މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިތިބޭ ޤައިދީންނާއި ބަންދުމީހުން ސްޕެޝަލިސްޓް ޑޮކްޓަރުން މެދުވަރިކޮށް ބޭސްފަރުވާ ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުމާ ބެހޭގޮތުން ކަރެކްޝަނަލް ސަރވިސްއާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްއާއެކެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ސޮއި ކުރި މި އެއްބަސްވުމުގައި ކަރެކްޝަންސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅުއެވެ. އަދި އައިޖީއެމްއެޗްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ އިބްރާހިމް ސަލީމްއެވެ.

ކަރެކްޝަންސްއިން ބުނެފައިވަނީ މި އެއްބަސްވުން ވެވިފައިވަނީ އެއް އަހަރުގެ މުއްދަތަށް ކަމަށެވެ.

ޤައިދީންނާއި ބަންދުމީހުންނަށް ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގެ ގޮތުން، އެ ފަރާތްތައް އެއްތަނުން އަނެއްތަނަށް އުފުލުމަކީ ތަކުލީފު އަދި ޚަރަދު ބޮޑު ކަމެއްކަމަށާއި، މިގޮތުން މި އެއްބަސްވުމުގައި ސޮއިކުރުމުގެ މަޤްސަދަކީ ޤައިދީންނާއި ބަންދުމީހުންގެ ތެރެއިން އާންމު ނޫން ބަލިތަކަށާއި އުނދަގޫތަކަށް، އެ ކަމާ ގުޅުންހުރި ސްޕެލިސްޓުން މެދުވެރިކޮށް ޖަލުގައި ބައިތިއްބައިގެން ފަސޭހަކަމާއެކު ސިއްހީ ފަރުވާ ފޯރުކޮށްދިން ކަމަށް ކަރެކްޝަންސް އިން މައުލޫމާތުދެއެވެ.

މި އެއްބަސްވުމުގެ ދަށުން، ކުރުމުއްދަތަކަށް އައިޖީއެމްއެޗްގެ ފަރާތުން ޖަލުތަކަށް ސުޕަރ ސްޕެޝަލިސްޓުންނާއި ސްޕެޝަލިސްޓުންނާއި ނަރުހުންގެ އިތުރުން އެހެނިހެން ޓެކްނިކަލް މުވައްޒަފުން ފޮނުވައި، ފަހަރަކު މަދުވެގެން 20 މީހުންނަށް ސިއްޙީ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށްވެސް ކަރެކްޝަންސްއިން ބުނެފައިވެއެވެ.