އައްޑޫގެ ޓޫރިޒަމް ޒޯންގެ ގޮތުގައި ކަނޑައެޅި ސަރަހައްދުތަކުން ދޫނުކުރެވި ހުރި ބިންތައް ދޫކުރުމަށް އިއުލާންކުރާނެކަމަށް އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ދަށުން ބިންތައް ހަވާލުކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 18ވަނަ ދުވަހު ފޭދުގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެވެ. އެ ބިންތައް ކައުންސިލްގެ ދަށަށް ބަދަލުކޮށް، އެއްބަސްވުމުގައި ސޮއިކުރީ މި މަހުގެ 10 ގަ އެވެ.
ޓޫރިޒްމް ޒޯންގެ ގޮތުގައި ކަނޑައެޅި ފަސް ސަރަހައްދުން 93 ބިމެއް ދޫކުރަން ވަނީ ނިންމާފައެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 50ބިމެއް މިހާރު އެކި ފަރާތްތަކަށް ވަނީ ހަވާލު ކުރެވިފައެވެ. މޭޔަރ ވިދާޅުވީ އެއްވެސް ބަޔަކާއި ހަވާލުނުކުރެވި ހުރި ބިންތައް ދޫކުރުމަށް އަންނަ ހަފްތާ ތެރޭގައި އިއުލާންކުޜާނެ ކަމަށެވެ.
އައްޑޫގެ ޓޫރިޒަމް ޒޯންތަކަކީ ހިތަދޫ "މާމެން ބީޗް ޓޫރިޒަމް ޒޯން" އާއި ހުޅުދޫ "ކޭވައް ބީޗް" މާފިޝި ޓޫރިޒަމް ޒޯނާއި "ކޯގަންނުބީޗް" ގެ އިތުރުން "މުލިމަތި ޓޫރިޒަމް ޒޯން" އަދި '"ފޭދޫ ސަވާ ބީޗް ދިގިހެރަ ޓޫރިޒަމް ޒޯން"އެވެ.
ނިޒާރު ވިދާޅުވި ގޮތުގައި ހަވާލުކުރި ބިންތަކުގެ ތެރެއިން ތަރައްގީކުރަން ހަމަޖެހިފައިވާ ޓޫރިޒަމް ފެސިލީޓީތަކުގެ ކުރެހުންތައް ނިންމުމާއި އެ ތަންތަނަށް ފައިނޭންސް ހޯދުމުގެ މަސައްކަތްތައް ވެސް ބިން ލިބުނު ފަރާތްތަކުން އަންނަނީ ކުރަމުންނެވެ. އަދި ކައުންސިލުން ވެސް ފައިނޭންސް ހޯދައިދޭން އެހީތެރިވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ޓޫރިޒަމް ޒޯންތަކުން ދޫކުރި ބިމެއްގައި އަދި މިހާތަނަށް އެއްވެސް ފެސިލިޓީއެއް ތަރައްގީކުރެވިފައި ނެތުމުން ކައުންސިލުން ގެންގުޅޭ އެއް ވިސްނުމަކީ ސީދާ ކައުންސިލުން ފަންޑް ހޯދައިގެން ޒޯންތަކުގެ ބައެއް ތަންތަން ތަރައްގީކުރުމެވެ. އެގޮތުން 500 އާއި 1،000 ދެމެދު ކޮޓަރީގެ ޓޫރިޒަމް ޒޯންތަކުގައި ކައުންސިލުން ތަރައްގީކޮށް މެނޭޖްކުރަން ބަޔަކާ ހަވާލުކުރުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް މޭޔަރު ވިދާޅުވި އެވެ.