ގަތަރުގައި މަސައްކަތް ކުރަމުން ދަނިކޮށް ރޭޕްގެ ޝިކާރައަކަށްވި މެކްސިކޯގެ ޒުވާން އަންހެނާ 100 އެތިފަހަރުން ހައްދު ޖަހައި ހަތް އަހަރުގެ ޖަލު ހުކުމަކާ ކުރިމަތިލާން ޖެހިއްޖެއެވެ. މިއަންހެން ކުއްޖާއަކީ، ވަރލްޑްކަޕްގެ އޮގަނައިޒިންގ ކޮމިޓީގެ މަސްއޫލުވެރިއެކެވެ.

މެކްސިކޯއަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ޕައޯލާ ޝިއެޓެކާޓް، ވޯލްޑް ކަޕް އޯގަނައިޒިން ކޮމިޓީގައި މަސައްކަތް ކުރަމުން ދަނިކޮށް، އޭނާގެ އެޕާޓްމަންޓަށް ވަދެ، މަރާލާނެ ކަމުގެ އިންޒާރު ދިނުމަށްފަހު އޭނާއާއެކު މަސައްކަތް ކުރާ މީހަކު ވަނީ އޭނާ ރޭޕްކޮށްފައެވެ.

2021 ވަނަ އަހަރުގެ ޖޫން މަހުގެ 6 ވަނަ ދުވަހު އޭނާ ވަނީ އޭނާ ރޭޕްކޮށްފި ކަމަށް ބުނެ ޤަތަރުގެ ފުލުހުންނަށް މައްސަލަ ހުށަހަޅާފައެވެ. ފުލުހުން ވަނީ 'ކައިވެނިން ބޭރުން ޖިންސީ ގުޅުން' ހިންގުމުގެ ދައުވާ އޭނާގެ މައްޗަށް އުފުލާފައެވެ.

ޝިއެޓެކާޓްއަށް ގާނޫނީ ވަކީލުން ކިޔައިދިން ގޮތުގައި މިކުށް އޭނާގެ މައްޗަށް ސާބިތުނުވާނެ ހަމައެކަނި ގޮތަކީ އޭނާގެ ރޭޕިސްޓާ އޭނާ ކައިވެނި ކުރުން ކަމަށެވެ.

ޤަތަރުގެ ފުލުހުން ބުނެފައި ވަނީ، ބިހޭވިއަރަލް އިކޮނޮމިސްޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ޝިއެޓެކާޓްގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަދިވެސް ސައްހަ ކަމަށާއި، އޭނާގެ ޣައިރު ހާޒިރުގައި އަންނަ މާޗް މަހުގެ 6 ވަނަ ދުވަހު ހުކުމް އިއްވާނެ ކަމަށް ބެލެވެއެވެ.

ޝިއެޓެކާޓް ނޫހުގައި ލިޔެފައިވާ ރިޕޯޓްގައި ތަފްސީލުކޮށްދިން ގޮތުގައި ހަމަލާދިން މީހާއަށް ދޯހާގައި ހުންނަ އޭނާގެ އެޕާޓްމަންޓަށް ވަނުމުގެ ފުރުސަތު ލިބުނީ، ދޯހާގައި އެޕާޓްމަންޓްގެ ދޮރު ބަންދު ނުކުރާތީއެވެ. ބިލްޑިންގތަކުގެ ސެކިއުރިޓީ ރަގަޅު ކަމުން މީހުން ދޮރު ތަޅުލައިގެނެއް ނޫޅެއެވެ.

ޝިއެޓެކަޓް ބުނި ގޮތުގައި އޭނާގެ ރޭޕިސްޓް ބިންމައްޗަށް އޭނާ ވައްޓާލައި އަނިޔާކުރުމުން އޭނާގެ ދެ އަތާއި، ބުރަކަށީގައި ވެސް ޒަހަމްތަކެއް ހުއްޓެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނު މެޑިކަލް ސެޓްފިކެޓާއެކު ދޯހާގައި ހުންނަ މެކްސިކޯގެ ކޮންސުލްގެ އޮފިޝަލަކާ އެކު، ރޭޕްގެ މައްސަލަ ގަތަރުގެ ފުލުހުންނަށް ރިޕޯޓް ކުރީ އޭނާ ދަންނަ ވަރަށް ކޮށި އަރަބި ބަސް ބޭނުން ކޮށްގެންނެވެ.

ފުލުހުން ވަނީ ހަމަލާދިން މީހާ ހުއްޓުވުމުގެ އަމުރެއް ބޭނުންތޯ ނުވަތަ އޭނާގެ މައްޗަށް ޖިނާއީ ދައުވާ ކުރަން ބޭނުންތޯ ސުވާލު ކޮށްފައެވެ.

ފުލުހުންނަށް މައުލޫމާތު ދެމުން ޝިއެޓެކާޓް ބުނީ އޭނާ ދައުވާ ކުރަން ބޭނުންވާ ކަމަށާއި އެކަމަށް އަރަބި ބަހުން ބަޔާނެއް ގައި ސޮއިކޮށް، އޮފިސަރުންނަށް އެ މީހާގެ ނަމާއި ތަފްސީލު ފުލުހުންނަށް އޭނާ ދިނެވެ. ނަމަވެސް އޭގެ ގަޑިއިރުތަކެއް ފަހުން ރޭގަނޑު ނުވައެއް ޖަހާކަންހާއިރު، އޭނާއަށް ގޮވައި، ރޭޕިސްޓުގެ ކުރިމަތީގައި އަރަބި ބަހުން ތިން ގަޑިއިރު ވަންދެން ޕޮލިހުގައި ސުވާލު ސުއާލު ކުރިއެވެ.

ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހާ ފުލުހުންނަށް ކިޔައިދިން ގޮތުގައި އޭނާ އާއި ޝިއެޓެކާޓް އާ ދެމެދު އޮތީ ލޯބީގެ ގުޅުމެއް ކަމަށެވެ. އަދި ފުލުހުން ރޭޕިސްޓްގެ ފޯނު ހޯދަން އެދުމުން އޭނާ ވަނީ އެކަމަށް ނޫނެކޭ ބުނެފައެވެ.

އެއަށްފަހު ފުލުހުން ވަނ ޝިއެޓެކާޓްގެ މައްޗަށް ދައުވާ ކުރުމަށް ޕަބްލިކް ޕްރޮސެކިއުޓާގެ އޮފީހަށް މައްސަލަ ފޮނުވާފައެވެ. އޭނާގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ ކައިވެނިން ބޭރުން ގުޅުން ހިންގި ކަމަށެވެ. އަދި ފުލުހުން ވަނީ އޭނާއަކީ ބިކުރެއްކަން ކަށަވަރު ކުރުމަށް ޓެސްޓެއް ހެދުމަށްވެސް އަންގާފައެވެ.

ޝިއެޓެކާޓް ބުނާގޮތުގައި ހަމަލާދިން މީހާ ކުށުން ބަރީއަވީ 'އެޕާޓްމަންޓްގެ ދޮރާދިމާއަށް ސީދާ ވާގޮތަށް ކެމެރާއެއް ނެތުމުން، މާރާމާރީ ހިނގިކަން ކަށަވަރު ކުރެވޭނެ ގޮތެއް ނެތުމުން' ނެވެ.

އެއަށްފަހު، ގާނޫނީ ވަކީލުން އޭނާއަށް ނަސޭހަތްތެރިވީ ކުށް ސާބިތުވުމުން ސަލާމަތްވުމަށް އޮތް ހަމައެކަނި އެއް ގޮތަކީ ރޭޕިސްޓާ ކައިވެނި ކުރުން ކަމަށެވެ. އޭގެ ބަދަލުގައި ޝިއެޓެކާޓް އިހްތިޔާރު ކުރީ ވަޒީފާ ދޫކޮށް ގަތަރުން ބޭރު ވުމަށެވެ. އަދި އޭނާ ގަތަރުން ބޭރުވާން ވޯލްޑް ކަޕް ކޮމިޓީން އެހީތެރިވެދިނެވެ.

'އޭނާ ބުނީ އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ މެކްސިކޯއަށް ފައިބައިގެން ޕާސްޕޯޓްގައި ސްޓޭމްޕް ޖެއްސުމުންނެވެ.

އުމުރުން 28 އަހަރުގެ މި ޒުވާނާ ތުހުމަތު ކުރި ގޮތުގައި ބައިނަލްއަގުވާމީ މުޖުތަމައުން ގަތަރަށް ދަނީ "ފާޅުކަން ބޮޑު ގޮތެއްގައި އިންސާނީ ހައްގުތައް ނިގުޅައިގަތުމުގެ" ތުހުމަތުތައް ކުރަމުންނެވެ. އަދި ގަތަރުގައި ދިރިއުޅޭ މެކްސިކޯގެ 600 ރައްޔިތުންނަށް، ހާއްސަކޮށް ވަކި ދަރިކޮޅަކަށް ވީތީ ކުރާ އަނިޔާއާ ދެކޮޅަށް ހިމާޔަތް ދިނުމުގައި ސަރުކާރުން ފެއިލްވެފައިވާތީ މެކްސިކޯގެ ޚާރިޖިއްޔާއަށް ވެސް އޭނާ ވަނީ ފާޑު ކިޔާފައެވެ.

އެކަމަނާގެ މިވާހަކަތައް ޝާއިއު ކުރި ފަހުން މެކްސިކޯގެ ހާރިޖީ ވަޒީރު ވަނީ އޭނާއާ ބައްދަލު ކުރައްވައި، ގާނޫނީ ވަކީލަކު ހަމަޖައްސަވައި ދެއްވާނެ ކަމަށާއި ހައްގު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ގަތަރު ވޯލްޑް ކަޕަށް ތައްޔާރުވަމުން އަންނައިރު، ގަތަރުގައި ލޭބަރުން މަރުވަމުންދާ ކަމުގެ ރިޕޯޓްތައް ލިބެމުން ދެއެވެ.