ޕާކިސްތާންގެ އިދިކޮޅު ޕީޕަލްސް ޕާޓީން ފެބުރުވަރީ މަހުގެ 27 ވަނަ ދުވަހު ދިގު ހިނގާލުމެއް ބޭއްވުމަށް ނިންމާފައި ވަނީ ތަކެތީގެ އަގު ބޮޑުވެ ސަރުކާރުން ރައްޔިތުންނާ އަޅާނުލާތީ ކަމަށް އެޕާޓީގެ ލީޑަރުން ބުނެއެވެ. ޕާޓީގެ އިސް ލީޑަރު ސެނެޓަރ ޝެރީ ރެހްމާން ވިދާޅުވާ ގޮތުގައި ޕާކިސްތާންގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ގައުމީ އިގުތިސާދު ވަނީ ޕާކިސްތާންގެ އަމިއްލަ ސިޔާދަތުން ބޭރުވެފައެވެ.
ބޭރުގެ ފަރާތްތަކުން ދީފައިވާ މަޝްވަރާއަށް ސއިމްރާން ޚާންގެ ސަރުކާރުން އަމަލު ކުރުމުގެ ސަބބުން ތަކެތީގެ އަގުތައް ވަނީ އަތްނުފޯރާ ވަރަށް މައްޗަށް ގޮސްފައެވެ. އަދި މީހުންގެ ދިރިއުޅުމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެން ބޮޑުވަޒީރު އިމްރާން ޚާންގެ ސަރުކާރާ ދެކޮޅަށް މަގުތަކަށް މީހުން ނެރެން މަޖުބޫރުވެފައިވާ ކަމަށް ޝެރީ ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޝެރީ ވަނީ ޕާކިސްތާން ތަހްރީކޭ އިންސާފް ޕާޓީގެ ސަރުކާރަކީ ޚިޔާލީ މެޖޯރިޓީގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ސަރުކާރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ޕީޕަލްސް ޕާޓީގެ ލީޑަރު ވަނީ، ޕާކިސްތާނު ތަހްރީކޭ އިންސާފްގެ ސަރުކާރާ ދެކޮޅަށް ޕާލަމެންޓްގައާއި މަގުމައްޗަށް މީހުން ނެރެ ސަރުކާރު ވައްޓާލާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އޭނާ ވިދާޅުވީ އިދިކޮޅު ޕާޓީތައް މިހާރު ވަނީ ޒަމާނަކަށް ފަހު އަލުން އެއްގަލަކަށް އަރާފައެވެ.