ޅ. ކުރެންދޫ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަނާއި ފ. ނިލަންދޫ އަދި ދ. މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން އޮބްޒާވް ކުރުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފައެވެ.

މި އިންތިޚާބުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ 2022 މާރިޗު 26 ވާ ހޮނިހިރު ދުވަހު އެވެ. މި ބައި-އިލެކްޝަންތަކުގެ އޮބްޒާވް ކުރުމަށް ހަމަޖެހިފައިވަނީ ވޯޓު ނެގުމާއި، ގުނުމުގެ ކަންތައްތައްތަކެވެ. އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިއަދުން 15:00 އިން ފެށިގެން އަންނަ މާރިޗު މަހުގެ ތިނެއްވާ ބުރާސްފަތި ދުވަހުގެ 15:00 އާ ހަމަޔަށް އެ ފުރުޞަތު އިލެކްޝަނުން ވަނީ ހުޅުވައިފައެވެ.

އިންތިޚާބުގެ އޮބްޒާވްކުރުމަށް ހުއްދަ ދެވޭނީ އުމުރުން އަށާރަ އަހަރު ފުރިފައިވާ ދިވެހީންނަށެވެ. އޭގެ އިތުރުން އޮބްޒާވަރެއްގެ ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ވެގެން ނުވާނެއެވެ.

ސިޔާސީ ޕާޓީތައް ފިޔަވައި މަދަނީ ޖަމާޢަތަކުން ނުވަތަ އަމިއްލަގޮތުން އޮބްޒާވަރަކަށް ވުމަށް ހުށަހަޅާ ފަރާތެއްނަމަ، ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީއެއްގައި އެ މީހެއްގެ ނަން ހިމެނިފައިވާ މީހަކު ކަމުގައި ވެސް ވެގެންނުވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާބެހޭ މަސައްކަތެއް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޙަވާލުވެގެން ހުރި މީހެއްކަމުގައި ވެސް އެފަރާތެއް ވެގެން ނުވާނޭ ކަމަށް އީސީން ވިދާޅުވެފައިވެއެވެ.

(ށ) އިންތިޚާބުގެ އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭއިރު، އޮބްޒާވަރަކަށްވުމަށް އެދޭ ފޯމާއި، އޮބްޒާވަރަކަށްވުމަށް އެދޭ ފަރާތް ނުވަތަ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، އޮބްޒާވަރަކަށްވުމަށް އެދޭ ފަރާތް ނުވަތަ ފަރާތްތަކުގެ އޮބްޒާވަރުންގެ އިޤުރާރު އީސީއަށް ހުށަހަޅަންވާނޭ ކަމަށް ވެސް އެކޮމިޝަނުން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އައި.ޑީ.ކާޑުގައިވާ ފޮޓޯ ނޫން ފޮޓޯއެއް ފާހުގައި ޖަހަން ބޭނުން ވާނަމަ، އޮބްޒާވަރަކަށް ވުމަށް އެދޭ ފަރާތްތަކުގެ ޕާސްޕޯޓު ސައިޒުގެ ކުލަ ފޮޓޯ (ޕާސްޕޯޓުގެ މިންގަނޑަށް ފެތޭ ޖޭޕެކް ނުވަތަ ޕީއެންޖީ ފޯމެޓުގައި ސޮފްޓް ކޮޕީ ހުށަހަޅަންޖެހެއެވެ.

ފޮޓޯ ސޭވްކޮށްފައި އޮންނަންވާނީ އެފޮޓޯގައިވާ މީހާގެ އައިޑީ ކާޑު ނަންބަރުން ކަމަށް ވެސް އީސީން ވިދާޅުވެފައެވެ.

އޮބްޒާވަރުންގެ ގޮތުގައި ނަން ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތު ހިމެނޭ ލިސްޓްގެ ސޮފްޓް ކޮޕީ (އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ފޯމެޓަށް، މައިކްރޮސޮފްޓް އެކްސެލް ފޯމެޓްގައި) ހުށަހަޅަންވާނޭ ކަމަށް ވެސް އީސީން ވިދާޅުވެފައިވެއެވެ.

އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލާ ފަރާތްތަކުން ސަމާލުކަންދޭންޖެހޭ ކަންކަން

އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އިޤުރާރުގައި ސޮއި ކުރަން ވާނެއެވެ.

އެކަކު އެއް އެޕްލިކޭޝަނަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާނަމަ، އެފަރާތަކުން އެންމެ ފުރަތަމަ ހުށަހަޅާ ފޯމު ބަލައިގަނެ އެހެން ފޯމުތައް ބާޠިލު ކުރެވޭނެއެވެ.

އެއްވެސް ފޯމެއްގައި ފުރިހަމަ ކުރަންޖެހޭ ބައެއް ފުރިހަމަ ކުރެވިފައި ނުވާނަމަ ނުވަތަ އެ ފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔެކިޔުމެއް މަދުނަމަ އެފޯމެއް ބާޠިލު ކުރެވޭނެއެވެ.

އެޕްލިކޭޝަން ފޯމުގައިވާ ސޮޔާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ ސޮއި ތަފާތު ނަމަ، އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.

ފާސް ގެއްލިގެން ނުވަތަ އެހެންވެސް ސަބަބަކާހުރެ އަލުން ފާހެއް ހަދައި ދެވޭނީ -/95 (ނުވަދިހަފަސް) ރުފިޔާގެ ޖޫރިމަނާއެއް އެ ކާޑަކަށް ނެގުމަށްފަހުއެވެ.

ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށް ސިޔާސީ ޕާޓީތަކަށާއި، ޖަމާޢަތްތަކަށް ފާސްދޫކުރެވޭނީ، އެއިން ކޮންމެ ސިޔާސީ ޕާޓީއަކަށާއި، ޖަމްޢިއްޔާއަކަށް، އިންތިޚާބުގައި ވޯޓުލުމަށް ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށްވުރެ (ދިހައެއް އިންސައްތަ) އިތުރުނުވާ ގޮތަށެވެ.

އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2022 ފެބުރުވަރީ 26 ވާ ހޮނިހިރު ދުވަހުގެ 15:00 ން ފެށިގެން،2022 މާރިޗު 03 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ނިޔަލަށް އީމެއިލް މެދުވެރިކޮށެވެ. އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފޯމު މެއިލްކުރާނީ މި ކޮމިޝަނުގެ [email protected] އީމެއިލަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު އެ ކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އިން ލިބޭނެ އެވެ.