ރަޝިޔާގެ ރިއާސީ ގަނޑުވަރު ކްރެމްލިންގެ އިންފާރާ ޖެހިގެން އޮންނަ ބޮލްޝޯއީ މޮސްކްވޮރްޓްސްކީ ބްރިޖް މަތިން ބޮރިސް ނެމްސޮވްގެ ބައިކުޅަބައި ބަރަހަނާ ގަބުރު ކޯރަށް އެއްލާލިތާ ގަޑިއެއްހައި އިރުފަހުން މޮސްކޯގެ ފުލުހުން އައިސް އެ ގަބުރު ނަގައިގެން ކަޅު ބޮޑީ ބޭގަކަށް ލައިގެން ގެންދިޔައެވެ.

ބޮރިސް ނެމްސޮވްއަކީ ރަޝިޔާގެ ޑިކްޓޭޓަރުކަމަށް އޭނާ ސިފަކުރާ ޕުޓީންގެ ރަހުމު ކުޑަ ޝިކާރައަކަށްވެގެން ދިޔަ މީހެކެވެ. މޮސްކޯ އެކޯ ރޭޑިއޯ ސްޓޭޝަނަށް ރޭގަނޑުގެ ވަގުތެއްގައި އަރައި އިނދެ އޭނާ ވަނީ ޔޫކްރެއިންގެ މައްސަލާގައި ރައީސް ވްލަޑިމިއަރ ޕޫޓިން ގެންގުޅުއްވާ ސިޔާސަތުތަކަށް ފާޑުކިޔާފައެވެ. ޕޫޓިންއަކީ ދޮގު ހައްދަވާ ބޭފުޅެއްކަމަށާއި ހުޅަނގުގެ ގައުމުތަކާއެކު ރަޝިއާގެ މުހިންމު ގުޅުންތައް ކަނޑާލަން މަސައްކަތް ކުރެއްވުމަކީ ގޯހެއްކަމަށް ބުނެ އޭނާ ވާހަކަ ދެއްކިއެވެ.

މި އިންޓަރވިއުއަށްފަހު އޭނާ ގެއަށް އައި މަގުމަތީގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް އޭނާގެ އުޅަނދާ ކައިރިއަށް އައިސް ބަޑި ދިއްކޮށް ފަސް އުންޑައިން އޭނާ ތޮރުފާލިއެވެ. ތޮރުފިގެން ގޮސް ހެދުން ބޭލިފައިވާ ބޮރިސް ނެމްސޯވްގެ ހަށިގަނޑު ފުލުހުން ނެގީ ކޯރުގެ ތެރެއިންނެވެ.

ނެމްސޯވަށް މަރުގެ އިންޒާރުތައް ލިބެމުން ދިޔައެވެ. އޭނާވެސް ފަރުވާލެއް ނުބަހައްޓައި ޕޫޓިންއާ ދެކޮޅަށް ވާހަކަ ދައްކަމުން ގެންދިޔައެވެ.

ނެމްސޮވްގެ ސަބަބުން ޕޫޓިންގެ ސަރުކާރަށް މާބޮޑު ނުރައްކަލެއް ކުރިމަތިވެފައެއް ނުވެއެވެ. މޮސްކޯ އެކޯ ސްޓޭޝަނުން ވެސް ޕޫޓިންގެ ސަރުކާރަށް މާބޮޑު ނުރައްކަލެއް ކުރިމަތި ކޮށްފައެއް ނުވެއެވެ. މޮސްކޯ އެކޯ ރޭޑިއޯއަކީ ރަޝިޔާގެ ގޭސް ކުންފުނި ގެޒްޕްރޮމްގެ މިލްކިއްޔާތުގައި ވާ ސްޓޭޝަނެކެވެ. ގަޒްޕްރޮމް އަކީ ޕޫޓިންގެ ވެރިކަމުގެ ފައިސާ އަނބުރައި ދޮވެދޭ މެޝިނެވެ.

ބޮރިސް ނެމްސޯވްއަކީވެސް އާދައިގެ މީހެއް ނޫނެވެ. އެއް އިރެއްގައި އޭނާއަކީ ވެރިކަމުގެ އެއް ތަނބެވެ. 1990 ގެ އަހަރުތަކުގައި ބޮރިސް ޔެލްސިންގެ ޒަޢާމަތުގައި ބޮޑުވަޒީރުގެ ނައިބުގެ މަޤާމު ފުރުއްވި މީހެކެވެ. އޭނާއަށް ޕާލަމެންޓްގެ ގޮނޑި ގެއްލުނީ 2003ގެ އިންތިޚާބީ ނާކާމިޔާބީއާއެކުގައެވެ.

ބޮރިސް ނެމްސޯވްއާއި ޕޫޓިންގެ ދެމެދު ތަފާތު ބޮޑުވެގެން ދިޔައީ ބޮރިސްގެ މިނިވަން ޚިޔާލުތަކުންނެވެ.

އަދި އޭނާގެ ލިބަރަލް ޚިޔާލުތަކާއި ޕޫޓިންގެ އާ ލީޑަރޝިޕްގެ މެދުގައި އޮތް ފަރަގު އިތުރުވެގެން ދިޔަ ނަމަވެސް، އޭނާގެ ޚިޔާލު ތަފާތުވުމަކީ، ޕޫޓިން ފަދަ ބޭފުޅަކަށް އުނދަގުލަކަށް ވެގެން ނުވާނެއެވެ.

ނެމްސޯވްގެ މަރާ ގުޅިގެން އާދަޔާ ޚިލާފު ފިޔަވަޅެއްގެ ގޮތުން ޕުޓިން ވަނީ ރަޝިޔާގެ ފުލުހުންނަށް ނެމްސޯވްގެ ގާތިލުން ހޯދުމަށް އަމުރުކުރައްވާފައެވެ. ނިކަން އަވަހަށް ފުލުހުން މިކަން ތަހުލީލުކޮށް ބުނެފައި ވަނީ މިއީ ޕްރޮފެޝަނަލް ބަޔަކު ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ. މިކަން ކުރި މީހުން ބޭނުން ކުރީ ދަބަރު ޖަހާފައިވާ ފިސްތޯލައެއް ކަމަށެވެ. އަދި ބޭނުންކުރި ވަޒަންތަކަކީ އަމިއްލައަށް އުފައްދާފައިވާ ވަޒަންތަކެއް ކަމަށެވެ.

ފުލުހުންގެ އިތުރު ތަފްސީލުގައި ބުނީ މި ޖަރީމާ ހިންގާފައި ވަނީ ޗެޗްނިއާގެ ރައީސް އަދި ޕުޓިންގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ ރަމަޟާން ގާދިރޯވް އާ ގުޅުން އޮންނަ ޗެޗްނިއާގެ ފަސް މީހަކު ކަމަށާއި އޭގެ ތެރެއިން އެކަކީ ގާދިރޯވްގެ އުތުރު ސަރަހައްދުގެ ސިފައިންގެ ތެރޭގައި ކުރީގެ ޑެޕިއުޓީ ކޮމާންޑަރުކަން ކޮށްފައިވާ މީހަކު ކަމަށެވެ.

ނެމްސޮވް މަރާލި ކާރު ދުއްވަން އިން ޑްރައިވަރު ވަނީ ފުރަތަމަ ވަޒަންވެސް ޖެހީ އޭނާކަމަށް އެއްބަސްވެފައެވެ. އަދި އޭނާ ބުނީ ނެމްސޯވް މަރާލުމުން ދެރަ ނުވާކަމަށާއި އޭނާއަކީ މަރާލަން ޖެހޭ، އެމެރިކާގެ ޖާސޫސެއް ކަމަށެވެ.

މުޅި ޑްރާމާ ދެކޮޅު ޖައްސަން އުދަގޫކަމަށް ބައެއް މުހައްލިލުން ދެކެއެވެ.

ލަފާ ކުރެވޭ ގޮތުގައި ނެމްސޯވްގެ ޒާތީ މައުލޫމާތު އޭނާގެ ގާތިލުންނަށް ދީފައިވަނީ ރަޝިޔާގެ ޖާސޫސީ އިދާރާއިންނެވެ. އަދި މިއީ ރޭވުމެއްގެ ތެރޭން ހިންގާފައިވާ ޖަރީމާއެއް ކަމަށް ބެލެވެއެވެ.