އައްޑޫސިޓީ އެތެރެވަރީން ވެލިނަގައިގެން އައްޑޫގެ ބިން ހިއްކަން އުޅޭތީ އެކަން ހުއްޓުވައި ދިނުމަށް ޕްލޭނިން މިނިސްޓްރީއާ ދެކޮޅަށް ސ. މީދޫ، މުރިނގު، އަބްދުﷲ ނުޒައިރުގެ ފަރާތުން އައްޑޫ މީދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ބަލައިގެންފިއެވެ.

މި މައްސަލާގައި އަބްދުﷲ ނުޒައިރުގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރައްވާނީ ޕްރައިމް ސްޓްރެޓެޖީ އެޓަރނީ އެންޑް ކޮންސަލްޓެންސީގެ ފަރާތުންނެވެ.

އެ ލޯފާމުން އާންމުކޮށްފައިވާ ޚަބަރެއްގައި ވިދާޅުވެފައިވަނީ "މިމައްސަލަ ހުށަހަޅާފައިވަނީ މިހާރު އެ ޕްރޮޖެކްޓުގެ ޕްލޭން ކޮށްފައިވާ ގޮތަށް އައްޑޫގެ އެތެރެވަރީން ވެލިނަގައިގެން ޕްރޮޖެކްޓް ކުރިއަށް ގެންގޮސްފިނަމަ އެކަމުގެ ސަބަބުން އިޔާދަވެސް ނުކުރެވޭނޭ ވަރުގެ ގެއްލުންތަކެއް އާންމު ރައްޔިތުންނަށާއި ތިމާވެއްޓާއި އަދި އަންނަން އޮތް ޖީލުތަކަށް ކުރާނެކަމަށް ކަމާ ގުޅުންހުރި ދިރާސާއިން ސާފުކޮށް އެނގެން އޮންނާތީ" ކަމަށެވެ. އޭގެ އިތުރުން ކަމާގުޅޭ ފަންނީފަރާތްތަކުން އެގޮތަށް ވިދާޅުވާތީ ކަމަށެވެ.

މި މަޝްރޫއަކީ ގާނޫނުއަސާސީގެ 22 ވަނަ މާއްދާއާ ޚިލާފަށް ކުރިއަށް ގެންދެވޭ ގެއްލުންބޮޑު ކަމަކަށްވާނެކަމަށް ކަމާބެހޭ މާހިރުންނާ ހަވާލާދީ ލޯފާމުން ވިދާޅުވެފައިވެއެވެ. އެހެން ކަމުން މައްސަލަ ހުށަހެޅީ އާންމު މަސްލަހަތު ހިމާޔަތްކޮށް ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

"މި މައްސަލަ މިހާރު ސ. މީދޫ މެޖިސްޓްރޭޓް ކޯޓަށް ބަލައިގަނެ އެކޯޓުގެ ނަމްބަރު 23/އެސް.1.ސީ/2022 ގަޟިއްޔާއިން ކުރިއަށް ގެންދިޔުމަށް ނިންމާފައިވެއެވެ." ލޯފާމުން ވިދާޅުވެފައިވެއެވެ.

މި މައްސަލައާ ބެހޭ ގޮތުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އައްޑޫ ބިންހިއްކުން ހުއްޓުވަން އެއްވެސް ފަރާތަކުން މައްސަލައެއް ކޯޓަށް ހުށަހަޅާފައިވާކަމެއް އެނގިވަޑައިގެންފައިނުވާ ކަމަށެވެ.

ނިޒާރު ވިދާޅުވީ އައްޑޫސިޓީގައި ބިންހިއްކުމަށް ރާވާފައިވާ މަޝްރޫއުގެ ދަށުން އެކަން ކުރާނީ އެއްވެސް ގޮތަކުން އެސިޓީއަށް ގެއްލުމެއްނުވާނޭ ގޮތަށް ކަމަށް ސަރުކާރުން ވިދާޅުވެފައިވާ ކަމަށެވެ. "ސަރުކާރުން އެހެން ވިދާޅުވެފައިވަނިކޮށް އައްޑުއަށް އަންނަ ތަރައްގީއެއް އެއްވެސް ފަރާތަކުން ހުއްޓުވުމަށް މަސައްކަތް ކުރަންވީ ސަބަބެއް ނުވިސްނޭ. އަދި އެކަމެއް ނުވެސް ހިނގާ. ނުހިނގާ ކަމަކާ ދެކޮޅަށް މައްސަލަ ހުށަހަޅަންޖެހޭ ކަމަށް އަޅުގަނޑެއް ނުދެކެން،" ނިޒާރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އައްޑޫ ބިން ހިއްކެންއޮތީ އެތެރެވަރީން ވެލިނަގައިގެން ކަމަށެވެ.

މިކަމާ ގުޅިގެން އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް ވިދާޅުވީ ތިމާ ނިސްބަތްވާތަނަކާއި އަންނަން އޮތް ޖީލަށް ގެއްލުމެއް ލިބިދާނޭ ކަމަށް ހީވާ ކަމަށްވާނަމަ ކޯޓު މެދުވެރިކޮށްގެން ވެސް އަދި އެހެން ގޮތްގޮތުން ވެސް އެކަމަށް "ފަރުވާ" އެއް ހޯދަން މަސައްކަތްކުރުމަކީ ކޮންމެ ފަރުދަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށެވެ.

އައްޑޫ ސިޓީ ބިން ހިއްކަން ކޮންމެ ތާކުން ވެލިނެގިޔަސް ތިމާވެއްޓަށް ގެއްލުން ވާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އައްޑޫ ބިން ހިއްކަން ވެސް އެތެރެވަރީން ވެލިނެގިދާނޭ ކަމަށާއި އެހެނަސް ނަގާނީ ކޮންތާކުން ކިހާ ދުރުމިނަކުން ކިހާ ފުންމިނަކުންތޯ ބަލައި އެކަން ކުރަންވާނީ ވީހާވެސް ބޮޑަށް ތިމާވެއްޓަށް ގެއްލުން ކުޑަވާނޭ ގޮތަށް ކަމަށް ނަޢީމް ވިދާޅުވިއެވެ. މިކަންކަމުގެ ތެރެއިން ރައްޔިތުން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ވެސް ހުއްޓައެއް ނުލެވޭނޭ ކަމަށް އޭނާ ވިދާޅުވިއެވެ. ތިމާވެއްޓަށް ގެއްލުމެއް ލިބިއްޖެ ކަމަށްވާނަމަ ތިމާވެއްޓަށް ފައިދާހުރި އެހެން ކަމެއް ކުރެވިދާނޭ ކަމަށް ވެސް ނަޢީމް ވިދާޅުވިއެވެ.