ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމަކީ އެންމެ ބޮޑެތި ގޮންޖެހުންތައް އެތެރެޔާއި ބޭރުން ދިމާވި ދުވަސްވަރު ކަމަށް މޯލްޑިވްސް ތާޑު-ވޭ ޑިމޮކްރެޓް ޕާޓީން ބުނެފިއެވެ.
އެޕާޓީން މިއަދު ނެރެފައިވާ ނޫސްބަޔާނެެއްގައި ބުނެފައިވަނީ އެހުރިހާ ކަމަކާއި ގޮންޖެހުންތަކާ ކުރިމަތިލައްވައި ރައީސް ސާލިހު ވަނީ ކެތްތެރިކަމާ އެކީގައި ގައުމު ހަމަމަގަށް އެޅުވާފައި ކަމަށެވެ. އޭގެ އިތުރުން ގައުމީ އަދި ބައިނަލްއަޣުވާމީ އެތައް ކާމިޔާބީއެއް ރައީސް ވަނީ ހޯއްދަވާފައި ކަމަށް ވިދާޅުވެފައިވެއެވެ. "ސޯޝަލް މީޑިއާގައި އެންމެންގެ ޖަޒުބާތުތައް އޮއްސަމުން ދާ މިޒަމާނުގައި ރައީސް ސާލިހު އިސްކުރެއްވީ ހިކުމަތްތެރިކާމާއި ކެތްތެރިކަމެވެ. ދުވަހަކުވެސް ނުރުހުމުގެ ބަހެއް ރައްޔިތަކާއި އަދި އިދިކޮޅުފަރާތަކާއި ދިމާއަށްވެސް ވިދާޅެއްނުވެއެވެ. ރައްޔިތުންގެ އަޑުއައްސަވައެވެ. އަދި ވަކިވަކި ފަރުދުންގެ އަސާސީ ހައްގުތަކާއި ގާނޫނުން ލިބިދޭ ހިމާޔަތާއި ހައްގުމިންވަރު ހޯދާދިނުމުގައި ފުރިހަމަ ސާބިތުކަން ރައީސް ސާލިހު ދަނީ ދައްކުވައިދީފައެވެ."
އެބަޔާނުގައި ބުނެފައިވަނީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ދުނިޔެއަށް ދިމާވި އެންމެ ބޮޑު ސިއްހީ ކާރިސާ ކޮވިޑް ވަބާ ނުނިމިގެން އުޅެނިކޮށް ހަނގުރާމައިގެ ވިލާތަކާއި ހަރަކާތްތަށް މިވަނީ މުޅި ދުނިޔެ ބަނަކޮށްލާފައި ކަމަށެވެ. ރަޝީޔާއިން ޔޫކްރެއިނަށް ހަމަލާދޭން ފެށީއެވެ. އެކަމުގެ ތެރެއިން އެމެރިކާފަދަ ގައުމުތައް އަނގަބަހުންނަމަވެސް ވަންނަން ފެށީއެވެ. މަސްރަހު ހޫނުވެފައިވާ މިވަގުތުގައި ޔުކްރެއިންގައި ތިބި ދިވެހި ކުދިން އަވަހަށް ސަލާމަތުގެ އައްސޭރިއަށް ގެންދަވައި ދިވެހި ގައުމަށް އަވަހަށް އަނބުރާ ގެނައުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ.
އެމްޓީޑީ އިން ބުނެފައިވަނީ މިއީ ދިވެހިން އެއްބައިވާންވީ ވަގުތު ކަމަށެވެ. މިއީ އެތެރޭގެ ވާދަވެރިކަން ދޫކޮށްލަންވީ ވަގުތު ކަމަށް ވެސް ބުނެފައިވެއެވެ. އެއާއެކު އަންނަން ހުރި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އެންމެން އެކީގައި ގައުމުގެ ހައްގުގައި، މަޝްވަރާކުރަންވީ ވަގުތަކީ ވެސް މިއީ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. "އެމްޓީޑީން އެދެނީ ރައީސް ސާލިހަށާއި ދިވެހި ރާއްޖެއަށް އަދަށްވުރެ ފެހި މާދަމާއެކެވެ." ރައީސް ސާލިހަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި ދުއާކުރާ ކަމަށާއި ފަސްޓްލޭޑީ ފަޒްނާ އަހުމަދަށާއި އާއިލާއަށް ކެތްތެރިކަމާއި ހިތްވަރުދެއްވުމަށް އެދި ދުއާކުރާ ކަމަށް ވެސް އެޕާޓީން ބުނެފައިވެއެވެ.