ޕާކިސްތާންގެ އުތުރާ ދެކުނު ގުޅުވާލާ ރޭލްވޭ ތަރައްގީ ކުރުމަށް ޗައިނާއިން 2.7 ބިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށް ޕާކިސްތާނުން ނިންމައިފިއެވެ.

ޕާކިސްތާންގެ ދެކުނުގައި ހަދަމުންދާ ޕާކިސްތާން ޗައިނާ އިކޮނޮމިކް ކޮރިޑޯ (ސީޕެކް)އާ ޕާކިސްތާންގެ އުތުރު ގުޅުވާލާނީ ޕީޝާވަރު ގެ ބްރޯޑްގޭޖް ރޭލްވޭ އިންނެވެ.

ޕާކިސްތާން ސަރުކާރުން ވަނީ 1872 ކިލޯމީޓަރުގެ މި ރެއިލްވޭ، ގުޅުވާލުމަށް 6.1 ބިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް އަންދާސާކޮށްފައެވެ. ކުރިން ޕާކިސްތާނުން ނިންމާފައި އޮތީ ސީޕެކްގެ ޕްރޮޖެކްޓްތައް ފިޔަވައި ރެއިލްވޭ އަޕްގްރޭޑް ކުރުމަށް ދާ ހޭދަ، ޕާކިސްތާނުން އަމިއްލައަށް ހަމަޖެއްސުމަށެވެ.

ޕާކިސްތާންގެ މިނިސްޓްރީ އޮފް އިކޮނޮމިކް އެފެއާޒްއިން ވަނީ، ޗައިނާގެ އަންނަ އަހަރުގެ މާލީ ޕްލޭންތައް އެކުލަވާލާއިރު، ޕާކިސްތާންގެ މި ޕްރޮޖެކްޓް ހިމެނުމަށްޓަކައި ބެއިޖިންގއަށް ހުށަހެޅުމަށް ނިންމާފައެވެ. މުޅި ޕްރޮޖެކްޓަށް ފައިސާ ހޯދުމަށް ނިންމާފައި ވަނީ ޗައިނާއިންނެވެ.

ޕާކިސްތާނުން މަސައްކަތް ކުރަމުން ދަނީ ސީޕެކްގެ ޕްރޮޖެކްޓްތައް ނިމުމާއެކު ޕާކިސްތާންގެ އުތުރުގެ ހިސާބުތަކާއި އަފްޣާނިސްތާނާ އިންވާ ބޯޑަރު ސަރަހައްދުވެސް ދަތުރުފަތުރުގެ އަވަސް ނިޒާމަކުން ގުޅުމާލުމަށެވެ.

ސީޕެކްއަކީ، ކަރާޗީގެ ގޯދާރު ގައި ހަދާ ޑިއުޓީފްރީ ޒޯނާއި، ޕޯޓުން، ޗައިނާގެ ޝިންޖިއާން ގުޅުވާލާ ހައިވޭއާއި އެހައިވޭއާ ގުޅިފައިވާ 60 ބިލިއަން ޑޮލަރުގެ މަޝްރޫއުތަކެކެވެ. އިސްލާމްއާބާދުން ލަފާ ކުރާ ގޮތުގައި މީގެ ސަބަބުން މުޅި ޕާކިސްތާނަށް އިގްތިސާދީ އާރޯކަމެއް އަންނާނެއެވެ.