އެތައް އަހަރެއް ފަހުން މާލެއަށް ވެލައެއް އަރައިފިއެވެ.

މި ވެލާ އަރާފައިވަނީ މާލޭގެ އިރު ދެކުނު ފަރާތުން، ސިނަމާލެ ބްރިޖް ފެށޭ ކޮޅުގެ ދެކުނު ފަރާތުން ހެދިފައިވާ ވެލިގަނޑުގެ މައްޗަށެވެ.

ގްރީން ޓާޓަލްގެ އާއިލާއަށް ނިސްބަތްވާ މި ވެލާ މާލެއަށް އަރާފައިވަނީ ރޭ ދެންވަރުގެ ވަގުތެއްގައެވެ. އަދި ފަތިސްވެގެން ދިޔައިރުވެސް އެ ވެލިގަނޑުގެ މަތީގައި ވެލާ އެބައޮތެވެ.

އެންމެ ފުރަތަމަ އެ މަންޒަރު ފެނިފައިވަނީ ފަތިހު ދުވަންދާ މީހުންނަށެވެ. އެ ވެލާގެ ވީޑިއޯއެއް މިއަދު ހެނދުނު 6 ޖަހަނިކޮށް ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވާފައި ވަނީ ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ.