ސައުދީ އަރަބިއްޔާއަށް ހަތިޔާރު ވިއްކުން މަނާކޮށްފައި އޮތް އޮތުމުގެ މުއްދަތު އިތުރުކުރަން ޖަރުމަނުވިލާތުން ވިސްނަމުންދާތީ ސައުދީ އަރަބިއްޔާއިން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފިއެވެ.
ސައުދީ ސަރުކާރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އާދިލް އަލް-ޖުބައިރު ވިދާޅުވީ، ސައުދީ އަރަބިއްޔާއަށް ހަތިޔާރު ވިއްކުން މަނާކޮށްފައި އޮތް މުއްދަތު އިތުރުކުރުމާމެދު ޖަރުމަނުން ވިސްނުމަކީވެސް ދެކޮޅުނުޖެހޭ ކަމެއް ކަމަށެވެ. އަދި އެއީ ގޯސް ވިސްނުމެއް ކަމަށްވެސް އާދިލް ވިދާޅުވިއެވެ.
ޔޫރަޕްގެ ބައެއް ގައުމުތަކުން ސައުދީ އަރަބިއްޔާއަށް ހަތިޔާރު ވިއްކުން ހުއްޓާލީ، އެގައުމު އިސްވެއޮވެ 2015 ވަނަ އަހަރު ޔަމަނާދެކޮޅަށް އަސްކަރީ ހަމަލާތަކެއް ދޭން ފެށުމާ ގުޅިގެންނެވެ.
ސައުދީ އަރަބިއްޔާ އިސްވެއޮވެ، އަރަބި ބައެއް ގައުމުތަކުގެ އެހީގައި އޭރުން ފެށިގެން އަރަބި ކޯލިޝަނުން ޔަމަނަށް އެއްގަމާއި ވައިގެ މަގުން އަސްކަރީ ހަމަލާތައް ދެމުންގެންދާއިރު، މިހަމަލާތަކުގައި ޔަމަނުގެ އެތައްހާސް އާންމުން މަރުވެގޮސްފައި ވެއެވެ.
އދއިން ބުނެފައިވަނީ، ޔަމަނަކީ މިވަގުތު މުޅި ދުނިޔެއިންވެސް އެންމެބޮޑު އިންސާނީ ކާރިޘާގެ ހާލަތުގައިއޮތް ގައުމު ކަމަށެވެ.
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އާދިލް އަލް-ޖުބައިރު ވިދާޅުވީ، ޔަމަނުގައި ސައުދީން ކުރަމުންދާ ހަނގުރާމައަކީ ސައްހަ ހަނގުރާމައެއް ކަމަށެވެ އެ ހަނގުރާމައާ ގުޅުވައި ސައުދީއަށް ހަތިޔާރު ވިއްކުން ހުއްޓުވުމަކީ ދެކޮޅުޖެހޭ ކަމެއް ނޫންކަމަށެވެ.
ޖަރުމަނުން ސައުދީއަށް ހަތިޔާރު ވިއްކުން މަނާކޮށްފައި އޮތް މުއްދަތު މީގެކުރިން އެތައް ފަހަރަކުވަނީ އިތުރުކޮށްފައެވެ. އެންމެފަހުން އިތުރުކުރި މުއްދަތު ޑިސެމްބަރު 31 ގައި ހަމަވާއިރު، މުއްދަތު އިތުރުކުރުމާމެދު ގޮތެއް ނިންމާނީ އިތުރަށް މަޝްވަރާ ކުރުމަށް ފަހުގައިކަމަށް ޖަރުމަނު ސަރުކާރުންވަނީ ބުނެފައެވެ.
އާދިލް އަލް-ޖުބައިރު ވިދާޅުވީ، ސައުދީ އަރަބިއްޔާއަށް ދުނިޔޭގެ ކިތަންމެ ގައުމަކުންވެސް ހަތިޔާރު ގަނެވިދާނެ ކަމަށެވެ. ކޮންމެހެން ޖަރުމަނުގެ ހަތިޔާރު ސައުދީ އަރަބިއްޔާއަށް ބޭނުން ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.