މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެެއްލުންތަކެއް ލިބިއްޖެއެވެ.

އަލިފާން ރޯވެފައި ވަނީ މ.ޑޯންލައިޓްހައުސް 5 ވަނަ ފަންގިފިލާގައެވެ. މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހެނދުނު 06:12 ހާއިރުއެވެ.

ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެފްއާރުއެސްގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގަން މެދުވެރިވީ، ކައްކަން އުނދުންމައްޗަށް އުދާފައި ހުރި ތެޔޮ ތާހެއްގައި ހުޅުހިފުމުން، ބަދިގޭގެ ހުޑާއި ކަބަޑުގައި އަލިފާން ރޯވެގެން ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ސިފައިން 06:15 ހާއިރު އެ ގެއަށް ދިޔައިރު އެގޭގެ މީހުން ވަނީ ތެއް ތުވާޔެއް ބޭނުންކޮށްގެން ރޯވި އަލިފާން ނިއްވާލާފައި ކަމަށާއި ނަމަވެސް އެގޭ ތެރޭގައި ދުމުގެ އަސަރު ވަރަށް ބޮޑަށް ހުރުމުން އެފްއާރުއެސްގެ ފަޔަރމަނުން ވަނީ ދުންތައް ބޭރުކުރުމުގެ މަސައްކަތް ކޮށްފައި ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އެތަނުގެ ތެރޭގައި ހުރި ބައެއް ސާމާނަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.