ނުވަ އަހަރުގެ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ އަންހެން ކުއްޖަކު ބަނގްލަދޭޝްގެ ރާޖްބަރީގައި ހަ އަހަރު ވަންދެން ކޮށްޓެއްގައި ބަންދުކޮށްގެން ގެންގުޅެފިއެވެ.

ޝީލާ ދާސް ވަނީ އުމުރުން އެންމެ ތިން އަހަރުން ފެށިގެން އޭނާގެ އާއިލާއިން ކޮށްޓަކަށްލައި ބަންދުކޮށްގެން ގެންގުޅެފައެވެ.

އޭނާގެ އާއިލާއިން ބުނީ ޝީލާ ކޮށްޓަށް ލާފައި ވަނީ މަގުމަތިން ދާ މީހުންނަށް ގޯނާ ކޮށްހަދާތީއެވެ. އޭނާއަކީ ނުހިނގޭ ކުއްޖެކެވެ. އޭނާ އުޅެނީ ފިރުކެމުންނެވެ.

ކުއްޖާގެ މަންމަ ޗަންދަނާ ޝީލް ބުނީ، އޭނާ ގޮވައިގެން އިންޑިއާއަށް ފަރުވާއަށް ދިއުމުން ޑޮކްޓަރުން ވަނީ އޭނާއަކީ ނުކުޅެދޭ ކުއްޖެއްކަމަށް ބުނެފައެވެ.

ހިސާބުގެ ހޮސްޕިޓަލްގެ ސިވިލް ސާޖަން މުހައްމަދު އިބްރާހިމް ބުނެފައި ވަނީ ޝީލާގެ ސިކުނޑީގެ ހތަރައްގީ ނުވާކަމަށާއި ނިއުރޮލޮޖިކަލް ސްޕެޝަލިސްޓެއްގެ ފަރުވާ ބޭނުންވާ ކަމަށެވެ. އަދި ކޮށީގައި ބަންދުކޮށްގެން ގެންގުޅުމަކީ ލާއިންސާނީ އަމަލެއްކަމަށްވެސް އޭނާ ބުންޏެވެ.

ހިސާބުގެ މަސްއޫލުވެރިން ބުނާ ގޮތުން މިއަންހެން ކުއްޖާ ކޮށްޓަށް ލާފައި ވަނީ އޭނާގެ ރައްކަލަކަށްޓަކައެވެ.

މި ކުއްޖާއަކީ ބޯކޮށާ މީހަކަށް ލިބިފައިވާ ތިންކުދިންގެ ތެރޭން މެދު ކުއްޖާއެވެ.