މާލޭގައި ދިރިއުޅޭ 70 އަހަރުގެ އާދަނާއި އޭނާގެ އަނބި ފަރީދާ އަކީ އެކަނި ދިރިއުޅޭ ދެމަފިރީންނެވެ. މި ދެމަފިރިންނަށް ލިބައިފައިވާ ދެ ފިރިހެންދަރީން ދިރިއުޅެނީ ރާއްޖެއިން ބޭރުގަ އެވެ.
ދިރިއުޅޭ ގޭގެ ބައެއް ކުއްޔަށްދީގެން ލިބޭ ލާރިން ދަރިންނަށް ފޮނުވާފައި ދެމަފިރިންގެ ދިރިއުޅުމުގެ ޚަރަދުތައްވެސް ހަމަޖެހެއެވެ. އެހެން ކަމުން މިދެމަފިރިން އުޅެނީ ވަރަށް ހަމަޖެހޭ ދިރިއުޅުމެއްގަ އެވެ.
މިގޮތަށް ދުވަސްތައް ވޭތުކުރަމުންދަނިކޮށް އާދަނު ހުންއައިސް ގައިގާ ރިއްސާތީ ޑޮކްޓަރަށް ދައްކަން ޖެހިއްޖެއެވެ. ދެމަފަރިން އެކީގައި ކްލިނިކަކަށް ގޮސް ޑޮކްޓަރަށްދައްކައިފިއެވެ. ޑޮކްޓަރ ބުނުއްވީ އުމުރު މައްޗަށް ދިއުމުން ސިއްޙަތަށް ބަލަން ޖެހޭނެތީ ވަރަށް ގިނަ ޓެސްޓުތައް ހަދަން ޖެހޭނެ ކަމަށެވެ. އެގޮތުން ޓެސްޓްތަކެއް ހެދުމަށް ޑޮކްޓަރ ލިޔުއްވިއެވެ.
ޓެސްޓްތައް ހަދައި ނަތީޖާ ލިބުމުން އާދަނު އަނެއްކާވެސް ޑޮކްޓަރަށް ދެއްކުމަށް ދިއައެވެ. ޑޮކްޓަރ ބުނުއްވީ އާދަނަށް ޖެފައިވަނީ އާދައިގެ ހުން ރޯގާއެއް ކަމަށެވެ. އެހެންނަމަވެސް ކޮލަސްޓްރޯލް ހުރީ ވަރަށް މަތީގައި ކަމަށްވާތީ ބޭސް ކައި ކަސްރަތުކޮށް ސިއްޙަތަށް ގެއްލުންވާ ކާނާތަކުން ދުރުވާން ޖެހޭކަމަށް ބުނުއްވިއެވެ. އެގޮތުން އާދައިގެ ފުށުގެ ރޮށި ނުކެއުމަށާއި ތެޔޮ ހުންނަ ކާނާއި ހަވާދުވެސް މަދުކުރުމަށް ޑޮކްޓަރ ބުނުއްވިއެވެ. އަދި ކޮންމެ ދުވަހަކު ހެނދުނު ދެ ބިސް ކާންވާނެކަމާއި ބިސް، ކެއްކިޔަސް އަދި ބިސްގަނޑު އެޅިޔަސް ކާންވާނީ ގޮބޮޅި ވަކިން ނަގައިގެން ކަމުގައި ޑޮކްޓަރ ބުނުއްވިއެވެ.
އާދަނު ގެއަށްގޮސް ޑޮކްޓަރ ކެއުމަށް ބުނުއްވި ތަކެތި ފަރީދާއަށް ކިޔައިދިނުމަށްފަހު އެތަކެތި ގަނެގެން ގެނެސްފިއެވެ. އަދި ޑޮކްޓަރ ގެ އިރުޝާދުގެ މަތިން ކޮންމެ ދުވަހަކު ހިނގަންގޮސް ކެއުންވެސް މުޅިން ބަދަލުކޮށްލިއެވެ. ނަތީޖާއަކަށްވީ އާދަނުގެ ހަށިގަނޑަށް އެނގުންވާން ފެށުމެވެ. ރައްޓެހިންވެސް އާދަނު ފެނުމުން ކިހިނެއްހޭ ތިހަދަނީ ބަނޑުވެސް ހިނދިއްޖޭ ބުނަން ފަށައިފިއެވެ. މިކަމާ އާދަނު ހުންނަނީ ވަރަށް އުފަލުންނެވެ.
ޑޮކްޓަރ އާދަނު ގާތު ބުނުއްވާފައިވަނީ ތިންމަސް ފަހުން ޓެސްޓް ހަދައިގެން އަނެއްކާވެސް ޑޮކްޓަރަށް ދެއްކުމަށެވެ. އެހެންކަމުން ތިންމަސް ހަމަވުމުން ޓެސްޓް ހަދައިގެން އާދަނު ޑޮކްޓަރަށް ދައްކަން ދިޔައެވެ. ތިން މަސް ދުވަހުން އާދަނުގެ ހަށިގަނޑުން ފަސް ކިލޯ ލުއި ވިއެވެ. އެހެންނަނަމަވެސް ކޮލޮސްޓްރޯލް ލެވަލް ދަށަކަށް ނުދެއެވެ. އާދަނު މިކަމާ ދެރަވެގެން ދެން ކިހިނެއްތޯ ހަދާނީ ޑޮކްޓަރާ ސުވާލު ކުރިއެވެ.
ޑޮކްޓަރ ބުނުއްވީ އާދަނުގެ ކެއުމުގައި ހިމަނާ ބާވަތްތައް ކިޔައިދިނުމަށެވެ. އާދަނު ލިސްޓް ކިޔަމުންގޮސް ބިހުގެ ގޮބޮޅި ކިޔައިފިއެވެ. ޑޮކްޓަރ ސުވާލުކުރެއްވީ އާދަނު ބިހުގެ ގޮބޮޅި ކަނީ ކީއްވެތޯއެވެ. އާދަނު ދެންނެވިއެވެ. "އަޅުގަނޑު ބިސްކަނީ ޑޮކްޓަރ ބުނުއްވި ގޮތަށް. ބިސް ކެއްކިޔަސް އަދި ބިސްގަނޑު އެޅިޔަސް ކަނީ ގޮބޮޅި ވަކިން ނަގައިގެން. އެހެން ބައެއް ނުކަން " އާދަނު މިހެން ދެންނެވުމުން ޑޮކްޓަރ ހީނލާފައި ބުނުއްވިއެވެ. ތިޔައީ އަޅުގަނޑުގެ މައްސަލައެކެވެ. އެއީ ގޮބޮޅި ވަކިން ނަގައިގެން ކާށޭ ބުނެވުނީމައެވެ. އެހެންވީމާ ދެން ބިސް ކާނީ ގޮބޮޅި ނުލާ ބިހުގެ ހުދުބައި އެކަންޏެވެ. އާދަނަށް އިރުޝާދު ދިނުމުގައި ގޯސްވީ އަޅުގަނޑެވެ. މީގެފަހުން ބަލިމީހުނަށް އިރުޝާދު ދޭއިރު ކަންކުރަންވީގޮތް ރަނގަޅަށް ސާފުވާނެހެން ކިޔައިދިނުމަށް ސަމާލުކަން ދޭނަމެވެ.
ތީ ހަމައެކަނި ޖޯކެއް. ޙަގީގަތަކީ ކުކުޅުބިހުގެ ގޮބޮޅި ކެޔަސް ހަމަކަނީ ހަށިގަނޑުގަ ގިނަވާނީ ގުޑް ކޮލޮސްޓްރޯލްއެވެ.