ކުޑަދުވަހުއްސުރެ އާއިލާއާއެކު މާލޭގައި ދިރިއުޅޭ ފާތުމައަކީ ލޭ ނެގުމާއި އިންޖެކްޝަން ޖެހުމަށް ބިރުގަންނަ މީހެކެވެ. ތަސައްރަފު ފުދި ޒަވާޖީ ޙަޔާތެއްފެށި އިރުވެސް ފާތުމަގެ ކިބައިން މި ބިރު ފިލައިގެން ނުދެއެވެ.

މިހާރު ސާޅީހުގެ އަހުރުތައް ގުނަމުންދާ ފާތުމަ މަންމައަކަށްވީއިރު އެތައް އޮޕަރޭޝަނެއްކޮށް އެތައް ފަހަރަކު އެކިބާވަތްތަކުގެ ކަށިތައް ހަށިގަނޑަށް ހަރާ ހަދައިފިއެވެ. އެހެނަސް ފާތުމަ އަދިވެސް އިންޖެކްޝަންދެކެ ގަންނަނީ އަމަށަކު ބިރެއްނޫނެވެ.

ފާތުމަގެ އާއިލާ އެއްފަހަރަކު ޗުއްޓީހޭދަކޮށްލުމަށް ރާއްޖޭގެ ރަށަކަށް ގޮސް އުޅެނިކޮށް އޭނާގެ އަރިކައްޓަށް ތަދެއް އަރައިފިއެވެ. ތަދު ކަނޑުވާ ބޭސްތައް ކައި، ފާޑުފާޑުގެ ތެޔޮތައް އުނގުޅައި، ބޮނޑިތާކޮށް ހަދައިގެންވެސް މި ތަދުކެނޑޭ ގޮތެއްނުވިއެވެ. އެންމެފަހުން ފާތުމަގެ ފިރިމީހާއާއި ރައްޓެހިން އެދުނީ ޑޮކްޓަރަށް ދައްކަން ދިޔުމަށެވެ. އެހެންނަމަވެސް ފާތުމަ ހަމަ ހިލާ ގުޑައެއް ނުލިއެވެ. އަރިކަށީގައި އަތްއަޅައިގެން ގުދަށްގުދަށް ހިނގަންޖެހޭއިރުވެސް ފާތުމަ ޑޮކްޓަރަށްދާކަށް އެއްބަހެއް ނުވިއެވެ. އެހެނަސް ފާތުމަޔަށް އުނަގަނޑު ތެދުކޮށް ހިންދެމިލާން ކެރޭވަރެއްނޫނެވެ.

ފާތުމައަށް އުޑުފެންނަވަރަށް ސީދާވެލަން ނުކުރި އުޅޭތާ ދެދުވަސް ވީފަހުން ފާތުމަގެ ފިރިމީހާ ރުޅިއަތުވެއްޖެއެވެ. އަދި ހޮސްޕިޓަލަށް ނުދަންޏާ ފުރައިގެން މާލެދާންވީކަމަށް ބުންޏެވެ. މިހިސާބަށް ކަންތައް ދިއުމުން ފާތުމަ ހޮސްޕިޓަލަށް ދިއުމަށް އެއްބަސްވިއެވެ.

ދެމަފިރިން ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކުމުން، ޑޮކްޓަރ ބުނުއްވީ ތަދުކަނޑުވަން ޖެހޭނީ އިންޖެކްޝަނެއް ޖަހަން ކަމަށެވެ. އެހިސާބުން އެއްކަލަ ފާތުމަގެ ބިރުން ތުރުތުރު އަޅައިގެންފިއެވެ. ޑޮކްޓަރ ވަރަށް ހިތްވަރުދެއްވައި ތަދެއް ނުވާނޭ ބުނުއްވައި އިންޖެކްޝަން ލިޔުއްވައިފިއެވެ.

ފާތުމަގެ ފިރިމީހާ އިންޖެކްޝަން ނަގައިގެންއައިސް ފަރުވާދޭ ކޮޓަރީގައި ޓަކިޖަހާލާފައި ނަރުސްކުއްޖަކާއި އިންޖެކްޝަން ހަވާލުކުރިއެވެ. އިރުކޮޅަކުން ނަރުސްކުއްޖާ ފާތުމައަށް ގޮވާލިއެވެ. އޭނާ އެ ކޮޓަރިއަށް ދިޔައިރުވެސް ދެފައި ތުރުތުރު އަޅައެވެ. މަޑު ހިނގުމެއްގައި ފާތުމަ ފަރުވާދޭ ކޮޓަރިއަށް ވަނުމުން އެތާހުރި އެނދަށް އިޝާރާތްކޮށް އޮށޯތުމަށް ނަރުސްކުއްޖާ އެދުނެވެ. ފާތުމަ އެނދުގައި އޮށޯވެފައި ތަދުނުކުރައްޗޭ ބުނެ ނަރުސްކުއްޖާގެ ދެ އަތުގައި ހިފެހެއްޓިއެވެ. ނަރުސްކުއްޖާ ފާތުމަގާތު ބުނީ ބިރު ނުގަންނާށޭ ތަދެއް ނުވާނެކަމަށެވެ. އަދި އަދި ނެއްފަރާތަށް އެނބުރެލައި ހަރުވާޅު ތިރިކޮށްލުމަށް ވެސް އޭނާ ބުންޏެވެ.

ފާތުމަ އެނދުގައި އޮށޯވެ، ނަރުސްކުއްޖާ އަށް ފުރަގަސްދީގެން ދެލޯމަރައި ތަގުޅިކުރިއެވެ. ކުޑަ ހިނދުކޮޅެއްނުވެ ނަރުސްކުއްޖާ ފާތުމަގެ ޅިނދުމަސްގަނޑުގައި ކަފަކޮޅެއް ހާކާލާފައި ތެދުވާށޭ ބުންޏެވެ. ފާތުމަ ބުނީ މިއޮތީ ވާގި ދޫކޮށްލައިގެންނޭ އަވަހަށް ތިޔަ ޖަހާއެއްޗެއް ޖަހާށެވެ. ނަރުސްކުއްޖާ ހީލާފައި ބުނީ އެކަން ނިމިއްޖޭ ދެން އަވަހަށް ތެދުވާށެވެ. ފާތުމަ ތެދުވެ އިށީނދެފައި، ރުންކުރު ފާޑަކަށް ސުވާލުކުރިއެވެ. އިންޖެކްޝަން ޖެހީ ކާކު ގަޔަށްހެއްޔެވެ؟ ދެން އެ ކޮޓަރީގައި ހުރި އަނެއް ނަރުސްކުއްޖާ ހީނލާފައި، ދައްތަޔަގަށޭ އިންޖެކްޝަން ޖެހީ އަވަހަށް ދާށޭ ބުންޏެވެ.

ފާތުމަ ނުރުހުންވެފައި ހުރެ ކޮޓަރިން ނުކުތުމުން އޭނާގެ ފިރިމީހާ ފާތުމަ އަތުގައި ހިފާލަމުން ބުންޏެވެ. " ހާދަ ފާޑަކަށް ތިހުރީ މާ ބޮޑަށް ތަދުވީތަ " ފާތުމަ ބުންޏެވެ. ތަދުވާނީ އިންޖެކްޝަން ޖެހި ނަމައެއްނޫންހެއްޔެވެ؟ އެކުދިން އެ އިންޖެކްޝަން މަގޭގަޔަކަށް ނުޖަހައެވެ. ފިރިމީހާ ފާތުމަ ގައިގައި ފިރުމާލަމުން ބުންޏެވެ. ދެން އެހެން ނަހަދާނެ ނޫންހެއްޔެވެ؟

އެހެންނަމަވެސް ފާތުމަހަމަ ކުރެއް ނުކުރެއެވެ. ގެއަށް ގޮއްސް އެންމެންގާތުގައިވެސް އޭނާ ގަޔަށް އިންޖެކްޝަން ނުޖެހިވާހަކަ ދައްކަންފަށައިފިއެވެ. އާސަންދައިން ނެގި އިންޖެކްޝަނަށް ނަރުސްކުދިން ހެދިގޮތެއް ބަލަން ބޭނުންވާހަކަ، ދިމާވާ ކޮންމެ މީހަކުގާތު ކިޔަމުން ދެއެވެ. ނަމަވެސް ގެއަށް ދިޔަތާ ގަޑިއެއްހައި އިރު ނުވަނީސް އެއްކަލަ ފާތުމަ ސީދާވެ، އުނަގަނޑުން އަތް ދޫކޮށްލައި ހެލިފެލިވެ އުޅެންފަށައިފިއެވެ. އެކަމަކު އޭނާގެ ޝަކުވާއެއް ނުހުއްޓެއެވެ.

އެންމެ ފަހުން ފާތުމަ އުޅޭގޭގެ ވެރިފަރާތުން ފާތުމަގަޔަށް އިންޖެކްޝަން ޖެހި ނަރުސް ކުއްޖާ ހޯދިއެވެ. އަދި ހީނހީފައި ފާތުމަ ކުރާ ޝަކުވާ ކިޔައިދިނެވެ. ނަރުސްކުއްޖާ ބުނީ އެދައްތަ މާބޮޑަށް ތަދުވާނެކަމަށް ހީކޮށްގެން އޮތުމުން ވީގޮތެއް ކަމަށްވެދާނެއެވެ. އެއީ މަސްގަނޑަށް ޖަހާ އިންޖެކްޝަނަކަށް ވުމުން މަސްގަނޑު އުފުލާލާފައި ޖެހުމުން ތަދުނުވީއެވެ.

ފާތުމަގެ ފިރިމީހާ އެގޭ މީހުންގާތު ބުނީ ދެން ފާތުމަގަޔަށް އިންޖެކްޝަނެއް ޖަހަންވެއްޖިއްޔާ އަންނާނީ މިރަށަށްކަމަށެވެ. އިންޖެކްޝަން ޖަހާނީ އެ ނަރުސްކުއްޖާ ލައްވާ ކަމަށެވެ.