފައިވާ ކަމަށެވެ.

އިނގިރޭސިވލާތުގެ ތަންވީރު އަޙްމަދު، (48 އަހަރު) ކަޝްމީރުގައި ހައްޔަރުކޮށްފައިވަނީ، މައިދާނެއްގައި ހުރި ޕާކިސްތާން ދިދަ ބާލައިގެންނެވެ. އޭނާއަށް ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެއެވެ.

އާއިލާއިން ބުނާ ގޮތުގައި ތަންވީރު ވަނީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއްވެސް ހިންގާފައެވެ. ނަމަވެސް ޕާކިސްތާން ސިފައިންގެ ފިއްތުން ތަކާހެދި ކޯޓުން އޭނާ މިނިވަންކޮށްލާކަށް ބޭނުމެއް ނުވާކަމަށް އާއިލާއާއި ރައްޓެހިން ތުހުމަތު ކުރެއެވެ.

ތަންވީރުގެ މައްސަލަ، އޭނާގެ އާއިލާއާއި ރަހްމަތްތެރިން ވަނީ އެމީހުން ތަމްސީލުކުރާ އިނގިރޭސި އެމްޕީ، ބޮރިސް ޖޯންސަންއާ ޙިއްސާކޮށްފައެވެ. އިނގިރޭސި ބޮޑު ވަޒީރު ވަނީ ތަންވީރާމެދު ޕާކިސްތާނުން ކަން ކޮށްފައިވާ ގޮތާ މެދު ފާޑުވިދާޅުވެ، އެ މައްސަލަ އިނގިރޭސި ޚާރިޖީ ވުޒާރާ މެދުވެރިކުރައްވައި ޕާކިސްތާން މަސްއޫލުވެރިންނާއެކު ނަންގަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ތަންވީރަކީ، ޕާކިސްތާނުގެ ދަށުން ކަޝްމީރު މިނިވަންވާން ޖެހޭނެކަމަށް ދެކޭ، އަދި އެކަމުގައި ހަރަކާތްތެރިވާ މީހުންގެ ތެރޭން މީހެކެވެ. އޭނާ އުފަންވީ ޕާކިސްތާނުން ކޮންޓްރޯލް ކުރާ ކަޝްމީރުގައެވެ. ނަމަވެސް ފަހުން އިނގިރޭސިވިލާތަށް ހިޖުރަ ކުރީއެވެ. އަދި އޭނާގެ މާމައަށް ޒިޔާރަތް ކުރުމަށް ކަޝްމީރަށް ދިއުމަށްފަހު އަނެއްކާވެސް އޭނާ ކަޝްމީރުގައި ވަޒަން ވެރިވީއެވެ.

ތަންވީރުގެ ސިޔާސީ ހަރަކާތާ ހެދި ޕާކިސްތާން ސިފައިން އޭނާ މީގެ ކުރީފަހަރެއްގައި ތިން ދުވަހަށް ބަންދު ކުރިއެވެ. އިސްލާމްއާބާދުގައި ހުންނަ، އިނގިރޭސި ހައިކޮމިޝަނުން މެދުވެރިވެގެން، އެފަހަރު އޭނާ ދޫކޮށްލާފައި ވަނީ، "ދެން ކަޝްމީރު މިނިވަން ކުރަން މަސައްކަތް ކޮށްފިނަމަ، އެހެން މީހަކަށް ލޮލަށް ނުފެންނަ ވަރުކޮށްލާނެ" ކަމަށް ބުނެ ސިފައިން އިންޒާރުދިނުމަށްފަހު ކަމަށް އޭނާގެ އަންހެނުން، ފަރީޒާމް ރާޖުޕޫތު ކިޔައި ދިނެވެ.

ތަންވީރުގެ މައްސަލައާ ބެހޭ ގޮތުން ޕާކިސްތާނުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.