ބަޚްތާވަރު ބުއްޓޫ ޒަރުދާރީގެ އެންގޭޖްމަންޓް ނޮވެމްބަރު 27 ގައި އޮންނާނެ ކަމަށް ޕާކިސްތާން ޕީޕަލްސް ޕާޓީން އިޢްލާން ކޮށްފިއެވެ. އުމުރުން 30 އަހަރުގެ ބަޚްތާވަރު އަކީ، ކުރީގެ ބޮޑު ވަޒީރު ބޭނަޒީރު ބުއްޓޫއާއި ރައީސް އާސިފް އަލީ ޒަރްދާރީގެ ބޭފުޅެކެވެ.

ޕީޕީޕީގެ މީޑިއާ ސެލްއިން ރައީސް ޒަރްދާރީގެ ފަރާތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ބަޚްތާވަރު ކައިވެނިބައްލަވައި ގަންނަވަނީ، އެމެރިކާގެ ވިޔަފާރިވެރި ބޭފުޅެއްކަމަށްވާ ޕާކިސްތާން ދަރިކޮޅުގެ މަޙްމޫދު ޗައުދްރީއާއެވެ.

ޗައުދްރީ އާއިލާއަކީ ޑުބާއީގައިވެސް ވިޔަފާރި ހިންގާ ބައެކެވެ.

މި ޖޯޑުގެ ކައިވެނި ބޭއްވުމަށް ހަމަޖެހިފައިވަނީ ކަރާޗީގެ ބިލާވަލް ހައުސްގައެވެ.

އެންގޭޖްމަންޓަށް ހާޒިރުވާ ފަރާތްތަކަށް އަންގާފައިވާ ޚާއްސަ މެސެޖެއްގައި ވަނީ، މޮބައިލް ފޯނު ޙަފްލާއަށް ނުވެއްދުމަށާއި، ފޮޓޯ ނުނެގުމަށާއި، ސެކިއުރިޓީ ކްލިއަރެންސަށްޓަކައި، ހާޒިރުވުމުގެ ކުރިން ކޮވިޑް19 ޕީސީއާރް ނެގެޓިވް ޓެސްޓެއް 24 ގަޑިއިރު ކުރިން އީމެއިލް ކުރުމަށެވެ.