އިންޑިއާގައި ހިނގަމުންދާ ބުރުގާގެ މައްސަލަ ޕާކިސްތާންގައި މާބޮޑު ކަމަކަށް ވެފައިވާއިރު ޕާކިސްތާން އަންހެނުންގެ އެފަދަ އަޑުތަކަށް ޕާކިސްތާނުގައި އަޅާ ނުލައި ދޫކޮށްލާކަމަށް ބުނެ މީޑިއާއިން މަލަމާތް ކޮށްފިއެވެ.

ކަރްނާޓަކާގައި ހިނގަމުން ކަންކަމާ މެދު ޕާކިސްތާނުގެ ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށް، ދުނިޔޭގެ ކަމާބެހޭ އިދާރާތަކުން އެކަން ކަމަށް ސަމާލުވާން ގޮވާލާފައެވެ. ހާއްސަކޮށް، މުސްލިމް އަންހެނަކު ހިޖާބު އަޅައިގެން އުޅުމުގެ ހައްގު ދޭން ގޮވާލައި ޕާކިސްތާނުން ވަނީ މުސްކާން ޚާނަށް ތައުރީފު ކޮށްފައެވެ. މީގެ ކުރިން ފަރަންސޭސިވިލާތުގައި ހިޖާބު އެޅުން މަނާކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމާ މެދުވެސް ޕާކިސްތާނު މީހުން ވަހަކަ ދައްކާފައި ވެއެވެ.

ދަ ޓްރިބިއުން ނޫހުގައި ޕާކިސްތާނަށް ފާޑުކިޔަމުން ލިޔެފައި ވަނީ މުސްކާން ފަދަ އަންހެނުންނަށް އިންޑިއާގައި އެމީހުން ބޭނުންވާ ގޮތަށް ފޭރާން ލާން ފުރުސަތު ދޭން ޖެހޭކަމަށް ބުނާ ޕާކިސްތާނުގެ ކިތައް މީހުން ޕާކިސްތާނުގައި އަންހެނުންނަށް އެހައްގު އޮންނަންވާނެ ކަމަށް ގަބޫލުކުރޭ ހެއްޔެވެ؟

ޕާކިސްތާންގައި އަންހެނުން ކޮންމެ އަހަރަކު އައުރަތު މާޗް ބޭއްވުމުން އެމީހުންގެ ހެދުމާ މެދު މުއްލާއިން ވާހަކަ ދައްކައި އެތައް މައްސަލައެއް ބެލުމަށް ފުލުހުންނަށް ޖައްސައެވެ. އަދި ޕާކިސްތާނުގައި އަމިއްލަ ގައުމުގެ މީހުން ހެދުން އަޅާ ގޮތުން ބަޔަކު ލަދުވެތިވެ އެކަމަށް ވާހަކަ ދައްކާކަމަށްވެސް ނޫހުން ބުންޏެޔެވެ.

ނޫހުން ބުނަނީ އަންހެނުންގެ އަސާސީ ހައްގުތައް ހޯދައިދިނުމަށް އެދި އަންހެނުން އެކުގައި ހިނގާލުމުގެ އާދައިގެ އަމަލެއްގެ ސަބަބުން ޕާކިސްތާނުގައި ފިތުނަވެރިކަމާއި ރުޅިވެރިކަމާއި ކުރިމަތުލުންތައް ހިނގައެވެ. މުސްކާންގެ ހައްގުތައް ނިގުޅައިގަތުމުން އެކަމާ ދެކޮޅަށް ވާހަކަ ދައްކާ ފިރިހެނުންވެސް ޕާކިސްތާނުގައި އަންހެނުންގެ ހައްގުތައް ނިގުޅައިގަނެވޭއިރު އަޅާ ނުލާކަން ނޫހުން ފާހަގަ ކުރެއެވެ. އަދި އާއިލާގެ ޝަރަފަށްޓަކައި ކަންދީލް ބަލޫޗް މަރާލިކަމަށް ތުހުމަތު ކުރެވޭ އޭނާގެ ބޭބެ ކުށުން ބަރީއަވުމުން އެކަމަށް އަޑު އުފުލާނެ ބަޔަކު ޕާކިސްތާނުގައި ނެތްކަމަށް ނޫހުން ބުންޏެވެ.

އެހެން ޤައުމުތަކުގައި ދީނުގެ ނަމުގައި ކުރާ އަނިޔާތައް ކުށްވެރި ކުރާއިރު ޕާކިސްތާނުގައި ދީނީ މައިނޯރިޓީއާއި، ބައިމަދު ނަސްލުތަކަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ބަލާލާ ބަޔަކުވެސް ނޫޅޭކަމަށް ނޫހުން ބުންޏެވެ.

ބަދަލު ހިފުމާއި ދީނަށް ފުރައްސާރަކުރުމުގެ ދޮގު ދަޢުވާއާއި، ޣައިރު މުސްލިމް އަންހެން ކުދިން ވަގަށް ނަގައިގެން ކައިވެނި ކުރުމާއި ގާދިޔާނީ އަޙްމަދީނަށް ޖައްސާ ނިކަމެތި ހާލުފަދަ އެތައް ކަމެއްގެ މައްޗަށް ވާހަކަ ދެއްކުމަށް ޕާކިސްތާން ވަނީ ފެއިލްވެފައި ކަމަށް ދަ ޓްރިބިއުން ނޫހުން ބުނެއެވެ.

މުސްކާންގެ ހަނގުރާމައަށް ޕާކިސްތާން މީހުން ތާއީދުކުރާއިރު، ހަމަ އެ ނޭވާގައި ޕާކިސްތާނުގެ ދީނީ މައިނޯރިޓީ މީހުންނާއި، އަންހެނުންގެ ޙައްޤުތައް ޙިމާޔަތް ކުރުމުގައި، ޕާކިސްތާން ދައުލަތް ނުކުޅެދިފައިވާ ކަމަށް ގޮވާލަންވެސް އެބަ ޖެހޭކަމަށް ނޫހުގައި ބުންޏެވެ.