ފިނި ހަނގުރާމައަށް ފަހު ގާއިމްވެފައި އޮތް ދުނިޔޭގެ ނިޒާމު މުޅިން ބަދަލުކޮށްލުމަށް ނެގީ އެންމެ 72 ގަޑިއިރެވެ. ޔޫރަޕްގެ 27 ގައުމުން ރަޝިޔާފަދަ މުހިންމު އަދި އެހާމެ ބޮޑު ގައުމަކާ ދެކޮޅަށް މިހާއަވަހަށް އެއްގަލަށް އަރައި ފިޔަވަޅު އެޅި ކަމާމެދު ޔޫރަޕަސްވެސް ވަނީ ހައިރާން ކަމެއް ލިބިފައެވެ.

ޔޫރަޕްގެ ލީޑަރުން ގަބޫލުކުރާ ގޮތުގައި އަވަސް ފިޔަވަޅުތަކެއް އަޅައި އަދި އެ އަވަސް ފިޔަވަޅުތަކުގައި ހަލުއި ގޮތަކަށް ބައިވެރިވާން އެމެރިކއަށްވެސް ބާރުއެޅީ ޔޫރަޕުންނެވެ.

ތެދެއް މެއެވެ. ޔޫކޭއިންވެސް ރަޝިޔާއާއާ ދެކޮޅަށް ދަތިކުރުގެ ފިޔަވަޅުތައް އިއުލާން ކުރީ ހީވެސް ނުކުރާހާ އަވަހަށެވެ. އަދި ކޮންޒަރވެޓިވް ޕާޓިއާއި ލޭބަރވެސް ވަނީ މިކަމުގައި އެއްގަލަކަށް އަރާފައެވެ. މިއީ ބޮރިސް ބޮޑު ވަޒީރުގެ މަގްބޫލުކަން ވެއްޓެން ދިއުމުން އޭނާ އެޅުއްވި އަވަސް ފިޔަވަޅެއް ކަމުގައިވެސް ވެދާނެއެވެ.

އަލަށް އީޔޫއަށް ވަދެފައި ތިބި އިރުމަތީ ޔޫރަޕްގެ ގައުމުތަކުން ގައުމުތަކުން އަބަދުވެސް ގޮވާލާފައިވަނީ ރަޝިޔާއާ ދެކޮޅަށް ހަރުކަށި ސިޔާސަތެއް ގެންގުޅޭށެވެ. އެކަމާ ދެކޮޅު ހަދަމުން ގޮސްފައި ވަނީ އީޔޫގެ ބޮޑެތި ގައުމުތައް ކަމަށްވާ ޖަރމަނީއައި އިޓަލީއާއި ފްރާންސްއިންނެވެ.

ޒަމާނުއްސުރެ ނޭޓޯއާ ދުރުގައި ދިފާއީ ސިޔާސަތު ގެންގުޅެފައިވާ ފިންލެންޑާއި ސްވިޑަން އިންވެސް މިހަރު ވިސްނަމުން ދަނީ ނޭޓޯގެ ދިފާއީ އިއްތިހާދާ ގުޅުމަށެވެ. ފިންލެންޑްގެ ޕަބްލިކް ބްރޯޑްކާސްޓަރަކު ހޯމަ ދުވަހު އާންމުކުރި ހިޔާލު ހޯދުމުގެ ސާވޭއަކުން ދައްކާ ގޮތުގައި ފިންލެންޑުގެ 53 ޕަސެންޓް މީހުން ވަނީ ނޭޓޯގެ މެމްބަރޝިޕަށް ތާއީދުކޮށްފަ އެވެ. ސްވިޓްޒަލޭންޑުން ވެސް ވަނީ ރަޝިއާގެ އެންމެ މަތީ ފަންތީގެ ވެރިންގެ އެސެޓްތައް ފްރީޒް ކުރާނެ ކަމަށް އިއުލާނުކޮށްފަ އެވެ.

ރަޝިޔާއައި ދެކޮޅަށް ހުޅަނގާއި އެމެރިކާއިން އަޅާފައިވާ މި ދަތިކުރުމުގެ ފިޔަވަޅުތަކަކީ މިހާތަނަށް މިވަރުގެ ގައުމަކާ ދެކޮޅަށް އެޅި އެންމެ ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކެވެ.

ޔޫރަޕިއަން ޕާލަމެންޓްގެ މެމްބަރުން ބުނާ ގޮތުގައި މި ހަނގުރާމައިން އެނގިގެން ދިޔަކަމަކީ، ޔޫރަޕާއި އެމެރިކާގައި އެއްބަޔަކު އަނެއް ބަޔަކަށް ބަރޯސާ ކުރާ މިންވަރެވެ. ޔޫރަޕްގެ ވެރިން ވިދާޅުވަނީ ޔޫރަޕުން އެއް ގަލަކަށް އަރައި މިފިޔަވަޅުތައް އެޅުމުން ޕޫޓިން އަށް ކުއްލި ސިހުމެއް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

ޔޫރަޕުގެ މި އަވަސް ފިޔަވަޅުތަކުން އެގައުމުތަކުގެ ވެރިންނަށްވެސް ހައިރާންކަމެއް ލިބިގެން ގޮސްފައިވާ ކަމަށް އީޔޫ މެމްބަރުން ބުނެއެވެ.