ޕާކިސްތާންގެ ސަރަގޯދާގައި ވަގަށް ނަގާފައިވާ ސަބިއްޔާ ބަތޫލްގެ މައްސަލަ ދާދިފަހުން ސުޕްރީމް ކޯޓުގައި ތަކުރާރުކޮށް ފެންމަތިވުމާ ގުޅިގެން ޕާކިސްތާންގައި އަންހެނުން ކިޑްނެޕްކޮށް ގެއްލުވާލާ މައްސަލަ ވަނީ އާންމުންގެ ސަމާލުކަމަށް އައިސްފައެވެ.، ޑޯން ނޫހުން ބުނާ ގޮތުން ޕަންޖާބުގެ ފުލުހުން ހާމަކުރި ތަފާސްހިސާބުތައް ދައްކަނީ ޕަންޖާބްގެ އެކި ހިސާބުތަކުގައި 3،571 އަންހެން ކުދިންނާއި އަންހެނުންވަގަށް ނަގާފައިވާ ކަމަށެވެ. އަދި މިހާތަނަށް މިމީހުންގެ ހިލަމެއް ވެފައި ނުވާކަމަށްވެސް ބުނެފައި ވެއެވެ.
ފުލުހުންގެ ރެކޯޑްތަކުގައި، މި އަންހެން ކުދިންނާއި އަންހެނުންގެ ހާލަތު ބަޔާން ކޮށްފައި ވަނީ "އަދިވެސް ހޯދިފައި ނުވާ" ބައެއްގެ ގޮތުގައެވެ. ފުލުހުންނާއި އެކުދިންގެ މައިންބަފައިން ވެސް ބުނެފައި ވަނީ ޕާކިސްތާންގެ ޕަންޖާބުގެ އެކި ކަންކޮޅުތަކުން މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ވަގަށް ނެގި މި އަންހެން ކުދިން ވީތަނެއް ނޭނގޭ ކަމަށެވެ.
ޕަންޖާބުގެ 36 ޑިސްޓްރިކްޓަކުން 2017 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ ޖެނުއަރީ މަހާ ދެމެދު 40،585 އަންހެނަކު ވަގަށް ނަގާފައިވާ ކަމަށް ވެއެވެ. ފުލުހުން ބުނާ ގޮތުން އޭގެ ތެރެއިން 37،140 މީހުން ވަނީ ހޯދައިދީފައެވެ. ނުވަތަ އެމީހުން އުޅޭ ތަން އާއިލާއަށް އަންގައިދީފައެވެ. އަދި މި މައްސަލަތަކުގައި ތުހުމަތު ކުރެވޭ 53،459 މީހުން ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. އެކަމކު ހޯދައި ނުގަނެވޭ އިތުރު 12،374 މުޖުރިމުން އަދިވެސް އެބަތިއްބެވެ. ފުލހުން ރަނގަށް ޑޭޓާ ބަލަހައްޓާފައި ނެތުމުގެ ސަބަބުން ހައްޔަރު ކުރި މީހުންގެ ތެރެއިން ކުށް ސާބިތުވީ ކިތައް މީހުންގެ މައްޗަށް ކަމެއް ސާފެއް ނުވެއެވެ.
ފުލުހުންގެ އިސް އޮފިސަރަކު ޑޯން ނޫހަށް ކިޔައިދިން ގޮތުގައި ކިޑްނެޕް ކުރުމުގެ ބައެއް މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން ޒުވާން އަންހެން ކުދިންނާ ކައިވެނި ކުރުމަށްވެސް ހުށަހަޅައެވެ. އަދި ބައެއް ފަހަރު ރޭޕް ކުރުމަށްފަހު ކުއްޖާ އެއްލާލާފައި ފިލައިގެން ދާކަމަށްވެސް ބުނެފައި ވެއެވެ.
މީގެ ދެދުވަސް ކުރިން، ސަރްގޮދާ ޑިސްޓްރިކްޓްގެ ޕޮލިސް އޮފިސަރ ޑޮކްޓަރ ރިޒްވާން އަޙްމަދު ޚާން، ސުޕްރީމް ކޯޓުގައި ސޮބިއްޔާ ބަތޫލްގެ މައްސަލައިގެ އަޑުއެހުމުގައި، ވިދާޅުވީ ސަރްގޯދާ ޑިވިޜަންގައި ވަގަށް ނެގި 151 އަންހެން ކުދިން ހޯދި ގޮތާބެހޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅި ރިޕޯޓްގައި ވިދާޅުވީ މިއިން 21 ކުއްޖަކު ސަލާމަތް ކޮށްފައިވަނީ އަންހެނުން ލައްވާ ކަސްބީ މަސައްކަތް ކުރުވާ ގެތަކެއްގެ ތެރޭންނެވެ.
ބަތޫލް ކިޑްނެޕްކުރުމުގެ މައްސަލާގައި ތުހުމަތު ކުރެވޭ 16 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެކަމަކު އަދިވެސް އޭނާ ހޯދިފައެއް ނުވެއެވެ.