އެމެރިކާގެ ރައީސަށް ރަޝިޔާއާ ދެކޮޅަށް އަދި މާބޮޑު ކާމިޔާބަކެއް ހާސިލެއް ނުކުރެވެއެވެ. ސަލާމަތީ މަޖިލީހުގައި ނެގި ވޯޓުންވެސް އެނގިގެން ދިޔައީ އިންޑިއާއާއި ޔޫއޭއީންވެސް އެމެރިކާގެ ބަސް އަހަން ތައްޔާރަށް ނެތް ކަމެވެ.
އެމެރިކާގެ ރައީސަށް ޔޫކްރޭން ހަނގުރާމައިގައި ދިމާވާނެ ދެވަނަ އިމްތުހާނެއް ދިމާވާނީ އަންނަ މަހުގެ ދެވަނަ ދުވަހުއެވެ. އެ ދުވަހަށްފަހު ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަ ބަދަލާ ގުޅިގެން ބައިޑެންގެ ދުނިޔޭގެ ފެންވަރުގެ ލީޑަރޝިޕް ހާމަވެގެން ދާނެއެވެ.
ޔޫކްރެއިންއަށް ރަޝިޔާއިން ދިން އުދުވާނީ ހަމަލާގެ ސަބަބުން ރަޝިޔާއާ ދެކޮޅަށް ތެލާއި ޤުދުރަތީ ގޭހުގެ ރޮނގުން ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާއާއި ޔޫރަޕާއި އިނގިރޭސިން މިހާތަނަށް އަޅާފައި ނުވަނީ މިކަމުން ފައިދާއެއް ނުވާނެތީއެއް ނޫނެވެ. މި ފަރާތްތަކުން މިފިޔަވަޅު އަޅާފައި ނުވާ ސަބަބަކީ، ތެލާއި ގޭހުގެ ސަޕްލައިއަށް ވާނެ ގޮތެއް އަދި އެމެރިކާއަށް ސާފުވެފައި ނެތުމުންނެވެ.
ގަތަރުން ގޭސް ސަޕްލައި ކޮށްދިނުމަށް އެމެރިކާ ރައީސް ގަތަރުގެ އަމީރާ ދެއްކެވި ވާހަކަތަކުން ދޭހަވެފައި ވަނީ ޤަތަރަށް މުޅި ދުނިޔެއަށް ގޭސް ސަޕްލައި ކޮށްދިނުމުގައި ދަތިތަކެއް އުޅޭނެ ކަމަށެވެ. އެހެންވެ، ރަޝިޔާގެ ގޭހަށް ޔޫރަޕުން ބަރޯސާ ކުރަން ޖެހޭނެއެވެ. ނޫންނަމަ ދާންޖެހޭނީ އީރާނާ ދިމާއަށެވެ. މިއަދާހަމައަށް މި ގައުމުތަކުން އުޅުނީ އީރާނު ދުނިޔެއިން އެކަހެރިކޮށް ގެންނެވެ.
ތެލުގެ މައްސަލާގައި އެމެރިކާގެ ބޮލު ރިހުމުން ސަލާމަތް ކޮށްދެވޭނެ ފަރާތަކީ ސައޫދީ ވަލީ ޢަހުދު މުޙައްމަދު ބިން ސަލްމާންއެވެ. އެކަމަކު އަމީރު މުޙައްމަދު ހައްދަވާނެ އެއްޗެއް ބައިޑެންގެ ސަރުކާރަކަށް އަދި މުޅިއަކުން ސާފެއް ނޫނެވެ.
އެމެރިކާއަށް ތެލުގެ ބާޒާރު ކޮންޓްރޯލު ނުކުރެވިގެން އުޅެނީ ތެޔޮ އުފައްދާ ގައުމުތަކުގެ ނުރަސްމީ ޖަމުއިއްޔާ "އޯޕެކް ޕްލަސް"އާ ހެދިއެވެ. މި އޮޕެކްގެ ގައުމުތަކާއި ރަޝިޔާ އިސްވެ ގެންގުޅޭ ތެޔޮ އުފައްދާ އޮޕެކްގައި ނުހިމެނޭ ގައުމުތަކުގެ ނުރަސްމީ ޖަމާއަތެވެ.
އޯޕެކްޕްލަސް ގެ ބައްދަލުވުން އޮންނާނީ އަންނަ މާޗް މަހުގެ 2 ވަނަ ދުވަހުއެވެ. އެމެރިކާއިން ބޭނުން ވަނީ ތެލުގެ އަގުތައް މަތި ވިޔަ ނުދިނުމަށާއި ރަޝިޔާއިންވެސް ތެޔޮ ސަޕްލައި ކޮށްދިނުން މަތީގައި އޮތުމަށެވެ.
މާޗް 2 ގައި އޮންނަ އޮޕެކްޕްލަސްގެ ބައްދަލުވުމުގައި އެންމެ މުހިންމު ކަމަކަށް އޮންނާނީ ސައޫދީ ވަލީއަހްދާއި ރަޝިއާގެ ތެލާ ބެހޭ ވަޒީރުގެ ޒޫމް ކޮންފަރެންސް ބައްދަލުވުމެވެ. މުހައްލިލުންގެ ލަފައަކީ މި ދެބޭފުޅުންވެސް އެމެރިކާ ރުއްސެވުމަށްޓަކައި ތެލުގެ އަގު ދަށްކޮށްފައި ބާއްވާކަށް މަސައްކަތެއް ނުކުރައްވާނެ ކަމަށެވެ.
އެމެރިކާގެ އެދުމަކީ ސައޫދީން ތެޔޮ އުފައްދާ މިންވަރު އިތުރު ކުރުމެވެ. އަދި އަގުތައްވެސް ދަށްކޮށްފައި ބެހެއްޓުމެވެ. މިއީ އެމެރިކާއިން ރަޝިޔާއަށް ފިއްތުމަށްޓަކައި ކޮންމެހެން ހާސިލުކުރަން ބޭނުންވާ ކަމެކެވެ.
އެކަމަކު ސައޫދީއަރަބިއްޔާއިން ތެލުގެ އަގު ދަށްކުރާކަށް ބޭނުމެއް ނުވެއެވެ. ސައޫދީން ދެކެ ގޮތުގައި އެމީހުންވެސް ތަރައްގީގެ މުހިންމު މަޝްރޫއުތަކެއް ފަށައިގެން އުޅޭއިރު އެކަމަށް ހޭދަ ކުރުމަށް ރަނގަޅު އާމްދަނީއެއް ވައްދަން ބޭނުންވެއެވެ.
އަނެއް ކޮޅުން އެމެރިކާއިން ކަންކަމަށް އެދޭއިރު ސައޫދީ އަރަބިއްޔާގެ މިއަދުގެ ހަގީގީ ވެރިޔާ މުޙައްމަދު ބިން ސަލްމާނާ ވާހަކަ ނުދައްކަވާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ވަނީ ގަދަފައި ވިއްދަވާފައެވެ. ބައިޑަން މިއަދާހަމައަށްވެސް މުޙައްމަދު ބިން ސަލްމާނާ ސީދާ ފޯނުން ގުޅުއްވައި ވާހަކަ ދައްކަވާފައެއް ނުވެއެވެ. އެހެންވެ، އެތައް ގޮތަކުން އަދިވެސް ބައިޑެންގެ ލީޑަރޝިޕްގެ އަޖުމަ ބެލޭ ނެއެވެ.