ރަޝިޔާއާ ދެކޮޅަށް އެންމެ ފުރަތަމައަށް ފިޔަވަޅު އަޅާ ގައުމަކަށް އިނގިރޭސިވިލާތް ވެއްޖެއެވެ. އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވިދާޅުވިގޮތުގައި ރަޝިއާގެ ފަސް ބޭންކަކާއި މަހާ ސާދާގަރުންގެ ތިން މީހަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ދަނީ އަޅަމުންނެވެ.

މި ފިޔަވަޅުތަކުގެ ދަށުން އެމީހުންގެ އެސެޓްތައ ޔޫކޭއިން ފްރީޒްކޮށް، އެ މީހުން އިނގިރޭސިވިލާތަށް ވަނުން މަނާވާނެ އެވެ.

ޖޯންސަން ވިދާޅުވިގޮތުގައި މިއީ ފެށުމެކެވެ. އަދި ޕުޓިން އިތުރަށް ކުރިއަށް ވަޑައިގަންނަވާނަމަ ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކާގެން ކުރިއަށްދާނެކަމަށް ވިދާޅުވިއެވެ.

ޖޯންސަން ވިދާޅުވަނީ ރަޝިޔާއިން ޔޫކްރޭންގައި ހަނގުރާމަފެށުމުން ދިގުދެމިގެންދާ ކާރިސާއެއް ކުރިމަތިވާނެކަމަށް ބަލަންވާނެ ކަމަށެވެ. ޕޫޓިންގެ މި އަމަލުތަކުގެ ސަބަބުން ނުރައްކާ ބޮޑުވެފައިވާތީ ޔޫކްރޭންގައި ޕޫޓިން ގެ ވެންޗާ ފެއިލްވާން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ޔޫކްރެއިންގެ 44 މިލިއަނެއްހާ މީހުންނަށް މި ހަނގުރާމައިން އަސަރު ކުރާނެ ކަމަށް ބެލެވެއެވެ. އޭނާ ވިދާޅުވިގޮތުގައި މި ހާލަތުން ސުލްހަވެރި މަގެއް ހޯދަން އިނގިރޭސި ސަރުކާރުން ވަނީ މަސައްކަތް ކޮށްފައެވެ. އިނގިރޭސިވިލާތުން ވަނީ ޑިފެންސް ސެކްރެޓަރީ އަދި ޗީފް އޮފް ޑިފެންސް ސްޓާފް މޮސްކޯއަށް ފޮނުވާފައެވެ.

އިނގިރޭސިވިލާތުން ވަނީ ޔޫކްރެއިންއަށް 500 މިލިއަން ޑޮލަރާ ހަމައަށް ޑިވެލޮޕްމަންޓް ފައިނޭންސް ގެރެންޓީ ދޭންވެސް ނިންމާފައެވެ.

ހުޅަނގުގެ ލީޑަރުން ވަނީ ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންގެ އަމަލުތައް ކުށްވެރިކުރައްވައި، ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. ޕޫޓިން ވަނީ ޔޫކްރެއިންގެ އިރުމަތީ ސަރަޙައްދުތަކުގައި ބާޣީން އުފައްދާފައިވާ ދެ ދައުލަތް އެއީ މިނިވަން ދެ ދައުލަތްކަމަށް އިއުލާން ކުރައްވައި ރަޝިޔާއިން އެތަންތަން ބަލައިގަންނަކަމުގެ ގަރާރު ނެރުއްވާފައެވެ.

ރަޝިޔާއިން ވަނީ މި ދެ ސަރަހައްދަށް ސިފައިންވެސް ވައްދާފައެވެ. ހުޅަނގުގެ ލީޑަރުން ސިފަ ކުރެއްވި ގޮތުގައި މިއީ ހަނގުރާމައިގެ އަމަލެކެވެ.

ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ޖަރމަނީގެ ޗާންސެލަރ އޯލާފް ޝޮލްޒް ވިދާޅުވީ، ރަޝިޔާގެ ގޭސް ގެނައުމަށް ނޯޑް ސްޓްރީމް 2 ގޭސް ޕައިޕްލައިނަށް ހުއްދަ ދިނުމުގެ މަސައްކަތް ހުއްޓުވަން ޖަރުމަނުވިލާތުން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ޖެން ޕަސާކީ އާ ހަވާލާދީ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި، ޑޮނޭޓްސްކް އާއި ލުހަންސްކްގައި އިންވެސްޓްކުރާ އެމެރިކާގެ ރައްޔިތުންނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ރައީސް ޖޯ ބައިޑަން ވަނީ އެގްޒެކެޓިވް އޯޑަރެއްގައި ސޮއިކުރައްވާފައެވެ.

އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާ ވިދާޅުވީ ރަޝިޔާއަކީ ދުނިޔޭގެ އިގްތިސާދަށް މުހިންމު ގައުމެއް ނޫނެވެ. ނަމަވެސް ރަޝިޔާއިން ގިނަ އަދަދަކަށް ގޭސް ގެންގުޅޭތީ އެ މުއާމަލާތަށް މޮސްކޯ މުހިންމު ވެފައިވަނީ ކަމުގައި އޭނާ ވިދާޅުވެއެވެ.